ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ޖަމީލު ހުންނާނެ ހިސާބު ނިންމަވާނީ ޔާމީން"

ޕީޕީއެމާއި ގުޅިވަޑައިގެންނެވީ ވަކި މަގާމެއްގެ ބޭނުންފުޅުގައި ނޫން ކަމަށާ އޭނާ ހުންނަވަންޖެހޭ ހިސާބެއް ކަނޑައަޅުއްވާނީ އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅު ވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ އަވަސްގެ ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖަމީލް ހުންނަވާނީ ކޮން ހިސާބެއްގައިތޯ އަދި ހުންނަވަން ބޭނުންފުޅުވާ ހިސާބަކީ ކޮބައިތޯ ދެންނެވުމުން ވިދާޅުވީ ހުންނެވީ ޕީޕީއެމަށް ހިދުމަތް ކުރައްވަން ކަމަށެވެ. އަދި ޕީޕީއެމާއި ގުޅިވަޑައިގަތީ ވަކި މަގާމެއްގެ ބޭނުންފުޅުގައި ވެސް ނޫން ކަމަށެވެ.

"އަޅުގަނޑު ރައީސް ޔާމީނާއެކު ހުންނާނީ. ދެން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނީ ޖަމީލު ހުންނާނީ ކިހާ ހިސާބެއްގައިކަން. އެ ސުވާލުގެ ޖަވާބު އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑު މި ކުރަނީ ވަރަށް ސާފުގޮތެއްގައި ޕާޓީއަށްޓަކައި މަސައްކަތް. އެއީ ޕާޓީގެ ތެރެއަށް އަންނަން ޖެހޭނީ ބިސްމިﷲ، ކިޔާފައި މަގާމުތަކެއް ހިފައިގެނެއް ނޫން. އެކަމުގެ ނިޔަތް ގަނެގެނެއް ނޫން. ސިޔާސީ މަސައްކަތަކީ ފުރަތަމަ ކަމަކަށް އެ ގޮތަށް ކުރާ މަސައްކަތެއް ވެސް ނޫން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލަކީ ރައީސް ޔާމީންގެ 2013 ގެ ރަނިންމޭޓެވެ. ޖަމީލަށް އެ ފުރުސަތު ދެއްވީ ރައީސް ވަހީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށެވެ. އެ ދައުވަތު ޖަމީލު ގަބޫލު ކުރެއްވުމަށް ނިންމަވާ ޕީޕީއެމްގެ ޖަލްސާއަކަށް ވަޑައިގަތުމާއެކު ހޯމް މިނިސްޓަރު ކަމުން ވަކި ކުރެއްވިއެވެ.

ރައީސް ޔާމީންގެ 2013 ގެ ރިޔާސީ ކެންޕެއިންގައި ޖަމީލް ވަނީ ވަރަށް ބޮޑު ދައުރެއް އަދާ ކުރައްވާފައެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ އަހަރު ނިމުމާއެކު ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ޖަމީލަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ. އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުން އިސްވެ ޖަމީލުގެ އިތުބާރު ނެތް ކަމުގެ ވޯޓް މަޖިލީހަށް ހުށައަޅާ މަގާމުން ދުރުކުރިއެވެ. އޭރު ޖަމީލު ހުންނެވީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވެ. ރައީސާއި ޖަމީލުގެ ގުޅުން ގޯސްވުމުން ނާއިބު ރައީސްގެ ރަސްމީ ގެކޮޅުން ވަރަށް އަސާސީ ހިދުމަތްތައްވެސް ނުލިބޭ ހާލަތަށް ކަންކަން ގެންދެވިއެވެ.

އަޅުގަނޑު ރައީސް ޔާމީނާއެކު ހުންނާނީ. ދެން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނީ ޖަމީލު ހުންނާނީ ކިހާ ހިސާބެއްގައިކަން. އެ ސުވާލުގެ ޖަވާބު އަޅުގަނޑަކަށް ނޭންގެ. އަޅުގަނޑު މި ކުރަނީ ވަރަށް ސާފުގޮތެއްގައި ޕާޓީއަށްޓަކައި މަސައްކަތް. އެއީ ޕާޓީގެ ތެރެއަށް އަންނަން ޖެހޭނީ ބިސްމިﷲ، ކިޔާފައި މަގާމުތަކެއް ހިފައިގެނެއް ނޫން. އެކަމުގެ ނިޔަތް ގަނެގެނެއް ނޫން. ސިޔާސީ މަސައްކަތަކީ ފުރަތަމަ ކަމަކަށް އެ ގޮތަށް ކުރާ މަސައްކަތެއްވެސް ނޫން
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

އެކަންކަމާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުން ޖަމީލް ވިދާޅުވީ ކޮންމެ ގޮތަކަށް ކަންކަން ވެގެންދިޔަ ނަމަވެސް އަލުން ޕީޕީއެމާއި ގުޅިވަޑައިގެން ރައީސް ޔާމީނާއެކު މަަސައްކަތް ކުރައްވަން ނިންމެވީ އެއީ އެކުގައި މަސައްކަތް ކުރެއްވުނު އެންމެ ގައުމީ ލީޑަރަށް ވެވަޑައިގަންނަވާތީ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ ޕީޕީއެމާއި ގުޅުމުގައި ވަކި މަގާމެއްގެ ޝައުގުވެރިކަން ނެތް ކަމަށެވެ.

"ވަރަށް ގިނަ މީހުން ކުރާ ސުވާލެއް އެކަމަކު ވަރަށް ގޯސް ސުވާލެއް އެއީ، ކޮން ކަމެއް ލިބޭނެތީހޭ ތިކަން ތިކުރަނީ. ދެން ވަރަށް ފަސޭހަ ކަމެއް ކޮންމެ މީހަކަށްވެސް ޓައީއެއް އަޅާފައި ހުދު ގަމީހެއް ތުރުކުރައްވައިގެން ނިކުމެ ބުނުން އަޅުގަނޑު ޕާޓީއެއް އުފައްދައިފީމޭ. އޮޓޯއިން އަޅުގަނޑު މިހާރު ރައީސް ކަމަށް ހޮވިއްޖޭ. ދެން އަޅުގަނޑު ފެންނާނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަގާމުންނޭ. ދެން ރައީސް ކަމަށް ކުރިމަތިލާނަމޭ. އެކަމަކު ސިޔާސީ މަސައްކަތަކީ ހަމައެކަނި އެހެން ބުނުމެއް ނޫން. އަދި ސިޔާސީ މަސައްކަތުގައި އޮންނަނީ ހަމައެކަނި ސިޔާސީ މަގާމުތަކަށްޓަކައި ޝަހީދުވުމެއް ވެސް ނޫން،" ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް ހުންނެވި ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ސިޔާސީ މަަސައްކަތަކީ ވަރަށް ފުޅާ މަސައްކަތެއް ކަމަށެވެ. އަދި ޕީޕީއެމްގައި ހުންނަވައިގެން ކުރައްވަން އޮތީ ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ޕާޓީ ކުރިއަށް ގެންދެވުން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ކުރަންވަން ޖެހިވަޑައިގަންނަވާ މަސައްކަތުގައި ސާބިތުވެ ހުންނެވި ކަމަށެވެ.

އަދި ފުރުސަތު ލިބިވަޑައިގެންފިނަމަ 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އިންތިހާބު ކުރުމަށް އެމަނިކުފާނުގެ ކެންޕެއިންގައި އެހީތެރިވެ ދެއްވާނެ ކަމަށެވެ.

"ޕާޓީގެ ލީޑަރުގެ ވިސްނުމާއި އެއްގޮތަށް ޕާޓީ ތެދުކޮށް އެ މަސައްކަތުގައި އަޅުގަނޑު މި ހުރީ. އަޅުގަނޑު ހުންނަވާ ހިސާބެއް އަދި ވަކި މަގުސަދެއް މިފަދަ އެއްވެސް ކަމެއް ނެތް. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގައި މިވަގުތު އަޅުގަނޑުގެ އޮތް އެންމެ ބޮޑު މަސައްކަތަކީ ނުވަތަ މަސްއޫލިއްޔަތެއް ކަމަށް މި ދެކެނީ މިވަގުތު ގައުމުގެ ހާލަތު ހުރި ގޮތަށް ބަލާފައި އަޅުގަނޑަށް ކޮށްދެވޭނެ ކަމެއް ޕީޕީއެމަށްޓަކައި، ރައީސް ޔާމީނަށްޓަކައި ކޮށް ދިނުން. އެކަން އަޅުގަނޑު ކޮށްދޭނަން ރައީސް ޔާމީން މިނިވަން ވެގެން އަދި ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތުގެ ތެރެއިން ކެންޕެއިން ކުރުމަށް ފުރުސަތު ލިބުނިއްޔާ އެ މަސައްކަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށް އެހީތެރިވެދޭނަން. އެ ގޮތުގައި އަޅުގަނޑު ހުންނާނީ،" ޖަމީލް ވިދާޅުވިއެވެ.