މާރިޔާ އަހުމަދު ދީދީ

މުއިއްޒަކީ އާބޭފުޅެއް ނޫން، ޔާމީނާއެކު ހުރިހާ ކަމެއްގައި ބައިވެރިވި: މާރިޔާ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔާމީނާ އެކު ހުރިހާ ކަމެއްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ޕީޕީއެމް އިން މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނުނިކުތް ކަމުގައިވިޔަސް ޕީއެންސީގެ ބޭފުޅުންގެ ވިސްނުމަކީ ޕީޕީއެމްގެ ވިސްނުމާ ވަރަށް ގާތް ވިސްނުމެއް ކަމަށެވެ. އަދި މުއިއްޒަކީ ޔާމީނާއެކު، ޔާމީނުގެ ވެރިކަމުގައި ހުރިހާ ކަމެއްގައިވެސް ބައިވެރިވި މީހެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ 2018 ގައި މުއިއްޒު ހިނގި ހުރިހާ ކަމެއް. 2013 އިން 2018 އަށް ހިނގި ހުރިހާ ކަމެއްގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްހެން މުއިއްޒުގެ ބައިވެރިވުން އެބައޮތޭ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވާހަކަތައް ދައްކަނީ ކޮންމެހެން މުއިއްޒަކީ އެމްޑީޕީއަށް "ޗެލެންޖަކަށް" ވެގެނެއް ނޫން ކަމަށެވެ. އަދި ޕީއެންސީ އިން މުއިއްޒު ނިކުމެވަޑައިގެން އޭނާގެ ބައިވެރިވުމެއް ކުރީގައި ވެފައި ހުރި ކަންތަކުގައި ނެތޭ ބުނެ ވާހަކަ ދެއްކެވި ނަމަވެސް މުއިއްޒަކީ އާ ބޭފުޅެއް ނޫންކަން ރައްޔިތުންނަށް އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި އެ ބޭފުޅުން އާ ނަމެއްގައި އެ ނިކުމެ ވަޑައިގަންނަވަނީ ހަމަ އެ ނޫން މީހާ ކަމަށް ހެދިވަޑައިގެން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ކެމްޕޭން ކުރުމަށް އޮންނަ އުސޫލު ފިޔަވާ އެ ނޫން ގޮތަކަށް ފައިސާ ހޯދާފައި ނުވާނެ ކަމަށެވެ. އަދި މިއީ ކެމްޕޭން ކުރުމަކީ އެމްޑީޕީން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި ރައީސް އެ ހުރިހާ ކަމެއް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅުއްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ރައީސް ޔާމީނުގެ ވީހެން ކެމްޕެއިނަށް ދިން ފައިސާ އެކޭ ކިޔާފަ މިލިއަނުން ޑޮލަރު އޮވެފަ ކެމްޕެއިނަށް ހަރަދު ނުކޮށްފަ އެ ނުޖެހޭނެ ޕާޓީއަށް އަނބުރާ ދޭކަށް. އެކަލަ ވާހަކަތަކެއް ނުދާނެ. ހަމަ ވަރަށް ސާފު ކެމްޕެއިނެއް ރައީސް ސޯލިހު ކުރައްވަމުން އެ ގެންދަވަނީ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގެން އޭނާއާއި ޖެހިގެން ރައީސް ޔާމީނު އިންނަވާނެ ކަމަށް ދެންނެވި ކަމުގައިވިޔަސް އޭނާ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ޔާމީނު ޖަލުން ނުނެރުއްވާނެ ކަން މާރިޔާ އަށް ޔަގީން ކަމަށެވެ.

އޭގެ އިތުރުން، މާރިޔާ ވިދާޅުވީ ޕީޕީއެމް އިން މި އިންތިހާބުގައި ބައިވެރިވެފައެއް ނެތް ކަމަށެވެ.

"އެހެންވީމަ ދަންނަވަން މިއުޅެނީ ޕީޕީއެމް ގެ ކުލަވެސް ކަރުދާސް ކޮޅުގަ ނެތޭ. އެ އިންތިހާބު ނިމިގެން ދާއިރު ޕީޕީއެމް މި ރާއްޖޭގެ މި ކަރުދާސްކޮޅުން ފޮހެވިގެން ދާނެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ ވައުދުވާ އަދި ވައުދު ފުއްދާ ޕާޓީ އެއް ކަމަށެވެ. އަދި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ދެއްކި ވާހަކަ ތަކުރާރު ކުރައްވަމުން ވިދާޅުވީ މުއިއްޒު ވެފައި ވަނީ ރައީސް ސޯލިހު ފުއްދަވާފައޮވާ ވައުދުތަކެއް ވިއްކަވާ ބޭފުޅަކަށް ކަމަށެވެ.

ހުރިހާ ކެންޑިޑޭޓުންނަށް ވެސް ކެމްޕޭން ކުރުމުގެ ފުރިހަމަ ޖާގަ ދޭން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެމްޑީޕީން ބޭނުންވަނީ އެކަން އެ ގޮތަށް ކުރުމަށް ކަމަށާއި އެ ގޮތަށް މަގު ފަހިކޮށްދޭން ކުރެވެން އޮތް ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެމްޕެއިނު ޓީމުތަކުން އަނިޔާވެރިވެ ހުރަސް އެޅުމަކަށް އަޅުގަނޑުމެންގެ ލީޑާޝިޕުން ވާގިވެރިއެއް ނުވާނެ." މާރިޔާ ވިދާޅުވި އެވެ.