ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު އޭސީސީއަށް ހާޒިރުވެ ވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އޭސީސީން ބަލަން ފެށި މައްސަލައަކާއި ގުޅިގެން އެ ކޮމިޝަނަށް މުއިއްޒު މިއަދު ހާޒިރުވެ ވަޑައިގެންފި އެވެ.

މުއިއްޒު އޭސީސީއަށް ހާޒިރުވެ ވަޑައިގަތީ މިއަދުގެ ހެނދުނު އެވެ. ހާޒިރުވެ ވަޑައިގަތުމަށްފަހު އަވަސް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އޭސީސީއަށް ހާޒިރުވާން އެންގީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާއި ގުޅޭ ބައެއް ތުހުމަތުތަކާއި އެތަނުގެ ބައެއް އިމާރާތްތަކަށް ގެނައި ބަދަލާއި ގުޅިގެން ހުރި މައްސަލަތަކާ ގުޅުވައިގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުރިން މި މައްސަލައިގެ ތަފުސީލު ދީފައި ނުވާތީ ވަކީލަކު ހޯއްދެވި ކަމަށެވެ. އަދި މައްސަލައިގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މާދަމާ ހެނދުނު 10:25 އަށް ވަކީލަކާއެކު އޭސީސީ ވަޑައިގަންނަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާ ހާޒިރު ކުރީ ސިޔާސީ ބޭނުމަށް ސަރުކާރުގެ ނުފޫޒާއެކު ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސީދާ މަގުސަދު އެނގި ވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ހަގީގަތަކީ އިންތިހާބަށް ހުރަސް އެޅުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި މައްސަލަ އާއި ގުޅޭ ހުރިހާ ސުވާލަކަށް ވެސް އޭނާ ސާބިތު ކަމާއެކު ޖަވާބުދާރީވެ ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ކެންޕެއިނަށް ހުރަސް އެޅުމަށާއި ނުފޫޒު ފޯރުވުމަށް މި ކަންކަން ފެށީތީ އަދި އިތުރު ހިތްވަރެއްގަ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އޭސީސީއަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނުކުމެ ވަޑައިގަތް ފަހުން ވެސް އެތެރެއަށް ވަދެ ވަޑައިގަތުމަށް މިއަދު އެންގި އެވެ. ނަމަވެސް ދެވަނަ ފަހަރަށް އޭސީސީއަށް ހާޒިރުކުރީ ކޮން ސަބަބަކާއި ހެދިކަން ސާފެއް ނުވި އެވެ.

މިއަދު އޭސީސީއަށް ހާޒިރު ކުރި އިރު މުއިއްޒު މައްޗަށް ވަނީ ދޮގު ބަޔާނެއް ދިނުމުގެ ދައުވާއެއް ވެސް އުފުލާފައެވެ. އެ މައްސަލަ ފޮނުވީ ޖޫން 14، 2020 ގައެވެ.