ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތެރޭގައި އެކަމުގެ އެއްވެސް ނުފޫޒެއް އޮތްތޯ ބެލުމަށްޓަކައި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާކޮށްފައިވަނީ ރައީސް ޔާމީނަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އޭގެ ތެރެއިން ޖަލުުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނަށް އެކަންޏެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ އެ ހިޔާނާތުގެ އެންމެ ބޮޑެތި ތުހުމަތު ކުރެވޭ ރައީސް ޔާމީނާއި، އަދީބާއި ޒިޔަތަކީ އެ ކަން ރާވައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށެވެ. އޭގެ އިތުރުން ވެސް ހިޔާނާތުގެ ބައިވެރިވި އެކި ސިޔާސީ ބޭފުޅުންނާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވާނެ ކަމަށެވެ.
އެ ގޮތުން ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތެރޭގައި ވެސް ހިޔާނާތުގެ ބައިވެރިންގެ ގޮތުގައި ތުހުމަތު ކުރެވޭ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. ޕީޖީ އޮފީހުގެ ތެރޭގައި ވެސް އެފަދަ ބޭފުޅުން ތިބޭނެ ކަމަށް ބެލެވޭތީ އެ ކަމުގެ އިންކުއަރީއެއް ފަށަން ތިން މީހުންގެ ކޮމިޓީއެއް ނަގަން މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު ވާނެ އިންޓާނަލް އިންކުއަރީއެއް ފަށާފައި. އެމްއެމްޕީއާރުސީގެ މައްސަލަ ކުރީގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި މިހާރު އެކަމާ އުޅުއްވާ ބޭފުޅުންނާއި އެއްވެސް ކަހަލަ ތުހުމަތެއް އެއްވެސް ކަހަލަ ސުވާލު އުފެދޭ ކަމެއް އޮތްތޯ. އެ ބަަލަން ތިން ބޭފުޅުންގެ ކޮމެޓީއަކާއި ހަވާލުކޮށްފައި އޮންނާނީ،" ޝަމީމް ވިދާޅުވި އެވެ.
އެ ބޮޑު ހިޔާނާތުގެ މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ އަދީބުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޝަމީމް އުޅުއްވާފައިވާތީ ދެކެވޭ ބައެއް ވާހަކަތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ. ވިދާޅުވީ އަދީބުގެ ވަކީލެއްގެ ގޮތުގައި އޭނާ އުޅުއްވީ އެ ހިޔާނާތުގެ މައްސަލާގައި ނޫން ކަމަށާއި އުޅުއްވީ ވެސް އެ މައްސަލަ ފެންމަތިވުމުގެ ކުރިން ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އޭނާ ވަކީލުކަން ކޮށްދެއްވީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާގައި އަދީބަށް ކުރި ތުހުމަތުގެ މައްސަލާގަ އެވެ. ނަމަވެސް އެ އަހަރުގެ ފަހުކޮޅުން ފެށިގެން ދެ އަހަރެއްހާ ދުވަހަށް ސަސްޕެންޑް ކޮށްފައި އޮތުމުން ވަކީލުކަން ކޮށްދެވިފައިވާ ނުވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޭފުޅުންގެ ލިސްޓުގައި 260 ސިޔާސީ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި އޭގެ ތެރޭގައި ހުރިހާ ދިމާލެއްގެ ބޭފުޅުންވާ ކަމަށެވެ. ބޮޑަށް ފާހަގަ ކުރެއްވީ އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމްގެ ބައެއް ބޭފުޅުުން ލިސްޓުގައި ހިމެނޭ ކަމަށެވެ.
ތުހުމަތު ކުރެވޭ ސިޔާސީ ބޭފުޅުންގެ ތެރޭގައި ވެސް ސައްހަ މުއާމަލާތް ކޮށްފައިވާ ބޭފުޅުންނާއި ސީދާ ހިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވެސް ތިއްބަވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބިއްޖެނަމަ ކޮންމެ ޕާޓީއެއްގެ ބޭފުޅެއްގެ މައްސަލަ ވެސް ޝަރީއަތާ ހަމައަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.