ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލުގެ އެދިވަޑައިގަތުމެއް: ހުކުމް އަންނާނީ ވަކި ގޮތަކަށޭ ނުބުނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ނިންމުމަށް މިމަހުގެ 30 ވަނަ ދުވަހު އަޑުއެހުމެއް ތާވަލްކުރުމާއެކު ސުޕްރީމް ކޯޓުން ހުކުމް އަންނާނީ ވަކި ގޮތަކަށް ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަދި ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުމް މިމަހުގެ 30 ވަނަ ދުވަހުގެ 8:45 އަށް ތާވަލްކޮށް ޗިޓު ފޮނުވާފައިވާތީ އެ ދުވަހު ރައީސް ޔާމީން މިނިވަންކުރުމަށް ކޯޓުން ހުކުމް ކުރާނެ ކަމަށް ދޭހަވާ މޭރުމުން ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައެވެ.

ޖަމީލު ވިދާޅުވީ ކޯޓްތަކުން ހުކުމް ކުރުމުގެ ކުރީން މައްސަލަ ނިންމާނީ ވަކި ގޮތަކަށް ކަމަށް ވާހަކަ ދެއްކެވުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އެއީ ކޯޓްގެ ހުރުމަތް ކަނޑާލުމުގެ އަމަލަކަށްވެސް ވެދާނެތީ އެފަދަ ކަންކަން ނުކުރުމަށް ޖަމީލު އެދިވަޑައިގަތެވެ.

"ހަގީގަތުގައި އެއްވެސް ކޯޓަކުން ނިންމާ މައްސަލައެއް ނިންމޭނީ ވަކި ގޮތަކަށޭ މިވެނި ގޮތަކަށް ނިންމިދާނެއޭވެސް އެފަދަ ގޮތަކަށް ވާހަކަދެއްކުމަކީ ހަގީގަތުގައި ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލަކަށް ވެސް ވެގެން ހިނގައިދާނެ. އެއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ކޮންމެ ނިޔަތެއްގައި ނަމަވެސް އެ މޭރުމުން ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް އެންމެ މަތީ މަރުހަލާއާ ހަމައަށް ގެންގޮސްފައިވަނީ ދަށު ކޯޓްގެ ހުކުމާއި ހައިކޯޓްގެ ހުކުމާމެދުވެސް ހިތްހަމަނުޖެހުން އޮތުމުން ކަމަށާ އެހެން ކަމުން ރައީސް ޔާމީންގެ ވަކީލުންނާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ވިސްނުން ސާފު ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ތަކުރާރުކުރައްވާ ޖަމީލް ވިދާޅުވީ އެ ވާހަކަތައް ސުޕްރީމް ކޯޓްގައި ވަރަށް ތަފްސީލުކޮށް ކިޔައިދެއްވި ކަމަށެވެ.

ދެން އޮތީ ހެޔޮ ދުއާކޮށް ކޯޓްގެ ހުކުމަށް އިންތިޒާރު ކުރުން ކަމަށް ވިދާޅުވިއެވެ.

"ދަންނަވަންތޯ، އަޅުގަނޑުމެން އެދޭ ގޮތް އެއީ ސިއްރު ގޮތެއް ނޫން. އަޅުގަނޑުމެން ހުކުމް ގަބޫލު ނުކުރާތީ ހުކުމް އިސްތިއުނާފު ކޮށްފައި އެ ވަނީ. އެއަށްފަހު އަޅުގަނޑުމެންނަށް އޮތީ މަސައްކަތް ކުރުން. އެ މަސައްކަތްކޮށްވެސް ނިމިއްޖެ. ދެން އޮތީ އަޅުގަނޑުމެން މިކަމަށްޓަކައި ދުއާ ކުރުން. ރައީސް ޔާމީނަށް ހެޔޮ އެދިވަޑައިގަންނަވާ އެތައް ހާސް ރައްޔިތުންނެއް އެ ދުއާ އެބަ ކުރައްވާ. އެއްވެސް ފަރާތަކަށް ނޭނގޭނެ ހުކުމް އޮންނާނެ ގޮތެއް. އަދި އެފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫން. އެކަމަށް ވަރަށް ނުރުހުން ފާޅުކުރަން،" ޖަމީލް ވިދާޅުވިއެވެ.

ދަންނަވަންތޯ، އަޅުގަނޑުމެން އެދޭ ގޮތް އެއީ ސިއްރު ގޮތެއް ނޫން. އަޅުގަނޑުމެން ހުކުމް ގަބޫލު ނުކުރާތީ ހުކުމް އިސްތިއުނާފު ކޮށްފައި އެ ވަނީ. އެއަށްފަހު އަޅުގަނޑުމެންނަށް އޮތީ މަސައްކަތް ކުރުން. އެ މަސައްކަތްކޮށްވެސް ނިމިއްޖެ. ދެން އޮތީ އަޅުގަނޑުމެން މިކަމަށްޓަކައި ދުއާ ކުރުން. ރައީސް ޔާމީނަށް ހެޔޮ އެދިވަޑައިގަންނަވާ އެތައް ހާސް ރައްޔިތުންނެއް އެ ދުއާ އެބަ ކުރައްވާ. އެއްވެސް ފަރާތަކަށް ނޭނގޭނެ ހުކުމް އޮންނާނެ ގޮތެއް. އަދި އެފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫން. އެކަމަށް ވަރަށް ނުރުހުން ފާޅުކުރަން
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ރައީސް ޔާމީންގެ އިސް ވަކީލު

ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކޮށްފައި ވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އެވެ.

ޔާމީންގެ މައްޗަށް އެ ދައުވާ އުފުލީ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފްގެ ޗެކަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ތަހުގީގަށް ފާހަގަކުރެވިގެންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށް މިމަހުގެ 18 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުން ބާއްވާފައި ވަނީ މައްސަލައިގެ ލިޔުންތައް ދިރާސާކުރަމުންދިޔައިރު ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާ މައްސަލައެއްގަ އެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނެފައި ވަނީ އެއީ އޮޅުމަކުން ދިމާވެފައިވާ ކަމެއް ކަމަށެވެ.