ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އައްޑޫސިޓީ ހުޅުމީދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމުގެ ކަންކަން ނިންމުމަށް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް ކުރިއަށް އޮތް މާޗް މަހު އަދި ފަހު ގުރޫޕް މިއަހަރުގެ މެއި 10 ވަނަ ދުވަހު ބޭލުމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރީ މިމަހު އެވެ.
ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.
"އެވަރު ކަމެއް ހާސިލުވެގެންދިޔައިރު އެކަން "އަންޑޫ" ވާގޮތަށް އަނެއްކާވެސް ބަދަލުތަކެއް އަންނަ ނިންމުމެއް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިންމައިފިއްޔާ އަޅުގަނޑުމެން އަމިއްލައަށް ނޫންތޯ އަޅުގަނޑުމެންގެ މިސްރާބު ބަދަލު މިކުރަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އައްޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބު އޮންނާނީ އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް އިއުލާނުކޮށްފައިވާ ތާރީހު ކަމަށްވާ މާޗް 17 ވަނަ ދުވަހު ކަމަށެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ތާރީހު ކަމަށްވާ މާޗް 17 ރޯދަ މަހާ ދިމާވާތީ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް އެ ބިލު ރައީސް މުއިއްޒު އަދި ތަސްދީގެއް ނުކުރައްވަ އެވެ.