ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނަށް ރައްކާތެރިކަމެއް ނެތް: ޕީޕީއެމް/ޕީއެންސީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސަލާމަތާއި ރައްކާތެރިކަން ނެތް ކަަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބުނެފި އެވެ. އެ ކޯލިޝަނުން މިހެން ބުނެފައިވަނީ "މޯލްޑިވްސް ޔޫތު ފޯސް" ގެ ހަރަކާތްތެރިވާ ޒުވާނުންގެ ގުރޫޕަކުން ރައީސް ޔާމީން "ސައިޒް" ކުރާނެ ކަަމަށް ބުނެ އިންޒާރު ދީފައިވަނިކޮށެވެ.

އެ ގުރޫޕުން މިއަދު ވަނީ ރައީސް ޔާމީން ހައްޔަރު ކުރަން ގޮވާލާ އެމަނިކުފާނުގެ ގެކޮޅު ކައިރީ އަޑުއުފުލާފައެވެ. ދުރާލާ ރާވައިގެން އެފަދަ ހަރަކާތެއް ހިންގިއިރުވެސް ފުލުހުން އެ ސަރަހައްދަށް އައިސްފައިވަނީ އެތައް އިރެއް ފަހުންނެވެ. އޭރު ރައީސް ޔާމީނަށް ތާއީދު ކުރާ ޒުވާނުންނާއި "މޯލްޑިވްސް ޔޫތު ފޯސް"ގެ ޒުވާނުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރާތާ އެތައް އިރެއް ވެއްޖެ އެވެ.

ޕީޕީއެމްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ފަހު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންގެ ހިދުމަތާއި ޑިފެންސް މިނިސްޓްރީ އަށް އަދި އެޗްއާރުސީއެމަށް ހުށައަޅާފައިވާ ކަމަށެވެ. މިއަދުގެ ވަގުތެއްގައި އެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ހުށައަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ސަމާލު ކަމަށްވެސް އެކަން ގެނެސްފައިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ މައްސަލަ ހުށައެޅިތާ 48 ގަޑިއިރުވާން ދާއިރު އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ޓެރަރިޒަމްގެ އަމަލެއް. ޓެރަރިޒަމްގެ މި އަމަލަށް ހިތްވަރު ލިބޭ ގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އެބައޮތް މަސައްކަތް ކުރައްވާފައި. އެހެންވީމަ ރައީސް ޔާމީނަށް މި ދިން އިންޒާރަކީ އިންޑިއާ ސަރުކާރުގެ ރޭވުމުގެ މަތީން ދިވެހި ސަރުކާރު އަޑީގައި އޮވެގެން މާރިޔާ އިސްވެ އޮވެ ހިންގާ ކަމެއް ކަމަށް ބުނުމުގެ ޖާގަ އަޅުގަނޑުމެންނަށް އެބައޮތް. އެހެންވީމަ ރައީސް ޔާމީނަށް މިއަދު ނެތް ސަލާމަތެއް ރައްކާތެރިކަމެއް. އެމަނިކުފާނުގެ ގެއަށްވެސް ބޭނުން ގަޑިއަކު ބޭނުން ވަގުތަކު އައިސް ވަންނަނީ. ކޯޓް އަމުރުގައި ނެތް ކަންކަންވެސް ކުރަމުން އަންނަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް "ދުއްޕާ" ކުރުން އޮތީ ވަރަށް މަތީ ދަރަޖައަކަށް ގެންގޮސްފައި ކަމަށެވެ.

ރައީސްގެ އަދުލްވެރިކަމެއް ނެތް

އަބްދުއްރަހީމް ވަނީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅި ގަރާރަށްވެސް މިއަަދު ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންޑިއާ އައުޓަކީ ޕީޕީއެމްގެ ހަރަކާތެއް ނޫން ކަމަށާ އެއީ ރައްޔިތުން ހިންގާ ގައުމީ ހަރަކާތެއް ކަމަށެވެ.

އެ ހަރަކާތް ރައީސް ޔާމީން ލީޑުކުރައްވަނީ ރައްޔިތުންގެ ހަރަކާތަކަށް ވާތީ ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިން ގައުމީ ސަލާމަތަށް ނުރައްކާވެ އެ ހަރަކާތުން އެ ގައުމުގެ އަބުރާއި އިއްޒަތް ގެއްލޭނަމަ އެހެން ގައުމަކާމެދު އެ ގޮތަށް އަމަލު ކުރުމުންވެސް ހަމަހަމަ ކަމާއެކު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. ޗައިނާއާ ބެހޭ ގޮތުން ރައީސް ނަޝީދު ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދާއިރު އެކަމާމެދު ސަރުކާރުން އެއްޗެއް ނުބުނަނީ އަދި ފިޔަވަޅެއް ނާޅަނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ.

