ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޯޑަރު ހުޅުވިފަހުން އައި އެއްލަކަ ވަނަ ޓޫރިސްޓު، ސްވިޓްޒަލޭންޑް މީހެއް

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އައި އެއްލައްކަ ވަނަ ޓޫރިސްޓަކީ ސްވިޒަލޭންޑުގެ މީހެވެ.

ބޯޑަރު ހުޅުވި ފަހުން އައި އެއް ލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިއުމުގެ ގޮތުން ވީއައިއޭގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މިދިޔަ ޖުލައި 15 އިން މިއަދުގެ ނިޔަލަށް އައި އެއްލައްކަ ވަނަ ޓޫރިސްޓަކީ ސުވިޒަލޭންޑުގެ އަންހެނެކެވެ. އައިސްފައި ވަނީ އޭނާގެ ބައިވެރިޔާއާއެކުގަ އެވެ. އެ ދެ މީހުން އައިސްފައި ވަނީ އެމިރޭޓްސް އެއާލައިން އިންނެވެ. ޗުއްޓީ ހޭދަ ކުރާނީ އެނބޫދޫ ވިލެޖުގަ އެވެ. ދެ މީހުން ރާއްޖޭގައި 14 ދުވަހު މަޑު ކުރާނެ އެވެ.

އެއް ލައްކަ ވަނަ ޓޫރިސްޓަށް ހޮވުނު ޖޭޒްމީން ބުނި ގޮތުގައި ރާއްޖެ އާދެވުމުން އޭނާ ވަނީ އުފާވެފަ އެވެ. ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލެވެ.

ބޯޑަރު ހުޅުވުމުގެ ކުރިން ސަރުކާރުން ފުރަތަމަ އަންދާޒާ ކުރީ މި އަހަރުގެ ނިޔަލަށް 850،000 ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް އެ އަދަދު ފަހުން ބަދަލުކޮށް މި އަހަރު ޖެނުއަރީން މާޗް މަހުގެ ނިޔަލަށް އައި ޓޫރިސްޓުންނާއެކު މި އަހަރުގެ ނިޔަލަށް ބައި މިލިއަން މީހުން އަންނާނެ ކަމަށެވެ.

ރާއްޖެ އިޝްތިހާރު ކުރަން މާކަބޮޑު މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ ފާޑު ކިއުން އަމާޒުވެފައިވާ، އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު ވިދާޅުވި ގޮތުގައި އެއް ލައްކަ ޓޫރިސްޓުން ހަމަވުމަކީ ބޮޑު އުފަލެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ޓޫރިސްޓުން އިތުރުވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ރެކޯޑު އަދަދަކަށް ޓޫރިސްޓުން އަންނާނެ އެވެ. އަދި އަންނަ އަހަރު ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާ ކުރެވެ އެވެ.