ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމުގެ ދަައުވަތު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް، ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ.
އަބްދުއްރަހީމް، ނަޝީދަށް މި ދައުވަތު ދެއްވީ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިނުވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އާންމު މެންބަރުންނަށް ނަޝީދު ދެއްވުމާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދުވެސް ހިއްސަވާ ރައީސް ސޯލިހުގެ ސަރުކާރުން ދިވެހީންގެ މިނިވަންކަމާ އިސްތިގުލާލު ނަގާލާ އަވަށްޓެރި އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ގައުމު ގެންދިއުމަށް ހިންގަވާ ޖަރީމާތަކާ ދެކޮޅަށް ފާޅުގައި ތެދުވެ ވަޑައިގެން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރަައީސް ޔާމީން، އިންޑިއާއާ އިދިކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދު އޮތް ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ ދިވެހީންނަށް ގެއްލުން ދޭނެ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.
"ޕީޕީއެމް ގެ މެންބަރުންގެ ކިބައިން ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ގައުމަށްޓަކައި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ނުލެއްވުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަންވި ފަހުން އިންޑިއާ އައުޓްގެ ހަރަކާތްތައް އަތޮޅުތަކުގެ ތެރެއަށް ފުޅާ ކުރައްވައި، ރަށް ރަށަށް ވެސް ވަނީ ވަޑައިގަންނަވަން ފައްޓަވާފަ އެވެ. މާލެ އަތޮޅުގެ ރަށްތަކުން އެމަނިކުފާނު ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި ފ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެންމެ ފަހުން މި ހަރަކާތަށް އެމަނިކުފާނު ވަޑައިގެންނެވީ ރ. ދުވާފަރަށެެވެ. އަދި މީދޫއަށް ވަޑައިގަތުމަށް މިހާރު ވަނީ ނިންމަވާފައެވެ.
އެ ހަރަކާތަށް ރަށްރަށަށް ވަޑައިގަންނަވާއިރު ރައީސް ޔާމީން ހުންނަވާ "އިންޑިއާ އައުޓް" ލިޔެފައިވާ ރަތްކުލައިގެ ޓީޝާޓެއް ތުުރުކުރައްވައިގެންނެވެ.
މި ކެންޕެއިން ހުއްޓުވުމަށް ސަރުކާރުން އެކި ގޮތްގޮތުން ތަފާތު މަސައްކަތް ކުރިނަމަވެސް ރައީސް ޔާމީން ލީޑުކުރައްވަން ފެއްޓެވި ހިސާބުން އެ ހަރަކާތުގެ ފޯރި ގަދަވެ ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.