ޣައްސާން މައުމޫން

ޣައްސާން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކޮށް ކޮމިޓީ ސިއްރުކޮށްފި އެވެ.

ކޮމިޓީ ސިއްރުކުރަން ނިންމީ ކޮމިޓީގެ ބައްދަލުވުން ފެށުމުގެ ކުރިން ޑިފެންސް މިނިސްޓްރީން މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ކޮމިޓީން ވަނީ މިނިސްޓްރީގެ ސިޓީވެސް ސިއްރުކުރަން ނިންމާފަ އެވެ.

ރާއްޖޭގެ އުތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި ތިން މަސްދޯންޏަކަށް އިންޑިއާ ސިފައިން އެރީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ. އިންޑިއާ ސިފައިން އެ ދުވަހު އެރީ "އަސުރުމާ 3" ދޯންޏާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށެވެ.

އޭގެ ފަހުން މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ އިންޑިއާ ސިފައިން "މާހޯރަ 3" ދޯންޏަށް އެރި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލުކުރަންވެސް މެންބަރަކު ވަނީ ހުށަހަޅުއްވާފަ އެވެ.

ޣައްސާން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅުއްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.