އިދިކޮޅު ފަރާތްތައް

ޔާމީންގެ ކުށެއްނެތް، ވަގުތުން މިނިވަން ކުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވިފައިވާ ދައުވާއަކީ ސިޔާސީ އަދި ޒާތީ ދައުވާއެއް ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާއިފި އެވެ.

ޕީޕީއެމް / ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އިއްްވާފައިވާ ހުކުމަކީ އިންސާފުވެި ހުކުމެއް ނޫން ކަމަށާ އެއީ ސިޔާސީ އަދި ޒާތީ ދައުވާއެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށާ އެމަނިކުފާނަށް ނުހައްގުން ކުރަމުންދާ އަނިޔާތައް ހުއްޓާލާ، އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ފުރަތަމަ ދުވަހުން ފެށިގެން ގޮވާލަމުންދާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވިފައިވާ ދައުވާއަކީ ސިޔާސީ އަދި ޒާތީ ދައުވާއެއް ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ އިދިކޮޅު ކޯލިޝަނުން ފުރަތަމަ ދުވަހުން ފެށިގެން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ސަރުކާރު ހިންގާ ޕާޓީއާއި ސަރުކާރުންވެސް ގަބޫލުކުރާ ކަމުގެ ހެއްްކެއް ކަމަށެވެ.

"އެހެން ކަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާއަށް ނުހައްގުން ދެމުން ގެންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލާ، އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލަން." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމުގެ މާ ބޮޑު އިންސާފެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި އިސް ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ވަޓްސްއެޕްގައި "ރަށްވެހި ފަތިސް ލަންކާ" ގެ ނަމުގައި ހަދާފައި އޮންނަ ވަރަށް ހަރަކާތްތެރި ގްރޫޕަކަށް އެމަނިކުފާނު އަތްޕުޅުން ލިޔުއްވާ ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ. އެ މެސެޖް ވަނީ އަވަސް އަށް ލިބި އެކަން ކަށަވަރު ކުރެވިފަ އެވެ.

އެމަނިކުފާނު ދިވެހިން ލިޔުއްވާފައިވާ އެ މެސެޖުގައި ވިދާޅުވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.

އެ މެސެޖްގައި ދެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.

"މަރު ކޮމިޝަން ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ވަޓްސްއެޕްގައި ރައީސް ނަޝީދު ބޭނުންފުޅު ކުރައްވާ ނަމްބަރުން މި މެޖް ފޮނުއްވެވީ އެ ގުރޫޕްގައި އިންނަވާ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާގެ މެސަޖަކާ ގުޅުވާލައިގެނެވެ. އަދި ރައީސް ނަޝީދު އެ މެސެޖް ހިއްސާ ކުރެއްވުމާއެކު އެއަށް ތާއީދު ކުރައްވާ "މާ ބޮޑަށް ލަސްވެއްޖެ" ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގައި އެ މަނިކުފާނުގެ ޕްރެސް ސެކްރެޓެރީކަން ކުރެއްވެވި ކުރީގެ ނޫސްވެރިޔާ މުހައްމަދު ޒުހައިރު ވިދާޅުވެ އެވެ. އޭގެފަހަށް އެ މެސަޖަށް އެހެން ފަރާތްތަކުން ވެސް ތާއީދުކޮށް ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.

މި މެސެޖް ރައީސް ނަޝީދުގެ ފަރާތުން އައިރު އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ އިދިކޮޅު ބައެއް މެންބަރުން ކުރައްވާފައިވާ ޓްވީޓްތަކެއް ރައީސް ނަޝީދު ވަނީ ރޭ ރީޓްވީޓް ކުރައްވައިފި އެވެ.

ރައީސް ނަޝީދު ރީޓްވީޓް ކުރައްވާފައި ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓަކާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެކެވެ. އެ ދެ ޓްވީޓަކީ ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތައުރީފު ކޮށްފައިވާ ޓްވީޓްތަކެވެ.