ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާއިރު، އޮޕަރޭޝަން ހުއްޓާލާފައިވާ ރިސޯޓުތަކުގެ ތެރެއިން އަލުން އޮޕަރޭޝަން ފަށާނީ 30 ރިސޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރިސޯޓުތައް ހުޅުވާލުމަށް ހަމަޖެހިފައިވާ ލިސްޓެއް މިއަދު ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާއިރު، ބޯޑަރު ބަންދު ކުރުމުން އޮޕަރޭޝަން ހުއްޓާލާފައިނުވާ ރިސޯޓުތަކާއެކު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުމްލަ 38 ރިސޯޓެއްގެ އޮޕަރޭޝަން ފަށާނެކަމަށް ބުނެފައިވެ އެވެ.
އެގޮތުން، އެ ރިސޯޓުތަކުން ޖުމްލަ 7،655 އެނދު އޮޕަރޭޝަނަށް އަންނާނެކަމަށް އެ ލިސްޓުގައި ބުނެފައިވެ އެވެ.
ޖުމްލަ 157 ރިސޯޓެއް ހިމެނޭ އެ ލިސްޓުގައި، ބޯޑަރު ހުޅުވާލުމަށްފަހު، މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން އިތުރު ހަތަރު ރިސޯޓެއް ހުޅުވާލާއިރު، އަންނަ އޯގަސްޓު މަހު އިތުރު 25 ރިސޯޓެއް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ބާކީ ހުރި ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތައް އޮކްޓޯބަރު މަހު އޮޕަރޭޝަނަށް ގެނެވޭނެކަމަށް އެ ލިސްޓުގައި ބުނެފައިވެ އެވެ.
ކޮވިޑް-19 އަށްފަހު، މި މަހު 15 ގައި ބޯޑަރު ހުޅުވާލުމާއެކު، ރާއްޖެ އަންނަން 11 އެއާލައިނުގެ ފްލައިޓް ޝެޑިއުލް އާއި ޓިކެޓުގެ އަގު ވަނީ އާއްމުކޮށްފަ އެވެ.
ބޯޑަރު ހުޅުވުމަށްފަހު މިމަހު ރާއްޖެއަށް 10،595 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީގެ ދިރާސާއެއްގައި ވަނީ އަންދާޒާކޮށްފަ އެވެ.
ގައުމީ ޔުނިވާސިޓީ ކޮވިޑުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ކޮށްފައިވާ އަސަރުގެ މައްޗަށް ބަލައި ހެދި ދިރާސާ އިން ދެއްކި ގޮތުގައި ވޯސް ކޭސް ސިނާރިއޯގައި ކޮންބައިކޮށް ބަލާނަމަ މިމަހު ރާއްޖެއަށް 10،595 ޓޫރިސްޓުން އަންނާނެ އެވެ. އަދި އަންނަ މަހު 11،172 މީހުން އަންނައިރު، ސެޕްޓެމްބަރު މަހު އަންނާނީ 9،430 މީހުންނެވެ. މީގެ އިތުރުން އޮކްޓޫބަރު މަހު 11،373 މީހުން އަންނައިރު، ނޮވެމްބަރު މަހު 11،058 މީހުން އަންނާނެ އެވެ. އަދި ޑިސެމްބަރު 13،738 އަށް އިތުރުވާނެ އެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ 27 މާޗު ގަ އެވެ. މި އަހަރު ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އެތެރެވެފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 382،760 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 646،092 މީހުންނާ އަޅާ ބަލާއިރު 40.8 ޕަސެންޓް ދަށްވުމެކެވެ.
ރާއްޖޭގެ ބޯޑަރު ދެ މަހެއްހާ ދުވަހަށް ފަހު ހުޅުވާލަން ނިންމިއިރު، ބޭރުން އަންނަ ޓޫރިސްޓުނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް އިން ބުނެފަ އެވެ. ޓޫރިޒަމް ހުޅުވާލި ނަމަވެސް ރާއްޖެ އަށް ލިބޭ އާމްދަނީ ދެ ދެބައިކުޅަ އެއްބައި ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފިނޭންސުން ބުނެފައިވާ ގޮތުގައި މި އަހަރު ޓޫރިޒަމް 50 ޕަސެންޓް ދަށްވެ، ދައުލަތަށް އާމްދަނީގެ ގޮތުގައި ކުރިން އަންދާޒާކުރި 30 ބިލިއަން ރުފިޔާގެ ބަދަލުގައި ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ.