ރިޕޯޓް

އިމްރާން ސަލާމަތްކުރީ އިތުބާރު އޮވެގެންތަ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށައެޅީ މައިގަނޑު ދެ ކަމެއް ފާހަގަކުރުމާއެކު އެވެ. އެއީ ގެއްލިފައިވާ އަހުމަދު ރިލްވާން އަބްދުﷲ އަދި އަވަހާރަ ކޮށްލާފައިވާ ދީނީ އިލްމުވެެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން އެކި ފަހަރު އިމްރާން ދައްކަވާފައިވާ ވާހަކަތަކެވެ. އެ ވާހަކަތަކާއި ގުޅޭގޮތުން އިމްރާން މަޖިލީހަށް އޮޅުވާފައިވާ ކަމަށް ކުރާ ތުހުމަތެވެ. އަދި ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީގައި ހިންގި ކަންކަމާއި ގުޅޭގޮތުން އިމްރާން ދެއްކެވި ވާހަކަތަކެވެ. އަދި ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.

މި ދެ މައްސަލައަކީ އިދިކޮޅުން ސިޔާސީ ބޭނުމެއްގައި ނަގައިގެން އުޅޭ ދެ މައްސަލައަށް ވެދާނެ އެވެ. އެހެން ވިޔަސް އިމްރާންގެ މައްޗަށް ކުރެވިފައި ވަނީ ސީރިއަސް ތުހުމަތުތަކެކެވެ. ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކާމެދު މިފަދަ ތުހުމަތުތަކެއް ކުރެވުމަކީ އާދައިގެ ކުޑަ ކަމެއް ނޫނެވެ. އަދި މިއީ ހަމައެކަނި އިދިކޮޅުން ކުރާ ތުހުމަތެއް ވެސް ނޫނެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި ގިނަ ރައްޔިތުން ވެސް މި ތުހުމަތުތައް ފެށުނީއްސުރެ ކުރެއެވެ.

ފުރަތަމަ އަފްރަޝީމްގެ ގަތުލުގެ މައްސަލައާ ގުޅޭ ގޮތުން އެކި ފަހަރު އެކި ގޮތަށް އިމްރާން ދެއްކެވި ވާހަކަތަކެވެ. ދެހާސް ފަނަރައިގެ ކުރިން އިމްރާން ވިދާޅުވަމުން ގެންދެވީ އަފްރާޝީމްގެ މަރުން އެމްޑީޕީއަށް ބޯދަމައިގަނެވޭނެ އެއްވެސް ގޮތެއް ނުފެންނާނެއޭ އެވެ.

"މިއަދު އެމްޑީޕީއަށް މި ކަމުން ބޯދަބައި ގަނެވޭނެ ހަމަ އެއްގޮތެއް ވެސް މި ދުނިޔެއަކުން ނުފެންނާނެ. މި މައްސަލައިގެ ހުރިހާ ޒިންމާއެއް އެމްޑީޕީގެ އެންމެ މަތީ ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށް އަޅުގަނޑުމެން އެންމެން އިއުތިރާފު ވާނެ،" 2013 ގައި ބޭއްވި ޖަލްސާއެއްގައި އިމްރާން ވިދާޅުވި އެވެ.

އޭގެ ފަހުން އެމްޑީޕީއާ ގުޅުން ބަދަހިކޮށް ރަައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މެއި 1، 2015 ގައި ބޭއްވި ބޮޑު އެއްވުމުގައި އިމްރާން ކުރިން ދެއްކެވި ވާހަކަތައް މުޅީން އެކޮޅު ކޮޅުން ޖެހުނެވެ. ވިދާޅުވީ އަފްރާޝީމް އަލީ ގަތުލުކޮށްލި ހާދިސާގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކަމަށެވެ.

"ހުމާމު ބުނީ ތެދެއް! ހުމާމު ބުނީ ތެދެއް! ހުމާމު ބުނީ ޑޮކްޓަރު އަފްރަޝީމް ޝަހީދު ކުރި މީހުން އެންމެ ރަނގަޅަށް އެނގޭނީ ރައީސް ޔާމީނާއި އަހުމަދު އަދީބާ ދެ މީހުންނަށޭ. އެ ދެ މީހުންނަށް އެނގޭނެ! އާދެ މި ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިން އެ ދެ މީހުންނަކީ،" މޭޑޭ ގެ ބޮޑު އެއްވުމުގައި އިމްރާން ވިދާޅުވި އެވެ.

އެ ދުވަހު އިމްރާން ވަނީ އެކަމުގެ ހެކި ހުރި ކަމަަށް ވިދާޅުވެ ކަރުދާސްތަކެއް ވެސް ދައްކާފަ އެވެ. އެ ހެކިތައް ކޮބައިތޯ ދާދި ފަހުން މަޖިލީހުގައި އިމްރާނާ ސުވާލު ކުރި އެވެ. އެ ދުވަހު އިމްރާން ވިދާޅުވި ގޮތުގައި އެ ހެކިތައް އަތުލީ އޭނާ ހައްޔަރުކުރި ފުލުހުނެވެ.

"މޭޑޭ މުޒާހަރާގައި ތިޔަ ބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާ ވެސް ޖެހޭނީ ތަހުގީގެއް ފަށަން،" މަޖިލީހުގައި އިމްރާން ވިދާޅުވި އެވެ.

މިއީ އެއް ވާހަކައެއް އިމްރާން ބަދަލު ކުރެއްވި މިންވަރެވެ. އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކެވުމަކީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދި އެ ނޫން މަގާމެއްގައި ހުންނެވި ނަމަވެސް މަގާމެއްގައި ނެތް ނަމަވެސް ދައްކައިގެން ވާނެ ވާހަކަތަކެއް ނޫނެވެ. އިދިކޮޅުން އެ މައްސަލަތައް ފެންމަތިކޮށް އިމްރާންގެ އިތުބާރު ނެތް ކަމަށް މައްސަލަ މަޖިލީހަށް ވެއްދީ ސިޔާސީ ގޮތުންނެވެ. އެކަމަކު މިވަރަށް އެއް ވާހަކައެއް ތަފާތު ގޮތްގޮތަށް ވިދާޅުވެ ގައުމުގެ ދާހިލީ ވަޒީރު ވާހަކަ ދެއްކެވުން އެކަން ކުޑަ ކަމެއް ހެއްޔެވެ؟

އެމްޑީޕީން އަޅާ ނުލީ ސިޔާސީ ވިސްނުމުގައި

އިމްރާން އަބްދުﷲ އަކީ ސިޔާސީ މައިދާނުގައި ހުރި އެމްޑީޕީއާ އެންމެ އިދިކޮޅު ސިޔާސީ ލީޑަރަށްވާނެ އެވެ. އަދި އެމްޑީޕީން ވެސް އެންމެ ބޮޑަށް "ރުޅިއަރާ" ލީޑަރަކަށް ވެސް ވާނީ އޭނާ ވެއެވެ. އެމްޑީޕީއާ އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑެތި ތުހުމަތުތައްކޮށް އެންމެ ގިނައިން ވާހަކަ ދެއްކެވި ބޭފުޅަކަށް އިމްރާން ވެއެވެ.

ނަމަވެސް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅުމުން އެ މައްސަލައަށް އަޅާ ނުލައްވާ އިމްރާން ސަލާމަތް ކުރެއްވީ އެވެ. އެއީ ހަމައެކަނި ސިޔާސީ ބޭނުމުގައި ކުރެއްވި ކަމެކެވެ. އެމްޑީޕީގެ މެންބަރަކު ވަނީ އެ މޭރުމުން މަޖިލީހުގައި އެ ދުވަހު ވާހަކަ ވެސް ދައްކަވާފަ އެވެ. ކިތަންމެ ވަރަކަށް އިމްރާނަށް އިތުބާރު އޮތް ކަމަށް ފާސް ކުރެއްވި ނަމަވެސް އެމްޑީޕީއަށް އިމްރާންގެ އިތުބާރު ނޯންނާނެ ކަމަށް އެ މެންބަރު ވިދާޅުވި އެވެ. ހަގީގަތަކީ ވެސް އެއީ އެވެ.

ސިޔާސީ ބޭނުމަށް އެމްޑީޕީން ކުލަ ބަދަލުކޮށްލީ އެވެ. ކުރިންސުރެ އެންމެ ރުޅި އެރި މީހާގެ އިތުބާރު އޮތް ކަމަށް ހަދައި ސަލާމަތް ކުރީ އިދިކޮޅަށް ލިބިދާނެ ޕޮއިންޓަކަށްޓަކަ އެވެ. ނޫނީ ސަރުކާރަށް މި ވަގުތަށް ލިބިދާނެ ބައްޔަކަށްޓަކަ އެވެ. އެއީ އިމްރާނަށް އެމްޑީޕީގެ ކުޑަވެސް އިތުބާރެއް އޮވެގެން ކުރި ކަމެއް ނޫނެވެ.

"އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ހަމަ އެންމެ މެންބަރެއް ވެސް ނުހުންނާނެ އިމްރާނަށް އިތުބާރު ކުރާނެ. މިއީ ސިޔާސީ ނިންމުމެއް. ނަމަަވެސް އެހެން ކަމެއްވެސް އެބައޮތް. އެއީ މިވަގުތު ރައީސް ނަޝީދާ އިމްރާނާ ގުޅިފައި އޮތް އެހެން ގުޅުމެއް. އެއީ އިމްރާންގެ މިހާރުގެ ކައިވެންޏާ އޮތް ގުޅުމެއް. އެ ނޫން ގުޅުމެއް ނެތް. އަދި އެމްޑީޕީން އިމްރާނަށް އޮތް އިތުބާރެއް ވެސް ނެތް،" އެމްޑީޕީގެ ޕީޖީގައި ހިމެނޭ މާލޭގެ ދާއިރާއެއް ތަމްސީލް ކުރައްވާ މެންބަރަކު ވިދާޅުވި އެވެ.

އަވަސްއާ ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ވިދާޅުވި ގޮތުގައި އެ މައްސަލަ މަޖިލީހުގައި ނިމިގެން ދިޔައީ ޒިންމާދާރުކަން ކުޑަކޮށެވެ. އިމްރާންގެ މައްޗަށް އިދިކޮޅުން ފެންމަތި ކުރި ތުހުމަތުތަކަކީ ބަލަން ޖެހޭ ތުހުމަތުތަކެވެ. ނަމަވެސް އެ ފުރުސަތު ދޭން ސިޔާސީ ގޮތުން އެމްޑީޕީން ބޭނުން ނުވީއެވެ. އެއީ އެމްޑީޕީއަށް ވެސް އެކަމުން އޮތް ފައިދާ އޮވެގެނެވެ.

"އަޅުގަނޑުގެ ވިސްނުމުގައި އިމްރާން މަގާމުގައި ދެމި ހުންނެވުމަކީ ނުވަތަ އެ މަގާމުގައި ބެހެއްޓުމަށް އަޅުގަނޑުމެން [އެމްޑީޕީ] މަސައްކަތް ކުރުމަކީ ކުރަން ޖެހޭ ކަމެއް. އިދިކޮޅު ޕާޓީއަށް އަދި ރައީސް ޔާމީނަށް ވެސް އޭނާ [އިމްރާން] މެދުވެރިކޮށް ހަމަލާ ދޭން ސަރުކާރުން ބޭނުންވޭ. އެކަން އެ ދުވަހު މަޖިލީހުގައި ވެސް ކުރެއްވީ. އެއީ ސިޔާސީ ގޮތުން އިމްރާންގެ ދިފާއުގައި ނިކުންނަން ޖެހުނު ސަބަބަކީ،" އެހެން މެންބަރަކު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ރައްޔިތުންގެ ހައްގުގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ރައްޔިތުންގެ ލާބައާ މަންފާއަށް މަސައްކަތް ކުރާ ބަޔަކު ކުރާނެ ކަމެއް ވެސް ނޫނެވެ.

"މަޖިލީހުން ހަގީގަތުގައި އެ ދުވަހު ފެނުނީ ލަދުވެތި މަންޒަރެއް. ނަމަވެސް ސިޔާސީ ގޮތުން އެކަން ކުރަން ޖެހޭ ނޫންތޯ،"

ޖަވާބުދާރީވާން ތަފާތު ވާހަކަތަކެއް

އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން އިމްރާން ހިތްޕެވީ މުޅީން ތަފާތު ކޮށެވެ. ފުރަތަަމަ ކުރެއްވި ކަމަކީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވީ އެވެ. ދެން އިދިކޮޅަށް ހަމަލާ ދެއްވީ އެވެ. ވިދާޅުވީ މައްސަލަތައް ހުށަ އަޅަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ޕްރެޝަރު ކުރުމުގެ ގޮތުންނެވެ. އިތުބާރު ނެތް ކަމުގެ މައްސަލައަކީ "ބަހަނާ" އެކެވެ.

"ސިޔާސީ ގޮތުން ކުރިމަތިކުރުވާ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަން ޖެހޭ މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް އަޅުގަނޑު ނުވާނަން،" އިމްރާން ވިދާޅުވި އެވެ.

