ޑރ. މުހައްމަދު މުއިއްޒު

"ޔާމީނަށް ފުރުސަތު ނެތް ހާލަތެއް ނުފެނޭ"

ދެހާސްތޭވީހުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓްގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ނޯންނާނެ ހާލަތެއް ފެނިވަޑައި ނުގަންނަވާ ކަމަށާ އެ ނޫން ހާލަތަކާމެދު ވިސްނަވަން ވެސް ބޭނުންފުޅު ނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މިވަގުތު ފަސް އަހަރުގެ ޖަލު ހުކުމެއް އެބައޮތެވެ. އެ މައްސަލައިގެ އިސްތިއުނާފު މިހާރު ސުޕްރީމް ކޯޓްގައި ކުރިއަށް ދާއިރު ދަށު ކޯޓްގެ ހުކުމް ދަމަހަައްޓައިފިނަމަ ރައީސް ޔާމީނަށް އިންތިހާބުން ފުރުސަތެއް ނޯންނާނެ އެވެ. އަދި އެ ހުކުމް ބާތިލު ކުރި ނަމަވެސް މިހާރު ދަށު ކޯޓް މަރުހަލާގައި ހިންގާ ޝަރީއަތްތަކުން އިތުރު ހުކުމެއް އަތުވެއްޖެ ނަމަ އިންތިހާބުން ފުރުސަތު ނުލިބޭނެ އެވެ.

އެހެން ކަމުން 2023 ގެ އިންތިހާބުން ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައި ނުގަންނަވާނެ ކަމަށް ގަބޫލު ކުރާ މީހުން ގިނަ އެވެ.

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބަޔަކު އެގޮތަށް ގަބޫލުކުރިނަމަވެސް ރައީސް ޔާމީނަށް 2023ގެ އިންތިހާބުން ފުރުސަތު ނެތް ހާލަތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެމަނިކުފާނުގެ މައުސޫމްކަން ސާބިތުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ ސުޕްރީމް ކޯޓުން އެމަނިކުފާނު [ރައީސް ޔާމީން] ސަލާމަތްވެވަޑައިގަންނަވާނެ މަންޒަރު. އަދި ދަށު ކޯޓްގައި ހުރި މައްސަލަތަކަކީ ސިޔާސީ ދައުވާތަކެއް. އެ ބައްލަވަނީ ކޮންމެ ވެސް ގޮތަކުން އެމަނިކުފާނު ފްރޭމް ކުރެވޭތޯ ދައުލަތުން. އެހެން ނުވެއްޖިއްޔާ މިގޮތުން. މިގޮތުން ނުވެއްޖިއްޔާ ކޮންމެވެސް ގޮތަކުން ވެސް އެމަނިކުފާނު ކުށްވެރިއަކަށް ހެދުމަށް. ރައީސް ޔާމީނާ ޖެހުނީމަ އިންސާފު މި އޮތީ އެކޮޅު ކޮޅުން ޖެހިފައި. އެހެން ނަމަވެސް އަޅުގަނޑުގެ އެއްވެސް ކަލްކިއުލޭޝަނެއް ނެތް އެމަނިކުފާނު މިނިވަން ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑަށް ފެންނަނީ ސުޕްރީމް ކޯޓުން އެމަނިކުފާނު [ރައީސް ޔާމީން] ސަލާމަތްވެވަޑައިގަންނަވާނެ މަންޒަރު. އަދި ދަށު ކޯޓްގައި ހުރި މައްސަލަތަކަކީ ސިޔާސީ ދައުވާތަކެއް. އެ ބައްލަވަނީ ކޮންމެ ވެސް ގޮތަކުން އެމަނިކުފާނު ފްރޭމް ކުރެވޭތޯ ދައުލަތުން. އެހެން ނުވެއްޖިއްޔާ މިގޮތުން. މިގޮތުން ނުވެއްޖިއްޔާ ކޮންމެވެސް ގޮތަކުން ވެސް އެމަނިކުފާނު ކުށްވެރިއަކަށް ހެދުމަށް. ރައީސް ޔާމީނާ ޖެހުނީމަ އިންސާފު މި އޮތީ އެކޮޅު ކޮޅުން ޖެހިފައި. އެހެން ނަމަވެސް އަޅުގަނޑުގެ އެއްވެސް ކަލްކިއުލޭޝަނެއް ނެތް އެމަނިކުފާނު މިނިވަން ނުވާނެ
ޑރ. މުހައްމަދު މުއިއްޒު | މާލޭގެ މޭޔަރު

ރައީސް ޔާމީން ނޫން އެހެން އެއްވެސް ބޭފުޅަކަށް 2023 ގައި ޕީޕީއެމުން ފުރުސަތު ނެތުމަކީ ޕާޓީގައި ޑިމޮކްރަސީ ނެތުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ވިދާޅުވުމަށްވެސް މުއިއްޒު ރައްދު ދެއްވިއެވެ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވަނީ ނުހައްގު ހުކުުމެއް ކަމަށާ އެއީ ޕީޕީއެމް އާއި ޕީއެންސީގެ މުޅި ލީޑާޝިޕް އިއްތިފާގުވާ ކަމެއް ކަމަށެވެ.

