ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަކީ "ކޮޕީ ކެޓެއް" ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މުއިއްޒަށް ފާޑު ވިދާޅުވެއްޖެ އެވެ.
މާރިޔާ ކޮންމެ ދުވަހަކުވެސް ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކޮށް ކަންކަން ކުރައްވާ އުސޫލުން މިއަދުވެސް ވަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މާރިޔާ ވިދާޅުވީ ޑރ. މުއިއްޒު ގެންދަވަނީ ވަޑައިގަންނަވާހާ ރަށެއްގައި ރައީސް ސޯލިހްގެ މެނިފެސްޓޯގައިވާ ސިޔާސަތުތައް ނަކަލް ކުރައްވައިގެން ރަށްރަށުގައި އެކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ކަމަށެވެ. އެހެންވެ ޑރ. މުއިއްޒުއަށް އަމާޒުކުރައްވާ މާރިޔާ މިއަދު ތަކުރާރުކޮށް ވިދާޅުވީ މުހާތަބް ކުރެއްވީ "ކޮޕީ ކެޓް"ގެ ނަމުންނެެވެ.
ގދ. ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްފަހު ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދޭނެ ކަމަށް އިއުލާންކުރައްވާފަ އެވެ. އަދި ރޭ ބ. އޭދަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވަނީ ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.
މުއިއްޒު މި ދެ ވައުދު ވެވަޑައިގަތުމާ ގުޅިގެން މާރިޔާ މިއަދު ވިދާޅުވީ އެއީ ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދުތަކެއް ކަމަށެވެ. ރައީސްގެ ބައެއް ވައުދުތަކަށް މުއިއްޒު ކުދިކުދި ބައެއް ބަދަލު ގެނައި ނަމަވެސް އާ ކަމެއްގައި ވައުދުވާން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެފަހުން މުއިއްޒުއަށް ނިސްބަތް ކުރައްވާ މާރިޔާ ވިދާޅުވީ އެއީ "ކޮޕީ ކެޓެއް" ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން އަބަދުވެސް މިބުނަނީ މުއިއްޒު އަކީ 'ކޮޕީ ކެޓެކޭ'. އެބޭފުޅާ ދައްކަވާ ހުރިހާ ވާހަކައެއް އެގޮތަށް ގެންދަވާ ވާހަކަ [މިދަންނަވަނީ]،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އަނިޔާވެރި ވެރިކަން އަލުން އިއާދަވާނެ ކަމަށެވެ. އެކަމަކު ދިވެހިން ތިބީ އެ އަނިޔާވެރިކަން އަނބުރާ އިއާދަކުރާ ގޮތަށް ނޫން ކަމަށްވެސް ވިދާޅުވި އެވެ.