ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާއި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ސުބްރަމާނިއަމް ޖަޔަޝަންކަރް ބައްދަލު ކުރައްވައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ މި ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަސާސީ އެތަކެއް ހައްގެއް ނިގުޅައިގަނެވި، އެމަނިކުފާނު ނުހައްގުން ޖަލަށް ލައިގެން ސަރުކާރުން ކަންކުރަމުންދާ ގޮތުގެ މައުލޫމާތު އިންޑިޔާގެ ފޮރިން މިނިސްޓަރަށް އަރުވާފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަވެރި ސިޔާސީ ޕާޓީއަށް ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދީފައި ނުވުމާއި ޕީޕީއެމުން ކެމްޕޭން ކުރުމަށް ސަރުކާރުން އެކިގޮތްގޮތުން ހުރަސް އަޅަމުންދާ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ގާއިމުކުރެވުނު ޑިމޮކްރެޓިކް ނިޒާމު ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އަންނަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންކަން ފާހަގަކޮށް ރާއްޖޭގައި ދާހީލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމު ވާނެކަމެއްކަން ޔަގީންވާ ކަމަށްވެސް އިދިކޮޅުގެ އިސް ބޭފުޅުން ވިދާޅުވިއެވެ. އެ ބޭފުޅުން ވަނީ މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި ޑެމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ.
އިންޑިޔާއަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ސަމާލުކަންދޭނެ ޒިންމާދާރު އަވަށްޓެރިއެއް ކަމަށާ ރާއްޖޭގެ ވާދަވެރި ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް އަބަދުވެސް އިސްކަން ދެއްވާނެކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވި ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
މާލޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުގައި މިއަދު މެންދުރު އޮތް މި ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީ ގެ ނާއިބު ރައީސުން ކަމަށްވާ މުހައްމަދު ހުސައިން ޝަރީފް އާއި މުހައްމަދު ސައީދު އަދި އާދަމް ޝަރީފް އުމަރުގެ އިތުރުން ޕީޕީއެމް ގެ ނާއިބު ރައީސުން ކަމަށްވާ މުހައްމަދު ޣައްސާން މައުމޫން އަދި އަހްމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ. އަދި ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.