އެމްއެމްޕީއާރުސީގެ ހިޔާނާތް

ހުރިހާ ދިމާލެއްގެ ސިޔާސީ ލީޑަރުންނަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ: ޝަމީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ހުރިހާ ދިމާލެއްގެ ސިޔާސީ ލީޑަރުންނާއި ބޭފުޅުން ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާކޮށްފައިވަނީ ރައީސް ޔާމީނަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އޭގެ ތެރެއިން ޖަލުުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނަށް އެކަންޏެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ރައީސް ޔާމީނާއި އަދީބާއި ޒިޔަތުގެ އިތުރުން ތުހުމަތު ކުރެވޭ 260 ސިޔާސީ ބޭފުޅުންގެ އެބަ ތިއްބެވި ކަމަށެވެ. އެ ލިސްޓުގައި އެކި ޕާޓީތަކުގެ ބޭފުޅުން ތިިއްބެވި ކަމަށެވެ. އެ ގޮތުން އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމް އޭނާ ފާހަގަ ކުރެއްވި އެވެ.

"ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ ދިމާލެއްގެ ބޭފުޅުން ވެސް މީގެ ތެރޭގައި ހިމެނޭ. މި ދެންނެވީ ކޮންމެ ވެސް ވަރަކަށް ފައިސާ ލިބިފައި ހުރިކަން ތުހުމަތުވެގެން ނުވަތަ އެ ނޫންވެސް ސަބަބުތަކާ ހުރެ އެމީހުންގެ ނަން ލިސްޓަށް އަރާފައި އެބައޮތް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ބޮޑު ހިނާޔާތުގެ ތުހުމަތު ކުރެވޭ ބޭފުޅުންގެ ލިސްޓުގައި އެ ކުންފުންޏާއެކު ސައްހަ މުއާމަލާތް ކުރެއްވި ބޭފުޅުންނާއި ހިޔާނާތުގެ މުއާމަލާތް ކުރެއްވި ބޭފުޅުން ވެސް ތިއްބަވާނެ އެވެ. އެހެންކަމުން ލިސްޓުގައި ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރެއިން ސީދާ ހިޔާނާތުގައި ބައިވެރިވެރި މީހުން ސާފު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަމަކީ އެ ލިސްޓު ސާފުކުރުން. އޭގެ ތެރޭގައި ކޮބައިތޯ، ރަނގަޅު މުއާމަލާތް، ކޮބައިތޯ ގޯސް މުއާމަލާތް، ކޮންކަމަކާ ގުޅިގެން ހޯދި ފައިސާއެއްތޯ، މި އެއްޗެހި ސާފުކޮށްގެން އެއަށް ގޮތެއް ނިންމުން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ސާބިތު ކުރެވޭ މައްސަލައެއްނަމަ ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށް ވިޔަސް ޝަރުއީ މަރުހަލާއަށް އެ މައްސަލައެއް ގެންދަވާނެ ކަމަށެވެ. މި ސަރުކާރުގެ ބޭފުޅަކަށް ވިޔަސް އަދި ކުރީގެ ސަރުކާރުގެ ބޭފުޅަކަށް ވިޔަސް އެ ކަމުގައި އިސްތިސްނާ ކުރުމެއް ނޯންނާނެ ކަމަށާއި ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޝަރުއީ މަރުހަލާއަށް ގެންގޮސް މައްސަލަ ސާބިތުކުރެވޭ ވަރަށް މައުލޫމާތު ނުލިބެއްޖެނަމަ އެ މީހާގެ މައުލޫމާތު ހާމަކޮށް އަބުރު ކަތިލުން ފަދަ އެއްވެސް އަމަލެއް ނުކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އެ މައްސަލައަކީ މިހާރު ވެސް ތަހުގީގު މަރުހަލާގައި އޮތް މައްސަލައަކަށް ވާތީ އެއްވެސް ބޭފުޅެއްގެ ނަން އޭނާ ހާމައެއް ނުކުރައްވަ އެވެ.

"ކޯޓަށް ދެވޭ ވަރަށް ހެކި ނުލިބޭނަމަ އެމީހާގެ މައުލޫމާތު ހާމަކޮށް އަބުރު ކަތިލުމަކީ ކުރާނެ ކަމެއް ނޫން، ޝަރީއަތަށް މައްސަލަ ހުށަހެޅޭ ހިސާބަށް ދިއުމުން، ދައުވާކުރާ ސަބަބާއި، ހުރި ހެކިތަކާއި ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ހިއްސާ ކުރާނެ،" ޝަމީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަދީބާއި ޒިޔަތަށް ދައުވާކޮށް މިދިޔަ ވެރިކަމުގައި ހުކުމް ވެސް ކުރި އެވެ. ނަމަވެސް ފަހުން މަތީ ކޯޓުތަކުން އެ ހުކުމްތައް ބާތިލު ކުރި އެވެ. ފަހުން ވަނީ އަލުން އެ ދެ ބޭފުޅުންނަށް ދައުވާކޮށްފަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ޝަރީއަތްތައް ވަނީ މެދުކެނޑިފަ އެވެ.

ރައީސް ޔާމީނަށް ދައުވާކޮށް ހުކުމް އިއްވީ ވެސް މި ވެރިކަމުގަ އެވެ. އެމަނިކުފާނުގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ގަބޫލު ކުރަނީ އެއީ ނުހައްގު ހުކުމެއް ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް ކުރަން ރިޔާސީ ކޮމިޝަނެއްގެ އެކުލަވާލި އެވެ. ނަމަވެސް ކޮމިޝަންގެ މަސައްކަތްތައް ލަސްކަމުން ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.