ރާއްޖެ އިންޑިއާ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ވިދާޅުވާން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުންނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
ރ. މީދޫގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހީންގެ މިނިވަންކަން އޮތީ މީގެ 60 އަހަރު ކުރީން އޮތް ހާލަތަށްވުރެ ގޯސްކޮށް ކަމަށެވެ. ނަމަވެސް އެ ހާލަތު ފޮރުވަން ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި އިންޑިއާ ސިފައިން "ބަނޑަހަ" ޖަހައިގެން އެބަ ތިބި ކަމަށާ އިންޓެލިޖެންސް މައުލޫމާތު ހޯދުމުގައި މިއަދު އިންޑިއާ ނޫން އެއްވެސް ގައުމަކަށް ދިވެހި ސިފައިންނާއި ފުލުހުން ބަރޯސާވަމުން ނުދާ ކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އިންޑިއާގެ ދަށަށް ގޮސްފައިވާ މިންވަރު ފޮރުވަން ކޮމިޝަނަރު ހަމީދު އާއި ޖެނެރަލް ޝަމާލް މަސައްކަތް ކުރައްވާ ކަމަށެވެ.
އެކަން ނުކުރައްވާނަމަ އެ ދެ ބޭފުޅުންނަށް ޗެލެންޖް ކުރައްވާ ރައީސް ޔާމީން ވަނީ އިންޑިއާ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް އެ ދެ ބޭފުޅުންނަށް ވިދާޅުވާން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
"މި ދެ ބާރު [ސިފައިންނާއި ފުލުހުން] ގެ ވެރިންނަކަށް ނުކުރޭނެ ރައްޔިތުން ކައިރީ ބުނާކަށް ތިމަންނާމެން އިންޑިއާ ކުރިމަތީ ކުޑަކަކޫ ނުޖަހާނަމޭ. ނުބުނެވޭނެ އެ މީހުން [ޖެނެރަލް ޝަމާލް އާއި ސީޕީ ހަމީދު] ނަކަށް. އެހާ ހިސާބަށް ކަންކަން ދުއްވާލާފައި މި އޮތީ. އެހެންވީމަ މިހާ ހިސާބަށް ދިޔައީމަ އަޅުގަނޑުމެން އެންމެ ނިކުމެ މިތިބީ ވަރުގަދަ މިނިވަން ކަމުގެ ޖިހާދެއްގައި. މި ކުރާ މަސައްކަތަކީ ހުރިހާ މާނައެއްގައިވެސް ޖިހާދެއް. އެހެންވީމަ މިތަން ބަލާކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނާކަށް ފަސޭހައެއް ނުވާނެ. ސިންގަޕޫރަށާއި އެހެން ތަންތަނަށް ފުރައިގެން ދާނީ. މިކަހަލަ ތަނަކަށް އައިސް ރައްޔިތުން އެއްކޮށްފައި ނޫނެކޭ ޔާމީން އެ ހަދަނީ ދޮގޭ ކިޔާފައި ނުކުރޭނެ ވާހަކަ ދައްކާކަށް،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހް ކިތަންމެ ވަރަކަށް ފޮރުވި ނަމަވެސް ދިވެހި ދައުލަތް މިއަދު ހިންގަނީ ރާއްޖޭގައި ހުރި އެމްބަސީއަކުން ބޭރު ގައުމެއްގެ ސަފީރަކު އަންގަވާ ގޮތަކަށް ކަމަށެވެ. ވެރި މީހާ "ބަނދެލާ"ފައި ވަނީ ގުޑުވާ ނުލެވޭ މިންވަރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދެ ބާރު [ސިފައިންނާއި ފުލުހުން] ގެ ވެރިންނަކަށް ނުކުރޭނެ ރައްޔިތުން ކައިރީ ބުނާކަށް ތިމަންނާމެން އިންޑިއާ ކުރިމަތީ ކުޑަކަކޫ ނުޖަހާނަމޭ. ނުބުނެވޭނެ އެ މީހުން [ޖެނެރަލް ޝަމާލް އާއި ސީޕީ ހަމީދު] ނަކަށް. އެހާ ހިސާބަށް ކަންކަން ދުއްވާލާފައި މި އޮތީ. އެހެންވީމަ މިހާ ހިސާބަށް ދިޔައީމަ އަޅުގަނޑުމެން އެންމެ ނިކުމެ މިތިބީ ވަރުގަދަ މިނިވަން ކަމުގެ ޖިހާދެއްގައި. މި ކުރާ މަސައްކަތަކީ ހުރިހާ މާނައެއްގައިވެސް ޖިހާދެއް. އެހެންވީމަ މިތަން ބަލާކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނާކަށް ފަސޭހައެއް ނުވާނެ. ސިންގަޕޫރަށާއި އެހެން ތަންތަނަށް ފުރައިގެން ދާނީ. މިކަހަލަ ތަނަކަށް އައިސް ރައްޔިތުން އެއްކޮށްފައި ނޫނެކޭ ޔާމީން އެ ހަދަނީ ދޮގޭ ކިޔާފައި ނުކުރޭނެ ވާހަކަ ދައްކާކަށްއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު
ޔާމީންގެ ވާހަކަފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރެވިފައިވާ ބައެއް އެގްރީމަންޓްތަކުގައި އެތައް ނުރައްކަލެއް ހުރި ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ތެޔޮ އެބަހުރި ކަން އެނގޭ ކަމަށާ ނަމަވެސް ދެ ގައުމުގައި މި ސަރުކާރުން ވެފައިވާ އެއްބަސްވުމާއެކު އެފަދަ ތަހުލީލެއްވެސް ދެން ކުރެވޭނީ އިންޑިއާއިން ބޭނުން ވެއްޖެނަމަ އެ ގައުމުން ބޭނުން ބަޔަކު ލައްވާ އެކަނި ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ގޭހާއި ތެލުގެ އެއްވެސް ބާވަތެއް ހުރިތޯ ބެލުމަށް މަސައްކަތް ކުރެއްވި ކަމަށާ ނަމަވެސް މިއަދު ކަނޑުގެ ޗާޓެއް ކުރެހިޔަސް އަދި ކަނޑުގައި އެއްވެސް ކަމެއް ކުރެވޭނީވެސް އިންޑިއާގެ ރުހުން އޮވެގެން ކަމަށެވެ.
"މިތަނުގެ އެއްވެސް ޗާޓެއް، އެއްވެސް ކުރެހުމެއް އެއްވެސް ތަހުލީލެއް އަދި އެއްވެސް އެއްޗެއްގެ ރިޕޯޓެއް، ދިވެހި ސަރުކާރަށް ހުއްދައެއް ނެތް އެހެން ފަރާތަކަށް ޝެއާ ކުރާކަށް ހުއްދައެއް ނެތް. އަދި މިކަމާއި ގުޅިގެން މި އެގްރީމަންޓްގައި ކަވަރު ނުކުރާ ކަމެއްގެ ތަހުލީލު ކުރާކަށް ބޭރު ބަޔަކު ގެންނާކަށްވެސް މި އެގްރީމަންޓުން ހުއްދައެއް ނުކުރޭ. ކަނޑުގައި ކުރާ އެއްވެސް ކަމަކަށް ހުއްދައެއް ނުލިބޭ.، އެހެންވީމަ ކިހާ ހިސާބަކުންތޯ ދިވެހީން އަޅުވެތިވެފައި މި ތިބީ،"
މިއަދު ލިޔެފައި އެގްރީމަންޓްކޮށްފައި ދެ ދައުލަތުގެ ނިޝާން ޖަހާފައި ސިއްކަ ޖަހާފައި ރަސްމީކޮށް އެ އޮތީ ކަނޑު ވިއްކާލާފައި. އެއީ އެމްޑީޕީން ސަރުކާރުގައި ތިބެގެން. އެއީ ރާއްޖޭގެ ކަނޑުގެ ހުރިހާ ސަރަހައްދެއްގައި -- ވަކި ހިސާބެއް ނުބުނެ ބޭރު ދުނިންތޯ އެތެރެ ތޮށިންތޯ ވަކި މިނެއް ނެތް -- ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހަދަން ޖެހޭ ކަނޑުގެ ހުރިހާ ސާވޭތަކެއް ހައިޑްރޯލެޖިކަލް ސާވޭގެ ނަމުގައި އެ އޮތީ އެގްރީމަންޓް ހަދާފައި. މި އެގްރީމަންޓްވެސް ދިވެހި ސަރުކާރަކަށް ހުއްދައެއް ނެތް ތިންވަނަ ފަރާތަކަށް ދައްކާކަށް. މި އެގްރީމަންޓްތަކުގެ ދަށުން ކޮންމެ ކަހަލަ ތަހުލީލެއްވެސް ކުރަން އިންޑިއާ ސަރުކާރަށް ފުުރުސަތު އެބައޮތް. ނަމަވެސް ދިވެހި ސަރުކާރަކަށް ނެތޭ. ދިވެހި ރައްޔިތުންނަކަށް ނެތޭއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު
އަދި އުުތުރުތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން ކަމަށް ވަރަށް ސާފުކޮށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިތުރުތިލަފަޅަކީ ދިވެހި ދައުލަތުގެ ފައިސާއިން ބިނާ ކުރަމުން އައި ތަނެއް ކަމަށާ ނަމަވެސް އެތަން ތަރައްގީ ކުރުމުގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއާ ހަވާލުކުރީ ފޮރުވިފައިވާ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.
