މިނިވަންކަން ގެއްލޭ މަންޒަރު ފެންނަމުންދާ ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގއި ގައުމީ ކެންޕެއިނެއް ހިންގަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ފުރަތަމަ އެ ހަރަކާތް ކުރިއަށް ގެންދަން ނިންމީ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ނަމުގައެވެ. އާދައިގެ ގޮތަކަށް އެ ހަރަކާތް ކުރިއަށް ގެންދަނިކޮށް ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެވަޑައިގަތުމާއެކު އެ ހަރަކާތް އިތުރަށް ފުޅާކުރެއްވިއެވެ. މިނިވަންވެވަޑައިގެންތާ 72 ގަޑިއިރުތެރޭ ބޮޑު ރެލީއެއް ބާއްވަވާ "އިންޑިއާ އައުޓް" ހަރަކާތަކީ އެމަނިކުފާނުގެ އިސްނެންގެވުމަށް ފެށުނު ހަރަކާތެއްކަން ރަސްމީކޮށް އިއުލާނު ކުރެއްވިއެވެ. ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ ހަރަކާތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެ ވިދާޅުވުމާ އެއްގޮތަށް މިއަދާ ހަމައަށް "އިންޑިއާ އައުޓް" ހަރަކާތް ވަނީ އެތައް ގޮތަކުން ވަރުގަދަ ކުރައްވާ ބިޔަކޮށް ފުޅާކުރައްވާފައެވެ.
އެ ހަރަކާތް ބޮޑުވެ ފުޅާވުމުގެ ކުރިއަށްވެސް ސަރުކާރުން ގެންދިޔައީ އެ ކެމްޕެއިން ހުއްޓުވަން އެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުންނެވެ. އަދި އެންމެ ފަހުން އެ ކެމްޕެއިންގެ މައްސަލަ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ބައްދަލްވުމަކަށް އެޖެންޑާކޮށް އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވަނީ ނިންމާފައެވެ. އެ ނިންމުން އާންމުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ގަރާރެއް ނެރުއްވާފައެވެ.
އަދި އެ ގަރާރު ތަންފީޒުކޮށް "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅުންހުރި ކޮންމެ ހަރަކާތެއް ހުއްޓުވަން ފުލުހުންނާއި ސިފައިންގެ މައްޗަށް ވަނީ އަމުރު ކުރައްވާފައެވެ. އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ދަނީ ކުރަމުންނެވެ. އެއްވުންތަކާއި އިހުތިޖާޖުތައް ދަނީ ރޫޅާލަމުންނެވެ. "އިންޑިއާ އައުޓް" ކެމްޕެއިން ރަމްޒުކޮށްދޭ ބެނާތަކާއި ދިދަތަކާއި ލިޔުންތައް ދަނީ ނަގަމުންނެވެ. ގޭގެއާއި މަގުތަކުގައި ސްޕްރޭ ކޮށްފައިވާ އެ ހަރަކާތުގެ ލޯގޯތަކާއި ނިޝާންތައް ދަނީ ފުހެމުންނެވެ. ގޭގައި ހަރުކުރަމުންދާ 40 ފޫޓްގެ ބޮޑެތި ބެނާތައްވެސް ކޯޓް އަމުރު ހޯދައިގެން ނަގައެވެ. އެފަދަ ގޭގޭގެ ވެރީން ފުލުހަށް ހާޒިރުކޮށް ދެން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ދަނީ އިންޒާރު ކުރަމުންނެވެ.
"އިންޑިއާ އައުޓް" ހަރަކާތުގައި މަގުމަތީ އިސްކޮށް އުޅޭ އެކްޓިވިސްޓުން ހައްޔަރުކޮށް އެ ހަރަކާތަށް ފަންޑު ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ދަނީ ފުލުހުންގެ ބަންދަށް ގެންދަމުންނެވެ. އެފަދަ ތުހުމަތެއް އޮތް އެއް ބޭފުޅަކީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލެވެ. "އިންޑިއާ އައުޓް" ކެމްޕެއިން ހިންގާ ކަމަށް ތުހުމަތުކޮށް ދެ ފަހަރެއްގެ މަތީން މުހައްމަދު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރަން ކޮންމެ ފަހަރަކުވެސް ކޯޓުން އަމުރު ނެރެއެވެ. ނަމަވެސް ބަންދުގެ މަޖިލީހަށް ހާޒިރު ކުރުމުން އޭނާ މިނިވަން ކުރަނީ އެވެ. ފުރަތަމަ ދޫކޮށްލީ އަމުރާ ހިލާފަށް ހައްޔަރު ކުރުމުންނެވެ. ދެވަނަ ފަހަރު ދޫކޮށްލީ ބަންދުގައި ބަހައްޓަން ފުލުހުން ދައްކާ އުޒުރު ރަނގަޅު ކަމަށް ނުފެނިގެންނެވެ.
ފުލުހުން ވަނީ މުހައްމަދު އިސްމާއީލް ކުށެއް ކުރިކަން ސާބިތުކުރުމަށްޓަކައި ގަރީނާގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓަކާއި ކުށުގެ ރެކޯޑަކާއި އަދި ފޮޓޯ ރިޕޯޓެއް ހުށަހަޅާފަ އެވެ. އަދި އިންޑިއާ ހަރަކާތަށް ފަންޑު ކުރާ މައިގަނޑު މީހަކީ މުހައްމަދު އިސްމާއީލް ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.
ފުލުހުންގެ މި ތުހުމަތު ގިނަ ސުވާލުތަކެއް އުފެދެއެވެ. "އިންޑިއާ އައުޓް" ކެމްޕެއިންނަށް ފަންޑު ކުރާ މައިގަނޑު މީހަކަށް މުހައްމަދު އިސްމާއީލް ވާނީ ކިހިނަކުން ހެއްޔެވެ. އޭނާއަކީ އެފަދަ ތަނަވަސް ކަމެއް އޮތް ބޭފުޅެއް ނޫނެވެ. އެވަރުގެ ބޮޑު ތުހުމަތެއް އަމާޒުކުރާއިރު އެކަމަށް ބާރުދޭ ހެއްކަކީ ކޮބައި ހެއްޔެވެ. އެ ކެމްޕެއިނަށް މުހައްމަދުގެ ޖީބުން ހަރަދު ކުރެއްވީ ކިހާ ފައިސާއެއް ހެއްޔެވެ. އަދި އެއީ މުހައްމަދު އިސްމާއީލްގެ ފައިސާ ހެއްޔެވެ. އެހެންނަމަ އެއީ ކިހިނެތް ކޮން ގޮތަކަށް އޭނާ ހޯއްދެވި ފައިސާއެއް ހެއްޔެވެ.
މިއިން އެއްވެސް ސުވާލަކަށް ފުލުހުންގެ ޖަވާބެއް ނެތެވެ. ހައްޔަރު ކުރުމާއެކު ކޯޓުގެ ތެރެއިް މިނިވަންވުމަށް ދޮރު ހުޅުވެނީ އެހެން ވެގެނެވެ. ފުލުހުން ގެންގުޅެނީ އިންޓެލިޖެންސް ރިޕޯޓެވެ. އޭގައި ލައްކަ ވާހަކަ އޮވެއެވެ. ނެތީ އޭގައި ހުންނަ ވާހަކަތަކާއި ގުޅިގެން އުފެދޭ ސުވާލުތަކަށް ދޭނެ ޖަވާބެކެވެ.
އަނެއްކޮޅުން "އިންޑިއާ އައުޓް" ކެމްޕެއިނަކީ އެމަނިކުފާނުގެ ސީދާ އިސްނެންގެވުމަށް ފެއްޓެވި ހަރަކާތެއް ކަމަށް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މިނިވަންވެވަޑައިގަތުމަށް ފަހު ފުރަތަމަ ކުރެއްވި އިއުލާނަކީ އެއީ އެވެ. އޭގެ ފަހަށް އެތައް ފަހަރަކު ފަށްފަށްކޮށް ތަކުރާރުކޮށް އެ ވާހަކަ ވިދާޅުވެއްޖެ އެވެ. އެ ހަރަކާތް ހިންގެވުމަށް އެތައް ރަށަކަށް ވަޑައިގެންފި އެވެ. އެތައް ގަޑިއިރުގެ ދިގު ތަގުރީރުތައް ކުރައްވައިފި އެވެ.
އެންމެ އިސްކަން ދެއްވަނީ "އިންޑިއާ އައުޓް" ކެމްޕެއިން ހިންގަވާ މިހާރަށްވުރެވެސް ފުޅާ ކުރައްވަން ކަމަށް ވިދާޅުވެއެވެ. އެންމެ ފަހުން ހޮނިހިރު ދުވަހުގެ ރޭ އޮތް ޖަލްސާއެއްގައިވެސް އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ކެމްޕެއިން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަށް ގޮންޖައްސަވާފައެވެ.
"އިންޑިއާ އައުޓް" ކެމްޕެއިންގެ އެންމެ ބޮޑު ބެނާ ނެންގެވީ އެމަނިކުފާނުގެ ގެކޮޅުގައެވެ. މި ހުރިހާ ކަމަކުން "އިންޑިއާ އައުޓް" ކެމްޕެއިން ހިންގަވާ ލީޑަރު ސާފުކޮށް އެބަ އެނގެއެވެ. އެ ހަރަކާތަށް ބަޔަކު ފަންޑު ކުރައްވާނަމަ ކުރައްވާނީ އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށެވެ. އެމަނިކުފާނުގެ މަޝްވަރާގެ މަތީންނެވެ.
އަނެއްކޮޅުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަދަދެެއްގެ ފައިސާ ލިބެނީ ޕީޕީއެމަށެވެ. މި އަހަރުވެސް އެ ޕާޓީއަށް 9.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީވެސް އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ހަރަދު ކުރާން ލިބުނު ފައިސާ އެވެ.
ފުލުހުން މިއިން އެއްވެސް ކަމަކަށް ޖަވާބެއް ނުދެއެވެ. އިންޓެލިޖެންޓް ރިޕޯޓް ތައްޔާރުކޮށް ތުހުމަތު ކުރައްވަނީ "އިންޑިއާ އައުޓް" ކެމްޕެއިނަށް ބަޔަކު ހަރަދު ކުރާ ކަމަށެވެ. ހަރަދު ކުރާ ބަޔަކަށް ވަނީ މިވަނީ އެފަދަ ތަނަވަސް ކަމެއް ނެތް ބޭފުޅުންނެވެ. ސުވާލު އުފެދެނީ މިހިސާބުންނެވެ. ބޮޑެތި ތުހުމަތުތަކުގައި މުހައްމަދު އިސްމާއީލް މެން ފަދަ ބޭފުޅުން ހައްޔަރު ކުރަނީ ކީއްވެ ހެއްޔެވެ. ރައީސް ޔާމީނާ ހަމައަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވަނީ ހެއްޔެވެ. "އިންޑިއާ އައުޓް" ކެމްޕެއިން ހިންގަވަނީ އެމަނިކުފާނާ ހަމައަށް ވަޑައިގެންނެވޭނެ ހުރިހާ ދޮރުތައް ބަންދު ކުރައްވައިގެން ހެއްޔެވެ. ނޫނީ އެމަނިކުފާނުގެ ގައިކޮޅުގައި އަތްލައިފިނަމަ "އިންޑިއާ އައުޓް" ކެމްޕެއިން އިތުރަށް ވަރުގަދަވެ ސަރުކާރު އިތުރަށް ޕްރެޝަރަށް ވެއްޓެނީ ހެއްޔެވެ. އަދި ސަރުކާރު ނޭވާ ހޮޅިއަށް އެޅޭ ވަރަށް "އިންޑިއާ އައުޓް" ކެމްޕެއިން ހަގީގަތުގައި ވަރުގަދަ ވީ ހެއްޔެވެ.