"އިންޑިއާއަށް ރައްދުވާ ގޮތަށް އެއްޗެއް ބުނީމަ އިންޑިއާގެ އަބުރާއި އިއްޒަތާއި ކަރާމާތް ގެއްލޭ ކަމަށްވަންޏާ އެ ނޫން ގައުމުތަކާ ދޭތެރޭވެސް އެ ގޮތަށް އަމަލު ކުރީމަވެސް ހަމަ އެ އިއްޒަތާއި ގަދަރާއި ކަރާމަތް ގެއްލޭނޭ. އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސް ނަޝީދު ހަމަ ދެއިރު ދެ ދަޅައަށް ޗައިނާއަށް ހިތުހުރި އެއްޗެއް ގޮވަމުން ގެންދާތަން. ކީއްވެގެން ހެއްޔޭ އެ ގައުމުގެ އަބުރާއި ކަރާމާތާ ގަދަރަށް އުނިކަން އަންނާނެ ކަމަށް ރައީސް ސޯލިހަށް ގަބޫލު ނުކުރެއްވެނީ. އެހެންވެއްޖިއްޔާ ރައީސް ސޯލިހް ވަރަށް ބޭނުންފުޅުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ގަރާރެއް ނެރުއްވައިގެންވެސް ރައީސް ނަޝީދާ ދޭތެރޭ ފިޔަވަޅެއް އަޅުއްވަން. އެހެންވީމަ އަޅުގަނޑު މިއަދު ގޮވާލަން އެކަމާ ދޭތެރޭވެސް ގަރާރެއް ނެރުއްވާށޭ. ގަރާރެއް ނެރުއްވައިގެން ރައީސް ނަޝީދާ ދޭތެރޭވެސް ފިޔަވަޅު އަޅުއްވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ އަދި ދިވެހީންގެ ގާތް އެކުވެރިއެއްގެ ގޮތުގަައި އޮތް ބިޔަ ޗައިނާއަށް ނިސްބަތް ކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ފަހުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އަވައްޓެރި އިންޑިއާގެ ދިފާއުގައި އަބަދުވެސް ވަކާލާތު ކުރައްވާ ރައީސް ނަޝީދަކީ މީގެ ކުރީންވެސް އެތައް ފަހަރެއްގެ މަތީން ޗައިނާއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ. ގިނަ ފަހަރު ޗައިނާއަށް އަމާޒުކުރައްވާ ދައްކަވާ ވާހަކަތަކުގައި ހަގީގަތާއި ހިލާފު އެތައް ވާހަކަތަކެއްވެސް ވިދާޅުވެއެވެ. އެކަމާއި ގުޅިގެން ރާއްޖެ-ޗައިނާ ގުޅުމަށް ނޭދެވޭ އަސަރު ކުރެއެވެ. ޗައިނާއަށް، ނަޝީދަށް ރައްދުވެސް ދީފައިވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ލެކްޗާއަކަށް ހާއްސަކުރި އިވެންޓެއްގައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ވިދާޅުވީ ޗައިނާއިން މަސައްކަތް ކުރަނީ ރާއްޖޭގައި އޮތް ޑިމޮކްރަސީ ނައްތާލުމަށް ކަމަށެވެ. އަދި ޗައިނާގެ ބޭނުމަކީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކޮށް ޗައިނާއިން ބޭނުންވާ ކަންތައްތަކެއް ރާއްޖޭގައި ހިންގުން ކަމަށެވެ.

"ޗައިނާ ބޭނުންވަނީ އޮޓޮކްރަޓިކް [ހުދުމުހުތާރު] ވެރިކަމެއް މިތާ އުފައްދާ [ރާއްޖެއިން] ޑިމޮކްރަސީ ފުހެލުން. އަދި އެފަދަ ވެރިކަމެއްގައި އެ މީހުން [ޗައިނާ ސަރުކާރުން] ބޭނުންވާ ކަންތައްތަކެއް ކުރުން،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ އޮތީ ޗައިނާއަށް ވަރަށް ބޮޑަށް ދަރަނިވެރިފައި ކަަމަށް ނަޝީދު ކުރައްވާ ތުހުމަތު މިފަހަރުވެސް އައު ކުރެއްވިއެވެ. ވިދާޅުވީ ދިވެހީންގެ ބޭރު ދަރަނީގެ 70 ޕަސެންޓް ދައްކަން އޮތީ ޗައިނާއަށް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާ އުފެއްދި ވަރުގަދަ ގުޅުމާއެކު އެކި މަޝްރޫއުތަކަށް ޗައިނާއިން ފައިސާ ދިނީ ދަރަނި ދައްތުރައެއްގައި ރާއްޖެ ޖެއްސުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ [ލޯނު ދިނުމަކީ] ސިޔާސީ އަދި އިގްތިސާދީ ގޮތުން ރާއްޖެއަށް ނުފޫޒު ހިންގަން [ޗައިނާއަށް] ދެވިފައިވާ އޮތް ބާރެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ޗާހަކަތަކަށް ޗައިނާ ސަރުކާރުން ވަރަށް ގިނައިން ރައްދު ދެއެވެ. އެމަނިކުފާނުގެ ވާހަކަތައް ދޮގު ކުރެއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ އެންމެ ހާއްސަ ކަމަކީ ދެ ގައުމަކީ ވެސް ހަމަހަމަ ބައެއް ކަމަށް ދެކިގެން އިހްތިރާމާ އެކު ކުރިއަށް ދިއުން ކަމަށެވެ.

ސަފީރު ވިދާޅުވީ ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދެނީ ދެ ގައުމުން ވެސް ކަންބޮޑުވާ ކަންކަމުގައި އިހްލާސްތެރިކަމާ އެކު ކަމަށެވެ. ރާއްޖެއަށް އެހީވުމުގައި އަމިއްލަ މަސްލަހަތު އިސްކޮށްގެން އެއްވެސް އިރަކު މަސައްކަތް ކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖެ-ޗައިނާ ގުޅުމަކީ އެކުވެރިކަމާއި ދެ ގައުމަށް ވެސް ފައިދާވާ، "ވިން-ވިން" ނަތީޖާއެއް ނެރެވޭނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޗައިނާ އިން އެދެނީ އަދި އެހީވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގެ ކަންކަމުުގައި ކަމަށާއި ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.