އަދި ޕާޓީގައި ޑިމޮކްރަސީ އެބައޮތް ކަމަށް ވިދާޅުވެ ހުރިހާ މެންބަރުން އިއްތިފާގުވާ ކަމެއްގައި އެ ނޫން ފުރުސަތުތަކެއް އޮންނަން ޖެހޭތޯ ސުވާލު ކުރެއްވިއެވެ. 2023ގެ އިންތިހާބަށް ޕީޕީއެމަށް އޮތް އެންމެ މޮޅު ފުރުސަތަކީ ރައީސް ޔާމީން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ ރާއްޖެއަށް އޮތް ހަމައެކަނި އިހުތިޔާރު ކަމަށްވެސް ވިދާޅުވިއެވެ.

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ގެ މި ހަފްތާގެ ޕްރަގްރާމް -- އަވަސް ވީޑިއޯ: އަހުމަދު ރަމީޒު (އަންދު)

ކޮންމެ ޕާޓީއެއްގައިވެސް ހިޔާލުތަފާތުވުން ނެތި ހުރިހާ އެންމެން އެއްބަސްވާ ކަންކަން ހުންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ އެ ނޫން އެއްވެސް ހާލަތަކަށް ވިސްނަންވެސް އަޅުގަނޑުމެން ބޭނުމެއް ނޫން،" ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްގައި ދެން އަމަލު ކުރާނީ ކިހިނެތްތޯ ދެންނެވުމުން މުއިއްޒު ވިދާޅުވިއެވެ.

ކުރިއަަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީޕީއެމް އާއި ޕީއެންސީ ކައުންސިލުން ވަނީ ނިންމާފައެވެ.

ޔާމީންގެ ޝަރީއަތުގެ ހުލާސާއެއް

ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ރައީސް ޔާމީނަށް ދެއްވި ފުރުސަތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަދުލުގެ ދިގު މަރުހަލާ ފެށެނީ ތަހުގީގު މަރުހަލާއިން ކަމަށެވެ. ފަނޑިޔާރުންގެ ނިޔާގެ މުގުރު ނަންގަވާއިރު ވަށައިގެންވާ ހުރިހާ ކަންކަމަކަށް ބެއްލެވުމަށް އެދިވަޑައިގަތެވެ. އަދި އެމަނިކުފާނުގެ ޝުއޫރުތައް އެއްސެވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހިއްސާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އޭސީސީގެ ރައީސް ހަސަން ލުތުފީ އަދި އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ ބަޔާނުގައި އެމަނިކުފާނާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ތަހުގީގު މަރުހަލާގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އެމަނިކުފާނު ތަހުގީގަށް ދެއްވި ބަޔާނުގައި ވޮޑުމުލާ ކުއްޔަށް ދީގެން ހޯދާފައިވާ ފައިސާ އާއި ގުޅުންހުރި އެއްވެސް ވާހަކައެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން އެއްވެސް ކަމެއްް ސާފުކުރަން ސުވާލެއް ވެސް ކުރައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ގޮތް ކަނޑައަޅާއިރު މިކަންކަމަށް ރިއާޔަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ދައުލަތުގެ ފަރާތުން އަދުލުގެ ނިޒާމަށް އަތް ބޭނުމަށްޓަކައި ކޮށްފައި ހުރި މަސައްކަތް މި ފެންނަނީ. މީގައި ގާނޫނީ ނުކުތާއެއް އިންސްޓިލް ކުރާކަށް ދައްކާ ވާހަކައެއް ނޫން މީކީ، މިއީ ޝައްކުން ފުރިފައިވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މައްސަލައެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މައްސަލައިގެ މިހާ ހިސާބަށް އައިރު ގިނަ ހައްގުތަތަކަކުން މަހުރޫމް ވެފައިވާ ކަމަށެވެ. މުޅި މި މައްސަލަ އަކީ މަކުނުވަލުން ފުރިފައިވާ މައްސަލައެއް ކަމަށާއި އެންމެ ފުނަށް ވާސިލް ވެވޭނީ އެ މަކުނުވާތައް ސާފުކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުތައް އެއްސެވުމަށްފަހު ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ފަނޑިޔާރުން ގޮތް ނިންމެވުމުގައި ފާޅުކުރާ ޝުއޫރަކަށް ނުބައްލަވާނެ ކަމަށެވެ، ފަނޑިޔާރުން ބައްލަވާނީ ގާނޫނުގައިވާ ކަންކަމާއި ހެއްކާއި ގަރީނާގެ މައްޗަށް ކަމަށެވެ.

ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ މި މައްސައަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މައްސަލައެއް ކަމަށެވެ. ރައީސް ޔުާމީންގެ އެކައުންޓްގައި ހުރީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން އެވިދާޅުވާ ކެމްޕޭނު "ހަދިޔާ"ގެ ގޮތުގައި ހެޔޮއެދޭ ފަރާތްތަކުން ދީފައިވާ ފައިސާ ކަމަށް އެ ވިދާޅުވާ ފައިސާގެ ސައްހަކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. ސަބަބަކީ އެމަނިކުފާނު އޭރު ހުންނެވި މަގާމުގެ ގޮތުން ގާނޫނީ ނަޒަރަކުން ބަލާއިރު އެފަދަ ހަދިޔާ ބަލައި ނުގަނެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިދު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ.