ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް މަރުހަބާ ކިޔަން އެތައް ސަތޭކަ ބަޔަކު ޖަމާވެއްޖެ

ދެ އަހަރުގެ ޖަލު ހުކުމަކަށް ފަހު މިނިވަންވެވަޑައިގެންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މަރުހަބާ ކިޔަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބާއްވާ ޖަލްސާ ފަށަައިފި އެވެ. މި ޖަލްސާއަށް އެތައް ސަތޭކަ ބަޔަކު ވަނީ ހާޒިރުވެފައެވެ.

"މަރުހަބާ ރައީސް ޔާމީން" މި ނަމުގައި ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މިރޭގެ ޖަލްސާގައި ކޯލިޝަންގެ އިސް ބޭފުޅުން ވާހަކަފުޅު ދައްކަވާފައެވެ.

އެ ގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޔާމީންގެ އިސް ވަކީލު އަދި ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވާހަކަދައްކަވާނެ އެވެ. ރައީސް ވަހީދު އާއި ޑރ. ޝަހީމަކީވެސް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުންނެވެ.

ޖަލްސާގައި އެންމެ ފަހުން ވާހަކަ ދައްކަވާނީ ރައީސް ޔާމީނެވެ.

މިއީ މިނިވަންވެވަޑައިގެންނެވި ފަހުން ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ދެވަނަ ޖަލްސާއެވެ. އެމަނިކުފާނު މިދިޔަ މަހުގެ 30 ވަނަ ދުވަހު މިނިވަންވެވަޑައިގަތުމާއެކު އެ ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތެވެ. އެ ޖަލްސާއަކީ އެމަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ރައްޔިތުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ބޭއްވި ޖަލްސާއެކެވެ. އެ ޖަލްސާގައި އެމަނިކުފާނު ވަނީ އެމަނިކުފާނުގެ މައްޗަށް ހިންގެވި ޝަރިއަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ޝަރުއީ ނިޒާމު އިސްލާހު ވަންދެން އެ ވާހަކަ ދައްކަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.