ރައީސް އަބްދުﷲ ޔާމީން

"މިހާރު ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށާ އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވަނީ މިނިވަންވެފަ އެވެ. އޭނާ މިނިވަންވީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އެވެ.

ކްރިމިނަލް ކޯޓްގެ މި ނިންމުމާއެކު މިއަދު ޕީޕީއެމް އޮފީހުގައި އިދިކޮޅު ދެ ޕާޓީގެ އިސްވެރިން ބޭއްވެވި ބައްދަލްވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަން މިއަދު ސާބިތުވެގެން ގޮސްފި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ވުޖޫދުގައި އޮތް މައްސަލައެއް ނޫން ކަމަށާ އެ މައްސަލައާއި ގުޅުންހުރި ހުރިހާ ބޭފުޅުން މިނިވަން ކުރަން ޖެހޭ ކަމަށެވެ.

މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް އޭނާ ގޮވާލެއްވިއެވެ. އަދި މިހާރު އުފުލާފައިވާ ދެ ދައުވާ އަނބުރާ ގެންދިއުމަށްވެސް ޕީޖީ ޝަމީމަށް އަބްދުއްރަހީމް ގޮވާލެއްވިއެވެ.

"މިއަދު ނިމިގެންދިޔަ މައްސަލައިން ވަރަށް ގިނަ ކަންކަން ސާބިތުވެއްޖެ، އެއް ކަމަކީ ރައީސް ޔާމީން ވަނީ ފްރޭމް ކުރެވިފައިކަން. އެމަނިކުފާނަށް އަނިޔާ ދެމުންދަނީ ނުހައްގުންކަން. އުފުލާފައިވަނީ ސައްހަ ދައުވާއެއް ނޫން. ކުރި ތަހުގީގަކާއި އުފުލި ދައުވާއަކާއި އިއްވި ހުކުމެއް ދިމައެއް ނުވޭ. އަޅުގަނޑުމެން ދެއްކި ވާހަކަތަކަށް މިއަދު މި އޮތީ ރަސްމީ ޖަވާބެއް ލިބިފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން އަދީބުގެ މައްޗަށް މިއަދު އިއްވި ހުކުމުން ސާބިތުވާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ޓޯޗާކޮށް ނުފޫޒު ފޯރުވައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ގާނޫނާ ހިލާފުވެފައިވާ ކަމަަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވާތީ އެ ދެ ބޭފުޅުންގެ މައްސަލަ އަވަހަށް ތަހުގީގު ކުރުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ.

ރައީސް ޔާމީނަކީ "މައުސޫމް" ބޭފުޅެއް ކަމަށާ ކުށެއް ކުރައްވާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ބޭނުންވަަނީ "ފްރޭމް" ކޮށް ރައީސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލުމަށް ކަމަށެވެ.

"ރައީސް ނަޝީދާއި ރައީސް ސޯލިހު އިސްވެތިވެގެން ރައީސް ޔާމީން ރާއްޖޭގެ ސިޔާސީ މަސްރަހުން ގެއްލުވާލުމަށްޓަކައި އަނިޔާ ކުރަމުން ގެންދާ ވާހަކަތައް ތަކުރާރުކޮށް މިދަނީ ދައްކަމުން. އެ ވާހަކަތަކަށް ޝަރުއީ ނިޒާމުން މި އޮތީ ޖަވާބުވެސް ދީފައި،"