ރައީސް އަބްދުﷲ ޔާމީން

ޣައްސާން އިންޑިއާއަށް ގެންދަނީ ކުޑަކަކޫ ޖައްސުވަން: ޔާމީން

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ގެންދަނީ ކުޑަކަކޫ ޖައްސުވަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރަސްމީ ދަތުރެއްގައި ޑިފެންސް މިނިސްޓަރު ޣައްސާން އިންޑިއާއަށް ވަޑައިގަންނަވާކަން އެ ގައުމުގެ ވިއޯން ނޫހުން ރިޕޯޓްކޮށްފައިވަނިކޮށެވެ.

ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ އިސްވެރިން އިންޑިއާ އައުޓް ކެމްޕޭނާއި ފެޔަށް ޖެހުމުން ހާމަވަނީ އެ ބޭފުޅުންގެ ހުރި މުނާފިގުކަން ކަމަށާއި ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމުގައި އެ ބޭފުޅުންގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތްކަން ކަމަށެވެ.

"މާދަން ކަން ނޭނގޭ ޣައްސާން އެދަނީ (އިންޑިއާ އަށް)، ތަހުގީގަށް ހާޒިރު އެކުރަނީ. ކުޑަކަކޫ ޖައްސަން ގެންދަނީ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

އިންޑިއާގެ ވިއޯން ނޫޙުން ރިޕޯޓްކޮށްފައިވާ ގޮތުން ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ މިމަހުގެ 7-8 އަށެވެ.

ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ރާއްޖެއަކީ މިހާރު މިނިވަން ގައުމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.

ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތާޢި ދާހިލީ ސިޔާސަތު މިނިވަން ނޫން ކަމަށާއި މިނިވަން ނަމަ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ނުތިބޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.