ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރާއްޖެ އަށް މިހާތަނަށް 44,365 ޓޫރިސްޓުން ޒިޔާރަތްކޮށްފި

Nov 8, 2020

ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 44,365 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 427,212 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައިވާއިރު، މި މުއްދަތުގައި ރާއްޖެ އަށް އެންމެ ގިނައިން މީހުން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 9,519 މީހުން ވަނީ އައިސްފައިވެ އެވެ. މިއީ ބޯޑަރު ހުޅުވިފަހުން އައި ޓޫރިސްޓުންގެ 21.5 ޕަސެންޓެވެ.

މި އަހަރުގެ މިހާތަނަށް ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 3,817 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިހާތަނަށް ރާއްޖެ އަށް ޓޫރިސްޓުން އުފުލާ ދީފައިވަނީ މޯލްޑިވިއަން އާއި ފްލައިމީ ހިމެނޭ ގޮތަށް 14 އެއާލައިން އަކުންނެވެ. އެންމެ ގިނައިން މީހުން ގެނެސްފައިވަނީ އެމިރޭޓްސް އިންނެވެ. އެމިރޭޓްސް އިން މިހާތަނަށް 16,276 މީހުން ރާއްޖެ ގެނެސްދީފައިވެ އެވެ. އަދި އެންމެ ގިނައިން ފްލައިޓް އަޅާފައިވަނީ ގަތަރު އެއާވޭސް އިންނެވެ. ގަތަރު އެއާވޭސް އިން މިހާތަނަށް 218 ފްލައިޓް ރާއްޖެ އަށް ބޭއްވި އެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 427,212 ޓޫރިސްޓުން އެވެ. މީގެ ތެރެއިން 382,760 މީހުންނަކީ ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެށުމުގެ ކުރިން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އައި މީހުންނެވެ.

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ 306 ތަނެއްގެ 32,622 އެނދު މިހާރު ހުރީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. މީގެތެރޭގައި ހިމެނެނީ 120 ރިސޯޓެއްގައި ހުރި 28,390 އެނދާއި 65 ގެސްޓްހައުސްއެއްގައި ހުރި 1,956 އެނދު އަދި 121 ސަފާރީއެއްގައި ހުރި 2,276 އެނދެވެ.