ޑރ. މުހައްމަދު މުއިއްޒު

މަސައްކަތުގެ މޭސްތިރިޔަކީ ރައީސް ޔާމީން: މޭޔަރު

މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން ކުރައްވާ އަދި ކުރައްވާނެ މަސައްކަތަކުގެ ހަގީގީ މޭސްތިރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ އިދިކޮޅުގެ ވާހަކަ ގެނެސްދޭ "ޗެނަލް 13" އިގެ ޕްރޮގްރާމެއްގައި ރޭ ބައިވެރިވެވަޑައިގެނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުއިއްޒު ވިދާޅުވީ މާލޭ މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިހާތަނަށް ކުރައްވާފައިވާ އަދި ކުރައްވާ ހުރިހާ ކަމެއް ވެސް ކުރައްވަނީ ރައީސް ޔާމީން ދެއްވާފައިވާ އިރުޝާދަށް ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވުމަށް ފަހު މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ. މުއިއްޒު ވިދާޅުވީ ކައުންސިލުން ކުރާ މަސައްކަތް ތަކުގައި އެމަނިކުފާގެ ލަފައާއި އިރުޝާދު ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް އިސްކަން ދެއްވާ އެއް ދާއިރާ ކަމަށާއި އެ މަނިކުފާނުގެ އިރުޝާދާއެކު ރަނގަޅަށް މަސައްކަތް ކުރެއްވޭ ކަމަށެވެ.

"ގައުމުގެ ތަރައްގީއަށް ކުރާ ކަންކަމުގައި ރައީިސް ޔާމީންގެ އެކްސްޕެކްޓޭޝަން ލެވެލް ވަރަށް މަތި،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު އޮތް އިރު ގައުމުގެ ތަރައްގީ އަށް އަދި ރައްޔިތުންނަށް ފަސޭހަ ކޮށްދޭން މުހިއްމު ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކަން އެއީ ހަގީގަތް ކަމަށާއި އެ މަސައްކަތްތަކަށް މި ސަރުކާރާއެކު ލޮޅުން އަރާފައިވާ ކަމަށެވެ.

"މި ގައުމުގެ ކަންކަން މިހާރު ކުރިއަށްދަނީ ބޭރުގެ ގައުމުތަކުން ބޭނުންވާ ގޮތަށް. ރާއްޖޭގެ ދަރަނި އެތައް ގުނައަކަށް ބޮޑުވެފައި މިވަނީ. އަދި މިހާރު މިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓް ވެފައި،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ގައުމު ކުރިން އޮތް ހާލަތައް ގެންދަން އަދި ގައުމަށް އަލުން ތަރައްގީ ގެންނަން ރައީސް ޔާމީން އަލުން ވެރިކަމަށް ގެންނަން ޖެހޭ ކަމަށެވެ. އެދުވަސް އޮތީ މާދުރުގައި ނޫން ކަމަށާއި ރައީސް ޔާމީން ވެރިކަމަށް އަލުން ވަޑައިގަންނަވާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލެ ސިޓީ ކައުންސިލްގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތަކެއް ގެނެސް މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް މީހުން ފާހަގަ ކުރެ އެވެ.