ރާއްޖޭގެ ވެރިކަން ވައްޓާލުމަށް އިންޑިއާ އިން މަސައްކަތް ނުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން ދުރުކުރަން އިންޑިއާގެ ޖާސޫސީ އިދާރާ -- ރޯ އިން މަސައްކަތް ކޮށްފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ނޫސް -- ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓް ކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް އިހްތިރާމު ކުރާނެ ގައުމެއް ކަމަށެވެ.
ވޮޝިންގްޓަން ޕޯސްޓްގެ ރިޕޯޓަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ބައެއް މީހުން އަބަދުވެސް "ކޮންސްޕިރަސީ"ގެ ތެރޭގައި އުޅޭ ކަމަށެވެ. އިންޑިއާ އިން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރޭވިކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ވޮޝިންގްޓަން ޕޯސްޓްގެ ރިޕޯޓްގައި ވަނީ ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަން އިންޑިއާގެ ރޯ އެޖެންޓުން ރޭވީ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދީގެން ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން ކަމަށެވެ.
ރޯ އެޖެންޓުން "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް"ގެ ނަމުގައި ތައްޔާރުކުރި ކަރުދާހުގެ ކޮޕީއެއް ލިބިފައިވާ ކަމަށްވެސް ވޮޝިންގްޓަން ޕޯސްޓްގައި ރިޕޯޓްކޮށްފައިވެ އެވެ.