ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިންޓަގްރޭޓެޑް ޓޫރިޒަމް ގަވައިދު ނިންމައި، ހިޔާލަށް ފޮނުވަނީ

އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގަން ބޭނުންވާ ގަވާއިދު ނިންމައި، ކަމާގުޅުން ހުރި ފަރާތްތަކުގެ ހިޔާލަށް ހުޅުވާލަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ވިދާޅުވި ގޮތުގައި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ގަވާއިދެއް ހެދުމަށެވެ. އެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ތައްޔާރުކޮށް ނިމިފައިވާ ކަމަށާ، މިހާރު ތައްޔާރު ވަމުން ދަނީ އިންޑަސްޓްރީގެ ހިޔާލަށް ހުށަހަޅަން ކަމަށެވެ.

"މިއީ ދައުލަތުގެ އާމްދަނީއާ ވެސް ގުޅުންހުރި ގަވާއިދެއް. މިއީ ރިއަލްއެސްޓޭޓް ޓޫރިޒަމް ވެސް މި އަންނަނީ އިންޓަރޭޓެޑް ޓޫރިޒަމް މޮޑެލްގެ ތެރެއިން. މަޖިލީހުން ދެއްވާފައި އެބައޮތް ތިން މަހުގެ މުއްދަތެއް މި ގަވާއިދު ޕަބްލިޝް ކުރަން. އެހެންވީމަ އަޅުގަނޑުމެން މިހާރު މި ގާނޫނު ފާސްވިތާ ހަފުތާއެއްހާ ދުވަސް ތެރޭގައި ފުރަތަމަ ޑްރާފްޓް ނިންމާލެވި، ހީވަނީ އަންނަ ހަފުތާގެ މެދުތެރޭގައި ރިލަވަންޓް ސްޓޭކްހޯލްޑާސް އަށް ހިއްސާ ކުރެވޭނެ އެބޭފުޅުންގެ މަޝްވަރާ އަށް،" ހުއްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް ބިމު ކުލި ނެގުމަށް ގެނެވުނު ބަދަލާއެކު، އެކަމާ ގުޅުންހުރި ގަވާއިދު ވެސް ކަމާ ގުޅުން ހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފޮނުވާފައި ވާނެ ކަމަށެވެ.

"ޔަގީންކަން އެބައޮތް ކުރިއަށް އޮތް ތިން މަހު މި ގާނޫނު [ޓޫރިޒަމް] ގެދަށުން ހަދަން ޖެހޭ ހުރިހާ ގަވާއިތަކެއް ހަދައި ގެޒެޓް ކުރެވޭނެ ކަމަށް،" ހުއްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ގަވާއިދުތަކުގެ އިތުރުން މުޅި ޓޫރިޒަމް ސިނާއަތުގެ ގާނޫނީ އޮނިގަނޑު ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފު ކުރަން ސަރުކާރުން ނިންމާފައިވަނީ، ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ. އެކަމަށްޓަކައި ޓޫރިޒަމް ގާނޫނަށް 20 އިސްލާހެއް ގެނެސްފައިވެ އެވެ. މި އިސްލާހުތަކާއެކު ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހި ކޮށްދީފަ އެވެ. މީގެ އިތުރުން، ރިސޯޓު ތަރައްގީ ކުރަން މިހާރު ދޫކޮށް، ނަމަވެސް ރިސޯޓު ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުގެ ޒަރިއްޔާ އިން ހައްލު ތަކެއް ވަނީ ހޯދައިދީފައި އެވެ.

މި އިސްލާހުތަކާއެކު ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓިގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށު ނޫނީ ސިޓީ ކައުންސިލު ތަކަށް މި ބިލުގެ ތެރެއިން ވަނީ ފުރުސަތު ފަހިކޮށްދީފައި އެވެ.

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ. މިގޮތުން، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިހާރު އަށް ޑޮލަރު ކަނޑައަޅާފައިވާއިރު، އެ އަދަދު މާލެ ނޫން އެހެން ހުރިހާ ސަރަހައްދު ތަކަށް ބިލުގައި ވަނީ ކުޑަކޮށްފައި އެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ރިއަލް އެސްޓޭޓް ޓޫރިޒަމުން މި އަހަރު 154.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.