ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "ސައިޒު" ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް އިދިކޮޅު ކޯލިޝަނުން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައަޅައިފި އެވެ.
ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯއެއް އާންމުކޮށްފައިވަނީ "މޯލްޑިވްސް ޔޫތު ފޯސް" ގެ ނަމުގައި މިރޭ އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ފެންނަނީ ހުސައިން ސައީދު ނަމަކަށް ކިޔާ މީހެކެވެ. އެއީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ނިސްބަތްވާ މެންބަރެއް ކަމަށް ވެއެވެ.
އޭނާގެ ވީޑިއޯ މެސެޖްގައި ބުނެފައިވަނީ އެއީ "މޯލްޑިވްސް ޔޫތު ފޯސް" ކަމަށާ އެ ޓީމުގެ މެންބަރުން ނިކުންނަނީ ރައީސް ޔާމީން "ސައިޒް" ކުރަން ކަމަށެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވާ ބޮޑުކޮށް ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތާ އެ ފޯސް އިން ދެކޮޅު ކަމަށާ ރާއްޖެ އޮތީ އިންޑިއާގެ ދަށުވެފައި ކަމަށް ވިދާޅުވެ ރައީސް ޔާމީން އިތުރު ހައްދަވާ ކަމަށެވެ. ރައީސް ޔާމީނަށް އިޝާރާތް ކޮށް އެ މީހާ ބުނެފައިވަނީ ރައީސްކަން ކޮށްފައިވާ މީހަކު ނިކުމެ ރާއްޖެ އިނދަ ޖައްސާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ރަސްމީކޮށް އެކަން ބަލައިދިނުމަށް މިހާރު އެދިފައިވާނެ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ފުލުހުން ކޮމެންޓެއް ނުދިނެވެ.
އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ އެކަން އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.
އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.