ޣައްސާން މައުމޫން

ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޣައްސާން 241 ކޮމިޓީއަށް ހާޒިރުކުރަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.

ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ކަންހިނގާފައިވާ ގޮތް އޮޅުންފިލުވުމަށް ޑިފެންސް މިނިސްޓަރު 241 ކޮމިޓީއަށް ހާޒިރުކުރަން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ރާއްޖޭގެ އުތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި ތިން މަސްދޯންޏަކަށް އިންޑިއާ ސިފައިން އެރީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ. އިންޑިއާ ސިފައިން އެ ދުވަހު އެރީ "އަސުރުމާ 3" ދޯންޏާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށެވެ.

އޭގެ ފަހުން މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ އިންޑިއާ ސިފައިން "މާހޯރަ 3" ދޯންޏަށް އެރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަންވެސް ވަނީ ހުށަހަޅާފަ އެވެ.

މިނިސްޓަރު ޣައްސާން މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.