ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރިސޯޓުތަކުގެ 31،388 އެނދު އަލުން އޮަޕަރޭޝަނަށް

ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވިފަހުން މިހާތަނަށް 31،388 ރިސޯޓުގެ އެނދު އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ ތިން ވަނަ ދުވަހާ ހަމައަށް 15،689 ކޮޓަރީގެ 31،388 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް 133 ރިސޯޓެއް ވަނީ އަލުން ހުޅުވާފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ދެ ޔޮޓްމެރީނާއާއެކު އޮންނަ ޓޫރިސްޓު ހޮޓާ ވެސް ވަނީ އަލުން ހުޅުވާފަ އެވެ. މި ތަންތަނުގައި ހުރި ޖުމްލަ އެނދުގެ އަދަދަކީ 280 އެވެ. މިހާތަނަށް ހުޅުވާފައިވަނީ ދަ މެރީނާ އެޓް ކްރޮސް ރޯޑް މޯލްޑިވްސް އާއި ހައިޑްވޭ ބީޗް ރިސޯޓް ސްޕާ އެޓް ދުނިކޮޅު އައިލެންޑެވެ.

މިހާތަނަށް ޓޫރިސްޓު ހޮޓަލުގެ ގޮތުގައި ފަސް ތަނެއްގެ 602 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. އަދި 123 ސަފާރީއެއްގެ 2،330 އެނދުވެސް ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރު 15 އިން ފެށިގެން މިހާތަނަށް 132 ގެސްޓްހައުސްއެއްގެ 2568 އެނދު ވަނީ އަލުން ހުޅުވާފަ އެވެ.

ކޮވިޑް-19ގެ ބަލި ފެތުރެން ފެށުމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާޗް 15 ވަނަ ދުވަހު އެވެ. ބޯޑަރު ބަންދު ކުރިއިރު ރާއްޖޭގައި 150 ރިސޯޓާއި 600 ގެސްޓްހައުސް ހިންގި އެވެ. އަދި މި ތަންތަނުގެ އެނދުގެ އަދަދު ބައި ލައްކައަށް އަރަ އެވެ.