ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ އިސް ވެރިން ދޮރުން ދޮރަށް ހިނގުމުގެ ހާއްސަ ހަރަކާތެެއް ކުރިއަށް ގެންގޮސްފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓުން ނެރެފައިވަނީ ޕީޕީއެމްގެ ޓިކެޓްގައެވެ. އިންތިހާބުގައި މާލޭގައި ގިނަ ދާއިރާތަކަކަށް ޕީޕީއެމްގެ ކެންޑިޑޭޓުން ނެރެފައިވެއެވެ. އަދި މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރެއެވެ.
މިއަދު ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދެ އެޑްވައިޒުން ކަމަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ދެ ޕާޓީގެ މަޖިލީސް މެންބަރުންނާއި ކައުންސިލް މެންބަރުން އަދި މާލެ ސިޓީގެ އެކި ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ބައިވެރިވެފައިވެއެވެ.
އަވަސްއާ ވާހަކަދައްކަމުން ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ދޮރުން ދޮރަށް ހިނގުމުގެ އިތުރުން މަގުމަތިންވެސް އާންމުންނާއި ބައްދަލުކޮށް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މިއަދުގެ ހަރަކާތް ވަރަށް ކާމިޔާބު. ވަރަށް ގިނަ އާންމުންނާއި ބައްދަލްވެ ކެންޑިޑޭޓުންނަށް ކާމިޔާބު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ އަޅުގަނޑުމެންނަށް ކާމިޔާބު އިންތިހާބެއް،" ހީނާ ވިދާޅުވިއެވެ.
ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންވެސް ގެންދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ޕާޓީގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް އެޕާޓީންވެސް ކުރިއަށް ގެންދެއެވެ.
މި ފަހަރުގެ އިންތިހާބުގައިވެސް އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ މާލެ ސިޓީއަށެވެ. ހާއްސަކޮށް މޭޔަރުގެ ގޮނޑިއަށެވެ.