ހަބަރު

ޕީޖީ ޝަމީމްގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދައިފި

Jul 8, 2020
2

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލާގައި، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިންސާފުވެރިކަމާމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ސުވާލު އުފައްދައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި އެ ހިޔާނާތުގެ ތެރެއިން މަނީ ލޯޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މިހާރުގެ ޕީޖީ ޝަމީމަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލަކަށް ކުރިން އުޅުއްވި ބޭފުޅަކަށް ވާތީ، އިންސާފުވެރިކޮށް ޝަމީމަށް އަމަލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އިއްޔެ އެ މީހުންގެ ވަކީލަކަށް ހުންނަވާފައި، މިއަދު އެ މީހުން ބޭނުން ކުރައްވައިގެން އިދިކޮޅު ލީޑަރުގެ މައްޗަށް ދައުވާ އުފުލާތަން މި ފެންނަނީ. އަޅުގަނޑަށް ފެންނަނީ ވަރަށް ދެރަވަރު، ވަރަށް ލަދުވެތި، ހުތުރު އަމަލެއް އެ ހިންގަވަނީ،" ޖަމީލް ވިދާޅުވި އެވެ.

އެ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެފައިވާ އަދީބާއި ޒިޔަތުވެސް ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދީފައިވާއިރު، ޖަމީލް ވިދާޅުވީ ކުށުގެ އަސްލު ބައިވެރިން ދައުލަތުގެ ހެކިވެރިންގެ ގޮތުގައި ބަލައިގަންނާނެ އެއްވެސް ނިޒާމެއް މުޅި ދުނިޔޭގައި ނޯންނާނެ ކަމަށެވެ.

އަދި އެފަދަ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައިވެސް ކަނޑައަޅާފައި އޮންނައިރު، އަދީބާއި ޒިޔަތު ހެކިވެރިންގެ ގޮތުގައި ބަލައިގަނެ، އެ މީހުން ގޭ ބަންދުގައި ތިބީ ކޮން އުސޫލަކުންތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.

"އަސްލު މުއްތަހަމުންނަށް ޕްލީ ބާގެއިންކޮށް، އެ މީހުންނަކީ ކުށް ސާބިތުވެފައި ވެސް ތިބި މީހުން. އަލަށް އަޅުގަނޑުމެން އަޑު މި އެހީ ދުނިޔޭގެ އެހެން ތަންތަނުގައި އަސްލު މުއްތަހަމުން ހޯދަން މަސައްކަތް ކުރަނީ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި 150 އަށް ވުރެ ގިނަ ފަރާތްތަކެއްގެ މައްޗަށް ތުހުމަތުކުރެވޭއިރު، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ލީޑަރާއި އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ބަލަން ކަމަށް ޖަމީލް މިއަދު ތުހުމަތު ކުރެއްވި އެވެ.

"ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅާ އަށް އެކަނި މި މައްސަލާގެ ތުހުމަތު ރައްދުވަނީ. ކޮބައިތޯ ދެން ތިބި މީހުން؟. ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން؟. ކެރޭނެތޯ އެންމެން އެކު އެކީގައި ފުލުހުންގެ މުއައްސަސާއަށް ހާޒިރުކޮށްގެން އެކު އެކީގައި ސުވާލު ކުރަން؟. އެ މަންޒަރު ފެނިގެނެއް ނުދޭ،" ފުލުހުންގެ އިދާރާ ވެސް އޮތީ ސިޔާސީ ވެފައި ކަމަށް ތުހުމަތު ކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.

ޖަމީލް މި ގޮތަށް ވިދާޅުވެފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން، ޕީޖީ ޝަމީމާ ބައްދަލު ކުރައްވުމަށް ފަހު ޕީޖީއަށް ތައުރީފުކޮށްފައި ވަނި ކޮށެވެ.

ޝަމީމަށް އިންސާފުވެރިކޮށް އަމަލު ނުކުރެއްވޭނެ ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވިއިރު، ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށާއި އެ ފައިސާ ބަލައި ވަޑައިގެންނެވީ އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށް ވިދާޅުވެފަ އެވެ.