ޓޫރިސްޓް އެރައިވަލް

ޓޫރިސްޓުންގެ އަދަދު 1.1 މިލިއަން ފަހަނަ އަޅައިފި

Nov 27, 2021

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 1.1 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަން ޓޫރިސްޓުން ވަނީ އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މިހާތަނަށް އައި 449,498 ޓޫރިސްޓުންނާ އަޅާބަލާނަމަ 150 ޕަސެންޓުގެ އިތުރުުވުމެކެވެ.

ނަމަވެސް، މި ފަހުން އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި 2019 ވަނަ އަހަރާ އަޅާބަލާނަމަ 25 ޕަސެންޓުގެ ދަށް އަދަދެކެވެ.

ޓޫރިސްޓުން އައި 10 ގައުމު

  • އިންޑިއާ: 252,551
  • ރަޝިއާ: 202,277
  • ޖަރުމަނުވިލާތް: 81,223
  • އެމެރިކާ: 47,312
  • އިނގިރޭސިވިލާތް: 42,640
  • ސައޫދީ އަރަބިއްޔާ: 35,452
  • ސްޕެއިން: 32,612
  • ޔުކްރެއިން: 31,406
  • ފްރާންސް: 23,192
  • ސުވިޒަލޭންޑް: 21,123

މި އަހަރުގެ ވޭތުވެދިޔަ 11 މަސް ދުވަހަށް ބަލާނަމަ އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އޮކްޓޫބަރު މަހު އެވެ. އެ މަހު 142,066 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި އެންމެ މަދުން މިހާތަނަށް މީހުން އައިސްފައިވަނީ ޖޫން މަހު އެވެ. އެ މަހު 56,166 މީހުން އައިސްފައިވެ އެވެ. އަދި ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންނާއި ޓޫރިސްޓުން އެވްރެޖުކޮށް ތިބޭ މުއްދަތުވެސް އެންމެ ގިނަ މަހަކީ އޮކްޓޫބަރު މަހެވެ. އެ މަހު އެވްރެޖު ސްޓޭ 4,632 ގައި ހުރިއިރު ޓޫރިސްޓުން ތިބޭ މުއްދަތު (ޑިއުރޭޝަން އޮފް ސްޓޭ) ހުރީ 9.6 ދުވަހުގަ އެވެ.

މުޅި އަހަރުގެ 11 މަސް ދުވަހަށް ބަލާނަމަ އެންމެ މިހާރު ދުވާލަކު އެވްރެޖުކޮށް އަންނަނީ 3,435 ޓޫރިސްޓުންނެވެ. އަދި އެވްރެޖު ސްޓޭ ހުރީ 8.8 ދުވަހު އެވެ.

ޗައިނާގެ ވުއާން ސިޓީން ފެނުނު ކޮވިޑް-19 ގެ ވައިރަހާއެކު ދުނިޔެ ބަންދުވެ ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ އަހަރުގެ މާޗް 27 ގަ އެވެ. އަދި އަލުން ހުޅުވީ މިދިޔަ އަހަރުގެ ޖުލައި 15 ގަ އެވެ. އެ އަހަރު ރާއްޖެއަށް 555,494 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި ބޯޑަރު އަލުން ހުޅުވައި އެއް މިލިއަން ޓޫރިސްޓުން ހަމަވެފައިވަނީ އޮކްޓޫބަރު މަހު އެވެ.

މިހާރު ރާއްޖޭގެ ޓޫރިޒަމްގައި ޖުމްލަ 51,922 އެނދު ވަނީ ހިދުމަތަށް ނެރެވިފަ އެވެ. މީގެތެރޭގައި ހިމެނެނީ 160 ރިސޯޓުގައި ހުރި 37,352 އެނދާއި ގެސްޓްހައުސްގައި ހުރި 11,724 އެނދު އަދި 144 ސަފާރީގައި ހުރި 2,846 އެނދެވެ.