ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރައީސް ޔާމީނަކީ ހަމައެކަނި ޗޮއިސް: ޖަމީލް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން އުފަލާއެކު އިންތިހާބު ކުރާނެ ހަަމައެކަނި ޗޮއިސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަަމަށް އެމަނިކުފާނުގެ ސަރުކާރުގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމާއި އެހެން ވެރީން ވެރިކަން ކުރެއްވި ގޮތުން ވަރަށް ބޮޑު ތަފާތެއް ރައްޔިތުންނަށް ފެނިއްޖެ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިނިވަންކަން ވިއްކާނުލާނެ ކަމާއި ދީނުގައި ހިފަހައްޓަވާނެ ކަން ޔަގީން ކޮށްދެއްވައިފި ކަމަށެވެ.

އަދި އެއީ ވިޝަނަރީ ތަރައްގީ ސާބިތުކޮށްދެއްވި ލީޑަރު ކަމަށް ވިދާޅުވެ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން އުފަލާއެކު އިންތިހާބު ކުރާނެ ހަަމައެކަނި ޗޮއިސް ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.

ވަރަށް ބޮޑު ތަފާތެއް ރައްޔިތުންނަށް ފެނިއްޖެ. މިނިވަންކަން ވިއްކާ ނުލާނެކަން. ދީނުގައި ހިފަހައްޓަވާނެކަން. ވިޝަނަރީ ތަރައްގީ ސާބިތުކޮށް ދެއްވައިފި. ރައީސް ޔާމީނަކީ 2023 ގައި ރައްޔިތުން އުފަލާއެކު އިންތިހާބު ކުރާނެ ހަަމައެކަނި ޗޮއިސްކަން ޔަގީން
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

ނޮވެންބަރު 17، 2013 އިން ނޮވެންބަރު 17، 2018 އަށް ހިނގި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ދެ އަހަރެއްހާ ދުވަހު ނާއިބު ރައީސަކަށް ހުންނެވީ ޖަމީލެވެ. 2013 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް ޖަމީލް ވަނީ އާދަޔާ ހިލާފު ވަރުގަދަ ކެމްޕެއިނެއް ކުރައްވާފައެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވަޑައިގެން ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. ބައެއް ރަށްރަަށަށް ދެ ފަހަރު ނުވަތަ ތިން ފަހަރުވެސް ވަޑައިގެންނެވިއެވެ.

ޕީޕީއެމަށް ތާއީދު ނެތް ބައެއް ރަށްރަށުގެ މެޖޯރިޓީވެސް ހޯއްދެވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަން ބަދަލުވެ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލުމުން އިސް ވަކީލު ކަމާއި ޖަމީލް ހަވާލުވެވަޑައިގެންނެވި އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރުމުން މާޔޫސްވެފައި އޮތް ޕީޕީއެމްގެ ގްރާސްރޫޓަށް ހިތްވަރުގެ ބަސްތައް އިއްވައިދީ ސަޕޯޓަރުންގެ ރޫހު ހިފަހައްޓައިދިނުމުގައި ޖަމީލް ވަނީ މުހިންމު ދައުރެއް އަދާ ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރައްވަންދެން އެ މައްސަލާގައި ވަރުގަދައަށް ވަކާލާތު ކުރެއްވިއެވެ. މިވަގުތު ޖަމީލަކީ ޕީޕީއެމް އާއި ޕީއެންސީގެ ޕޮލިޓިކަލް އެޑްވައިޒަރެވެ.