ރައްޔިތުންގެ މަޖިލިސް

ދިވެހި މަސްދޯނިތަކަށް ބޭރު ސިފައިން އެރި މައްސަލަ މަޖިލީހަށް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދިވެހި މަސްދޯނިތަކަކަށް ބޭރުގެ ސިފައިން އެރި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގައި މިއަދަށް އެޖެންޑާކުރި ދެވަނަ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުންނާއި އިދާރާތަކުން މިކަމުގައި ސާފު މައުލޫމާތު ހިއްސާނުކުރުމުގެ ސަބަބުން އާންމުންގެ ތެރޭގައި ނުތަނަވަސްކަމާއި ބިރުވެރިކަން ފެތުރެމުންދާ ކަމަށެވެ.

"ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތާއި ސިޔާދަތާއި މިނިވަންކަމާއި ހަމަޖެހުމާއި އިސްތިގުލާލު އަދި އާންމުގެ މެދުގައި އިންތިހާއަށް ކަންބޮޑުވުން އޮތް މިފަދަ ހުތޫރަތްތެރި މައްސަލައެއްގައި މިއަދުގެ ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދީ އަޅާނުލައި ހިމޭނުން ތިބުމަކީ ހަވާލުވެފައިވާ ގާނޫނީ ބޮޑު ޒިންމާއިން ރެކުން ކަމަށް ގަބޫލުކުރެވޭ،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވަހީދު ވިދާޅުވި އެވެ.

ކުއްލި މައްސަލައިގައި ވަނީ ބޭރުގެ ސިފައިން ދިވެހި މަސްދޯނިތަކަށް އެރި ކަމަށް ބުނާ މައްސަލައިގައި ސަރުކާރުން ވީ އެންމެ އަވަހަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފަ އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ފާސްވީ ވޯޓު ދެއްވި 54 މެންބަރުންގެ އިއްތިފާގުންނެވެ.

ދިވެހި މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފެންމަތިކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ.

މި މައްސަލަތައް ފެންމަތިވުމުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދޭން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދުނެވެ.

ރާއްޖޭގެ އުތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި ތިން މަސްދޯންޏަކަށް މިދިޔަ ބުދަ ދުވަހު އިންޑިއާ ސިފައިން އަރައި ވަނީ ބަލައި ފާސްކޮށްފަ އެވެ. އިންޑިއާ ސިފައިން އެ ދުވަހު އެރީ "އަސުރުމާ 3" ދޯންޏާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށެވެ.

އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާ ސިފައިން "މާހޯރަ 3" ދޯންޏަށް އެރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ.