ރައްޔިތުންގެ މަޖިލިސް

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު ނޭނގޭ: ޝިޔާމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ސަބަބު ފިޝަރީޒް މިނިސްޓްރީއަށް އަދި ނޭނގޭ ކަމަށް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.

މަސްދޯނިތަކަށް ސިފައިން އެރުމަކީ ކީއްވެ ހިނގި ކަމެއްތޯ ސަރުކާރަށް ސާފުވެފައިވޭތޯ އަދި މަސްވެރިންނަށް އެކަން ސާފުކޮށްދީފައިވޭތޯ މެންބަރު އިމްތިޔާޒު ސުވާލު ކުރެއްވި އެވެ.

"ސީދާ އަޅުގަނޑާއި ހިސާބުގައި ތި ސުވާލުގެ ޖަވާބު ނެތް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ސާފުކޮށްލާފަ އެއީ ކީއްވެ ހިނގައިދިޔަ ކަމެއްތޯ. އެ ސުވާލުގެ ޖަވާބު ގުޅުންހުރި ވުޒާރާއިން އެ މައުލޫމާތު އަޅުގަނޑު އިރާދަކުރެވިއްޔާ ހޯދާފަ ސީދާ އިއްޒަތްތެރި މެންބަރާއި ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި ތިން މަސްދޯންޏަކަށް އިންޑިއާ ސިފައިން އެރީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ. އިންޑިއާ ސިފައިން އެ ދުވަހު އެރީ "އަސުރުމާ 3" ދޯންޏާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށެވެ.

އޭގެ ފަހުން މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ އިންޑިއާ ސިފައިން "މާހޯރަ 3" ދޯންޏަށް އެރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ.