ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ދެ މިނިސްޓަރުންނާއި އަދުރޭގެ ވާހަކަ!

ކޮވިޑް-19 އިގެ ބަލިމަޑުކަން ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާއިރު ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދޭން ސަރުކާރުން ގެންދަނީ ވަރުގަދަ އަދި ރަނގަޅު ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގައުމުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު ސިއްހީ ތަޖުރިބާކާރުންގެ އަތްމައްޗަށް ދޫކޮށްލައްވާފަ އެވެ. ނަމަވެސް ސަރުކާރުން އަޅާ ފިޔަވަޅުތައް ލަސްވާ ކަމުގެ ޝަކުވާތައް ފުރަތަމަ ދުވަހުން ފެށިގެން ދިޔައީ ކުރަމުންނެވެ. އަދި ސިއްހީ މާހިރުންގެ އެންގެވުންތަކާ އެއްގޮތަށް ބައެއް ދިމަ ދިމާއިން ފިޔަވަޅު ނާޅާކަމުގެ ތުހުމަތު ވެސް އޮވެ އެވެ. އަދި ރަނގަޅު ފިޔަވަޅުތަކެއް އަޅައި ކަންކަން ވަރުގަދަކޮށްފައިވި ނަަމަވެސް އެ ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް ބުނާ ބަޔަކު ވެސް އުޅެ އެވެ.

މި އަޑުތަކުގެ ތެރެއިން ކުއްލިއަކަށް އައީ އެހެން ވާހަކައެކެވެ. ސަރުކާރުގެ ފިޔަވަޅުތަކާއި ކޮވިޑް މެނޭޖް ކުރަމުން ގެންދާ ގޮތަށް އިދިކޮޅުގައި އޮތް ދެ ޕާޓީގެ ލީޑަޝިޕްގެ ރުހުން އޮތް ވާހަަކަ އެވެ. ސަރުކާރުގެ މަސައްކަތަށް އިދިކޮޅުން ވެސް 100 ދީފައިވާ ކަމުގެ ވާހަކަ އެވެ. ހޯމް މިނިިސްޓަރާއި ޓޫރިޒަމް މިނިސްޓަރަށް އިދިކޮޅު ލީޑަރުން ގުޅުއްވާ ތައުރީފު ކުރައްވާ ވާހަކަ އާއި ސިޔާސަތުތަކަށް އަތް ޖައްސަވާ ވާހަކަ އެވެ. އަދި ފާޑެއް ކިޔަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކިތަންމެ ބޭނުންފުޅުވެ ވަޑައިގަތަސް ސަރުކާރުގެ މަސައްކަތް ރަނގަޅުކަމުން ފާޑެއް ކިޔާލާނެ އެއްވެސް ޖާގައެއް ނެތް ކަމަށް އިދިކޮޅުން ގުޅުއްވާ ލީޑަރުން ވިދާޅުވާ ވާހަކަ އެވެ.

މި ވާހަކަތައް ދެއްކެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އިދިކޮޅުން އެ ދެ ބޭފުޅުންނަށް ގުޅައި ސަރުކާރަށް ސަނާ ކިޔާ ކަމަށް އިމާރާނާއި އަލީ ވަހީދު ވިދާޅުވެ އެވެ.

މި ފަހުން އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތައް މެއި 1، 2015 ގައި ބޭއްވި ބޮޑު އެއްވުމުގައި ދެއްކެވި ސިޔާސީ ވާހަކަތަކާއި ދާދި އެއްގޮތަށެވެ. އެ ދުވަހުވެސް އެއްކޮށް އުޅުއްވެވީ އިމްރާނާއި އަލީ ވަހީދެވެ.

ނިއުސް ކޮންފަރެންސްގައި ދެ ވަޒީރުން ދެއްކެވި ވާހަކަތަކާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ތެރެއިން ބަޔަކު ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ. އަދި ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި އެފަދަ އެތައް ވާހަކަތަކެއް އެ މެންބަރުން ގެންދަނީ ހިއްސާ ކުރަމުންނެވެ. އެ މީހުން ވާހަކައަކީ ކަންކަން ރަނގަޅުވަނީ ކޮންމެހެން އިދިކޮޅު ކޮންގްރެސް އާއި ޕީޕީއެމްގެ ލީޑަރުންގެ ތެރެއިން ބޭފުޅަކު ރަނގަޅޭ ވިދާޅުވުމުން ހެއްޔެވެ؟ އަދި އިމްރާނާއި އަލީ ވަހީދު ތިއްބަވަނީ އިދިކޮޅު ރުއްްސަންތޯ ސުވާލުކޮށް ވެސް އެ ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

"ބަލަ ވަޒީރުކަމުގައި ތި ތިއްބެވީ އަބްދުއްރަހީމް ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ކުރަންތަ؟ ކަންކަން ރަނގަޅަށްދާނަމަ ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާނެ ރަނގަޅަށްދާ ކަމަށް. އޭރުން އިދިކޮޅުގެ ރުހުުން ނޫނީ ނުރުހުން އޮތްތޯ ބަލާކަށް ނުޖެހޭނެ... އިދިކޮޅުގެ ތާއީދު އޮތް ކަމަށް ދައްކަން މަސައްކަތް ކުރާނެ ކަމެއް." އެމްޑީޕީގައި ވަރަށް ހިދުމަތްތެރި ބޭފުޅަކު ފާޅުކުރެއްވި ހިޔާލެއްގައި ވެއެވެ.

އިދިކޮޅު ލީޑަރު، ރައީސް ޔާމީން ހުންނެވީ ޖަލުގަ އެވެ. މިވަގުތު އިދިކޮޅު ލީޑު ކުރައްވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އިދިކޮޅު ދެ ޕާޓީގެ ބޭފުޅުން ކުރިޔަށް ދަނީ ވެސް އެގޮތަށެވެ.

ސަރުކާރަށް އިދިކޮޅުގެ ތާއީދު އޮތް ކަމަށް ދެ ވަޒީރަކު ވިދާޅުވުމުން ހުރިހާ އެންމެންގެ ނަޒަރު ވެސް ހުއްޓުނީ އަބްދުއްރަހީމާ ދިމާއަށެވެ. ކުރިން 2005 އިން ފެށިގެން ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމްގެ ސިޔާސީ މިސްރާބު ބަދަލުވެ، ދައްކަމުންދިޔަ ވާހަަކަތަކުގެ ރާގު ބަދަލު ކުރެެއްވީތޯ ގިނަ ބަޔަކު ސުވާލު ކުރަން ފެށި އެވެ.

އެ ސުވާލުތަކަށް އަބްދުއްރަހީމް ވަގުތުން ޖަވާބު ވެސް ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު އޮތީ ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިންވެސް ފެއިލްވެފަ އެވެ. އަދި ކޮވިޑާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިނުގަނެވި، އަދި އަރައިގަންނާނެ ގޮތެއް ވެސް ނޭންގި ސަރުކާރު ދަނީ ވެސް އިތުރަށް ފޭލިވަމުންނެވެ.

"އެންމެ ފުރަތަމަ ވިދާޅުވީ އިގްތިސޯދަށް މާބޮޑު ލޮޅުމެއް ނާންނާނޭ. ބޯޑަރު ބަންދުކުރަންޖެހޭ ހާލަތެއް ނާންނާނޭ. މުސާރަތައްް ކުޑައެއް ނުކުރާނަމޭ. މަޝްރޫއުތަކެއް ހުއްޓައެއް ނުލާނަމޭ، ކިހިނެތްތޯވީ؟ އެ ހުރިހާ ކަމެއް މިއަދު އެ ތިއްބެވީ ބަދަލު ކޮށްގެން. އެެހެން އެވީ ސިއްހީ މާހިރުންގެ އިރުޝާދަށް ހަގީގަތުގައި އަމަލު ނުކުރެވުނީމަ." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އަމިއްލަ ކަމެއްގައި އަލީ ވަހީދަށް އޭނާ ގުޅުއްވި އެވެ. އަދި ރައީސް ޔާމީނާއި ގުޅުންހުރި ކަމެއްގައި އިމްރާން އަބްދުﷲ އާއި ފޯނުން ވާހަކަފުޅު ދެެއްކެވި އެވެ. ނަމަވެސް ދެ ވަޒީރުން ވެސް ހަގީގަތް އޮޅުވައިލައްވާ އިދިކޮޅުގެ ތާއީދު އޮތް ކަމަށް ދައްކަން މަސައްކަތް ކުރެއްވީ އެވެ.

އަބްދުއް ރަހީމް ވިދާޅުވި ގޮތުގައި އޭނާ އަލީ ވަހީދަށް ގުޅުއްވެވީ ކޮވިޑާ ގުޅިގެން މީހުން ކަރަންޓީން ކުރަން ފެށި ދުވަހު އޭނާގެ ބޭފުޅަކު ރާއްޖެ ވަޑައިގަތުމުން ކަރަންޓީނަށް ގެންދާތީ ކަރަންޓީނުގެ ކަންކަން ހަމަޖެހިފައިވާ ގޮތެއް ސާފު ކުުރައްވާށެވެ. އެވަގުތު އެކަމުގެ ތެރޭ އިސްވެ އުޅުއްވާތީ ފެނުނީ ވެސް އަލީ ވަހީދެވެ.

"އެއީ އަމިއްލަ ހައިސިއްޔަތުން އަޅުގަނޑު ކުރި މުއާމާލާތެއް. އެއީ ނުފޫޒެއްގެ ބޭނުން ކޮށްގެން ކަމެއް ކުރަން ކުރި ކޯލެއް ވެސް ނޫން. އެއީ އަލަށް ކަރަންޓީން ކުރަން ފެށި ރެެއަށްވެފައި އެކަން ހަމަޖެހިފައިވާ ގޮތެއް އާއިލާއިން ބަލަން ބޭނުންވާތީ... އެންމެ ފަހުން ޒާތީ އެ މުއާމަލާތުގެ ކަންކަންވެސް ސިޔާސީ ބޭނުމަށް ހިފައި އަޅުގަނޑުގެ ދަރިފުޅާމެދު ވެސް ވަރަށް ރަނގަޅަށް ކަންތައް ކުރެއްވިކަމަށް އެ ވިދާޅުވީ. އަޅުގަނޑު ދައްކަން ބޭނުން ނުވިތަން މިހާ ހިސާބުން މި ޖެހެނީ ދައްކަން. އެ ދުވަހު އަޅުގަނޑުގެ ދަރިފުޅަށް ފޮނުވި ސިމްކާޑު އަދިވެސް ނުލިބޭ. ކިހާ ރަނގަޅުތޯ؟"

އޭނާ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ތެރޭގައި ރައީސް ޔާމީނާ ބައްދަލު ކުރަން ބޭނުންވެގެން އެކަމާ އިމްރާނަށް ދެންނެވި އެވެ. ނަމަވެސް މި ހާލަތުގައި އެކަން ނުކުރެވޭނެ ކަމަށް މިނިސްޓަރު އިމްރާން އެންގެވުމުން އެކަން ގަބޫލު ކުރައްވާ ކަމަށް ދެންނެވުމަކީ އެއީ ސަރުކާރުގެ ސިޔާސަތުތައް ރަނގަޅުވެގެން އިދިކޮޅުން އެ ވާހަކަ އިމްރާންގެ އަރިހުގައި ދެންނެވުން ކަމަށް ވާނެ ގޮތެއް އެނގިވަޑައެއް ނުގަންނަވަ އެވެ.

"ދަންނަވަންތޯ އިމްރާންގެ ހައްދަވާފާނެ ކިތަންމެ ބޮޑު ދޮގެއް ވެސް. މަގާމު ދިފާއު ކުރުމަށްޓަކައި ދީންވެސް ގުރުބާން ކޮށްފާނެ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް ކޮށްދެމުން ނުދާއިރު ސަރުކާރުގެ ފިޔަވަޅުތައް ރަނގަޅު ކަމަކަށް އިދިކޮޅަކުން ނުބުނާނެ އެވެ. އެހެންވިއްޔާ ކުއްލިއަކަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަދި ކުރަމުންދާ މަސައްކަތްތަކަށް އިދިކޮޅުގެ ތާއީދު އޮތްކަން ދައްކަން މަސައްކަތެއް އިމްރާނާއި އަލީ ވަހީދު ދެއްކެވީ ކީއްވެގެން ހެއްޔެވެ؟