އޭސީސީ

މުއިއްޒު ހާޒިރުވާން އެންގުމުގައި ސިޔާސީ ނުފޫޒެއް ނެތް: އޭސީސީ

އެންޓިކޮރަޕްޝަން ކޮމިޝަން -- ފޮޓޯ: އޭސީސީ
0%
0%
0%

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޝަނަށް ހާޒިރުވާން އެންގި އެންގުމުގައި ސިޔާސީ ނުފޫޒެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކަކީ ދުރާލާ އިންތިޒާމު ކުރެވިގެން ކަނޑައަޅާފއިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށް ގެންދާ ތަހުގީގުތަކެއް ކަމަށެވެ. މައްސަލަތަކުގެ ތަހުގީގު ފަށާނެ ދުވަހެއް ނުވަތަ ނިންމާނެ ދުވަހެއް ކަނޑައަޅައި، މައްސަލަތައް ތަރުތީބުކުރަނީ ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.

އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މުއިއްޒު އެންމެ ފުރަތަމަ އޭސީސީއަށް ހާޒިރުކުރީ އިއްޔެ ހެނދުނު އެވެ. އޭސީސީ އަށް ހާޒިރުވުމަށްފަހު އަވަސް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރުކުރީ އޭނަ ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ އެކު ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާ ގުޅިގެން ކަމަށެވެ. އަދި އެ އެގްރިމަންޓާ ހިލާފަށް އެތަނުގެ ބައެއް އިމާރާތްތަކަށް ބަދަލުތަކެއް ގެނައި ކަމަށް އޭސީސީން ތުހުމަތުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކުރިން މި މައްސަލައިގެ ތަފްސީލް ދީފައި ނުވާތީ ވަކީލަކާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށް ކޮމިޝަންގައި އިއްޔެ ވިދާޅުވި ކަމަށެވެ. އެހެންކަމުން އޭސީސީގެ ތަހުގީގަށް މުއިއްޒު މިއަދު ވަޑައިގަތީ ވަކީލަކާ އެކު އެވެ. ނަމަވެސް މިއަދުގެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް އޭސީސީ އަކުން ވެސް އަދި މުއިއްޒުގެ ފަރާތްޕުޅުން ވެސް އަދި ލިބިފައެއް ނުވެ އެވެ.

މުއިއްޒު އިއްޔެ ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރު ކުރަނީ ސިޔާސީ ބޭނުމަށް ސަރުކާރުގެ ނުފޫޒު ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މަގުސަދު އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ސަރުކާރުން އޭނާ އަށް އުދަގޫކުރަނީ އޭނާ އިންތިހާބުގައި ވާދަކުރާތީ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭސީސީގެ ތަހުގީގުގއި ކަމާ ގުޅޭ ހުރިހާ ސުވާލަކަށް ވެސް ސާބިތު ކަމާއެކު ޖަވާބުދާރީވާނެ ކަމަށެވެ.

"އަޅުގަނޑު ކެންޕެއިނަށް ހުރަސް އެޅުމަށާއި ނުފޫޒު ފޯރުވުމަށް މި ކަންކަން ފެށީތީ އަދި އިތުރު ހިތްވަރެއްގައި އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345