ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަސޭހަ ނުވާނެ ކަމަށް މި ސަރުކާރުން ބުނުމުން ނާއުންމީދު ވެވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން އިސްވެ ހުންނަވާ އުފެއްދެވުމަށް މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްވި އެންމެ ބޮޑު ވައުދަކީ އިންޑިއާ ސިފައިން ބޭލުން ކަމަށެވެ.
"މި ސަރުކާރު، އަޅުގަނޑުމެންގެ ސަރުކާރު ވެރިކަމަށް އަންނަމުން ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ވައުދަކަށް ދިވެހި ރައްޔިތުންނަށްވީ އިންޑިއާ ސިފައިން ރާއްޖޭން ބާލާނަމޭ،" ޕޯޑިއަމަށް ވަޑައިނުގަނެ އޯޑިއަންސްގެ ގޮނޑީގައި އިށީނދެ ވަޑައިގެން އިންނަވާ ޔާމީން ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިމަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވަނީ އިންޑިއާ ސިފައިން ބޭލުން ފަސޭހަ ނޫން ކަމަށް ވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ ރައީސް އޮފީހުގެ ވަޒީރަކު އެހެން ވިދާޅުވުމުން ވަރަށް ނާއުންމީދު ވެވަޑައިގެންނެވި ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ކުރިއަށް އޮތް މާޗް 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އަންގާފައިވާއިރު އެ ތާރީހާ ގުޅޭ ގޮތުން އެ ގައުމުން ވާހަކައެއް ހިއްސާނުކުރާ ކަމަށްވެސް ޔާމީން ރޭ ވިދާޅުވި އެވެ.