ޑރ. މުހައްމަދު ޖަމީލް އަހުމަދު

"މުއިއްޒަށް އުނދަގޫ ކުރަނީ ބަލިވާނެތީ"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އުނދަގޫތައް ކުރުމަތި ކުރުވަނީ އިންތިހާބުގައި އެމްޑީޕީ ބަލިވާނެކަން ޔަގީންވާތީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅު ވެއްޖެ އެވެ.

ޖަމީލު ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރު ފައިނަގާފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ ހަލާކު ކޮށްލަން ކަމަށާއި މުއިއްޒަށް ގޯނާ ކުރަނީ އިންތިހާބުން އެމްޑީޕީ ބަލިވާނެތީ ކަމަށެވެ. އަދި އޭނާ ވަނީ އޭސީސީ އާއި ޕީޖީއަކީ ޕަޕެޓުންތަކެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ޖަމީލް ވިދާޅުވީ ޕަޕެޓުންތަކެއް ކުރާނެ ތަހުގީގެއް ނޯންނާނެ ކަމަށާއި ކަން ހިނގަމުންދާ ގޮތް ވަރަށް ރަނގަޅަށް ފެންނަ ކަމަށެވެ.

"ކޮންމެ ވާހަކައެއް ދެއްކިޔަސް އެމްޑީޕީ ސަރުކާރުން ފައިނަގާފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ ހަލާކު ކުރަން. ޑރ. މުއިއްޒަށް
ގޯނާ ކުރަނީ އިންތިހާބުން އެމްޑީޕީ ބަލިވާނެކަން ޔަގީންވާތީ. ޕަޕެޓުންތަކެއް ކުރާނެ ތަހުގީގެއް ނޯންނާނެ. ރައްޔިތުން ވަރަށް ކައިރިން ތިސަކަރާތް އެބަބަލާ." ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ މުއިއްޒު އޭސީސީއަށް ހާޒިރު ކުރުމަކީ އިންތިހާބީ ހައްގު ނިގުޅައިގަތުމަށް ކުރާ ކަމެއް ކަމަށެވެ. އަދު ކެނޑިޑޭޓުންގެ ހައްގުތައް ހޯދައި ދޭން އިލެކްޝަންސް ކޮމިޝަނަށް ވެސް ޖަމީލު ގޮވާލެއްވި އެވެ.

މުއިއްޒާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލައެއްގައި އެ ކޮމިޝަނަށް ހާޒިރުވާން އިއްޔެ ވަނީ އަންގާފަ އެވެ. އޭނާ ހާޒިރުވާން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހަށެވެ. މުއިއްޒު ވިދާޅުވީ އެއީ ސަރުކާރުން އަންގައިގެން ކުރާ ކަމެއް ކަމަށާ ބޭނުމަކީ ކެންޕެއިނަށް ހުރަސް އެޅުން ކަމަށެވެ.

"އަޅުގަނޑު ކެންޕެއިނަށް ސަރުކާރުން ހުރަސް އެޅުމަށް، އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުމަށް، އަބުރު ކަތިލުމަށް ސަރުކާރުން އަންގައިގެން 23 މާޗްގައި އޭސީސީއަށް ހާޒިރު ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.