"މާލޭގެ ހުޅަނގު އުތުރުން އެ އޮތީ އުތުރުތިލަފަޅު. މިކީއެއް ސިފައިންގެ މަރުކަޒެއް ނޫން. މިކީއެއް މިއަދު ދިވެހިރާއްޖޭގެ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން. މީ ދިވެހި ދައުލަތުގެ ބާރު ހިނގާތަނެއްވެސް ނޫން. މިއީ ފުރިހަމައަށް އިންޑިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ތަނެއް. އަޅުގަނޑު ބުނީމަ ގަބޫލު ކުރައްވާ. މިއީ ދިވެހި ދައުލަތުގެ ބާރު ހިނގާ ތަނެއް ނޫން. މިއީ ފުރިހަމައަށް އިންޑިއާ ސަރުކާރުގެ އަދި އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް. އެ އޮތީ އަޅުގަނޑުމެންގެ ވެރިކަން ކުރާ ރަށާއި ދާދި ގާތުގައި. އެއީ އެންމެ ކައިރިން މި ނުރައްކާ އިހުސާސް ކުރާ ހިސާބު. ދެން މުހިންމު ހުރިހާ ހިސާބެއްގައި އެބަ ތިބި އިންޑިއާ ސިފައިން 'ބަނޑަހަ' ޖަހައިގެން،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ގޮތުން އެތަނުގައި އިމާރާތް ކުރުމާއި މެނޭޖް ކުރުމާއި އަދި ހިންގުމުގެ ހުރިހާ ބާރެއްވެސް އޮތީ އިންޑިއާގެ އަސްކަރިއްޔާއަށް ކަމަށެވެ. އުތުރުތިލަފަޅަށް އަންނަ އިންޑިއާ ސިފައިންގެ އަދަދާއި ސިފައިން ތިބޭ މުއްދަތާއި އަދި ސިފައިން ކުރާ ކަންކަމާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ބާރުވެސް ދިވެހި ސަރުކާރަށް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ތިންވަނަ ފަރާތަކަަށް އެ އެއްބަސްވުން ނުދެއްކޭނެ ކަމަށްވެސް ލިޔެފައިވާ ކަމަށެވެ. އެ އެއްބަސްވުން މަޖިލީހަށް ނުދައްކަނީ އެ ސަބަބާއި ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ. ޔާމީން ތަކުރާރުކޮށް ވިދާޅުވީ އުތުރުތިލަފަޅު އޮތީ ނުރައްކަލުން ފުރިފައި ކަމަށެވެ. އަދި އެއ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށްވެސް ވިދާޅުވިއެވެ.
"މި [އުތުރުތިލަފަޅުގެ] އެގްރީމަންޓްގައި މި އޮންނަނީ އިމާރާތް ކޮށްދީފައި މެނޭޖްކޮށްދީފައި އެޑްމިނިސްޗާ ކުރާނީ އިންޑިއާ ސިފައިން އިން ނޭ. އަދި މިކަމަށް އަންނަ އިންޑިއާގެ އެއްވެސް ސިފައިންގެ އޮފިސަރަކާ ވަކި ރޭކްކަކާ ވަކި އަދަދަކާ ދިވެހި ސަރުކާރަށް އެއްވެސް ގޮތަކަށް ހުރަސް އެޅުމުގެ އިހުތިޔާރެއް ނެތް. ދިވެހި ސަރުކާރުން ލަދުވެތިވާން ވާނެ މިވަރުގެ އެގްރީމަންޓެއް ސަރުކާރުގެ ނަމުގައި ކުރަން،" ޔާމީން ވިދާޅުވިއެވެ.