ރައްޔިތުންގެ މަޖިލިސް

ބޮޑު ހިޔާނާތުން ގޮނޑި ގެއްލި ދާނެ މަޖިލީހުގެ 16 މެމްބަރުން

ދާދި ފހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބި ވަޑައިގެންނެވި ބައެއް މަޖިލިސް މެމްބަރުންގެ މެންބަރު ކަމުގެ ގޮނޑި ގެއްލިދާނެ އެވެ؛ އޭގެ ފަހުން ގިނަ ދުވަސް ނުވެ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި ތަންތަނު ލިސްޓް ލީކް ކޮށްލާފައިވާއިރު މިހާރު މިއޮތް 19 ވަނަ މަޖިލީހުގެ 16 މެމްބަރަކު އެ ލިސްޓްގައި ހިމެނެ އެވެ. އެހެން ކަމުން ރައީސް ނަޝީދު ވިދާޅުވި ގޮތަކަށް މަޖިލީހުގެ 16 މެންބަރެއްގެ ގޮނޑި ހިޔާނާތާ ހެދި ގެއްލިދާނެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓް ލީކް ކޮށްލާފައިވާ އިރު އޭގެ ކޮޕީއެއް "އަަވަަސް" އަށް ވެސް ލިބިފައި ވެއެވެ.

އެ ލިސްޓުގައި ހިމެނޭ މިހާރުގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

ލިސްޓްގައި އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅަކު ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އަދި އެމްޑީޕީގެ ޕާލަމަންްޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނެ އެވެ. އެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވެސް ލިސްޓުގައި ހިމެނެ އެވެ.

ލިސްޓުގައި ހިމެނޭ ޕީޕީއެމް / ޕީއެންސީގެ މެމްބަރުންގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރުން ހުސެއިން މުހައްމަދު ލަތީފް އަދި ނައިފަރު ދާައިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫންގެ އިތުރުން މެމްބަރު އިބްރާހިމް ރިޒާ ހިމެނެ އެވެ.

ލިސްޓުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރޭގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ހިމެނި ވަޑައިގަންނަވަ އެވެ.

މިނިވަން މެމްބަރުންގެ ތެރެއިން ލިސްޓުގައި ހިމެނުނު ބޭފުޅުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ. އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ނަން ވެސް އެ ލިސްޓުގައި ވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި 18 ވަނަ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވެސް ހިމެނި ވަޑައިގަންނަވަ އެވެ.