ދެން މުޅީންހެން ދެއްކެވީ ސަރުކާރުން ހޯދާފައިވާ ކުރިއެރުމުގެ ވާހަކަތަކެވެ. ގައުމަށް އައި ހަމަޖެހުމެވެ. އަދި އޭނާ ދުރުކޮށްފައި ރައީސް ޔާމީންގެ ވެރިކަން އަލުން އިއާދަ ކުރަން އުޅޭ ވާހަކަ އެވެ. މިހެން ގޮސް އިތުބާރު ނެތް މައްސަލައާ ކިތަންމެ ކަމެއް ގުޅުވިއެވެ.

"އަބަދުވެސް އަނިޔާވެރިވެރިކަމެއްގެ ހިޔަނީގައި ނާޖާއިޒު ނުފޫޒާއި ބާރާއި މުއްސަނދިކަން ލިބިގަންނަ ބަޔަކު ތިބޭނެ. އެފަދަ ވެރިކަމެއް ނެތިގެންދާ ކޮންމެ ފަހަރަކު އެ ވެރިކަމުގެ ފަސްބައިގައި އެލިގެން ތިބޭ ބަޔަކު އަދުލު އިންސާފަށް ހުރަސް އަޅައި، ގެއްލޭ ވެރިކަން އިއާދަކޮށް ގޮށްމުށުގެ ބާރު ހިންގަން އުޅޭކަން ތާރީހު ހެކިދޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން އެހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމުގެ އެއްވެސް ބާރެއް ގާނޫނީ ގޮތުން އަދި އެ ނޫން ގޮތަކުންވެސް އިމްރާނަކަށް ނެތެވެ. އެކަން އޭނާއަށް ވެސް ސަރުކާރަށް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެނގޭނެ އެވެ. ގާނޫނު އަސާސީގެ ދަށުން އެ ބާރު އޮންނަނީ އެގްޒެކްޓިވް އަށެވެ. ރައީސުލްޖުމްހޫރިއްޔާއަށެވެ. އެމަނިކުފާނަށް ވެސް އެ ފުރުސަތު އޮތީ ޕެރޯލް ބޯޑުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށެވެ.

ހޯމް މިނިސްޓަރަށް އޮތީ މީހުން ބަންދުކޮށްފައި ބައިތިއްބާނެ ޖަލުތައް ހުންނާނެ ރަށްރަށް ކަނޑައެޅުމުގެ ބާރެވެ. އަދި ޖަލު ހުކުމެއް އައުމުގެ ކުރިން ބަންދުގެ މަޖިލީހުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ތުހުމަތުވާ މީހަކު ބެހެއްޓުމުގެ ބާރެވެ. މީހުން ބަންދު ކުރާނެ ތަންތަން އުފައްދާ ކަނޑައެޅުމުގެ ބާރު ނޫން ބާރެއް ނެތްއިރު ރައީސް ޔާމީން މިނިވަން ކޮށްދޭން އިމްރާނަށް ކުރާނެ ޕްރެޝަރެއް ނެތެވެ. އެއީ ކިތަންމެ ޕްރެޝަރެއް އޮތަސް ވާން އޮތް ކަމެއް ނޫނެވެ. އެހެންވީމަ މިފަހަރު ވެސް ސިޔާސީ ގޮތެއްގައި އެ ހެއްދެވީ އިތުރުފުޅެކެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވަޒީރުންނާއި ކުރެވޭ ސުވާލުތަކަށް ވަޒީރުން ދެއްވާ ޖަވާބުތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިގެން ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ކިތަންމެ ވާހަކައެއް ދައްކަވަ އެވެ. ވަޒީރު ދެއްވާ ޖަވާބު ރަނގަޅު ނޫން ކަމަށް ވިދާޅުވެ އެވެ. ކުރައްވާ ސުވާލަށް ސީދާ ޖަވާބު ދެއްވަން އެދިވަޑައިގަންނަވަ އެވެ. ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދޭން އެދިވަޑައިގަންނަވަ އެވެ. އެ ނޫން ގޮތަކަށް އަމަލު ކުރައްވާނަމަ ހުއްޓުވާފައި ވެސް އެބަހުއްޓެވެ. އަދި ވަޒީރުން ޒިންމާ އަދާ ނުކުރައްވާ ކަމަށްވެސް ކަނޑައަޅާފައިވެސް ވެއެވެ.

އިމްރާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ހުށައެޅި މައްސަލާގައި އަސްލު މައްސަލައަށް ޖަވާބުދާރީވެވަޑައި ނުގެން އެ ނޫން އެތަށް ވާހަކައެއް ދެއްކެވިއިރު ވެސް ތުހުމަތުތަކުގެ އަސްލު ހާމަކުރެއްވުމަށް ބާރު އެޅުއްވުމުގެ ގޮތުން މިފަހަރު ކުރެއްވި ކަމެއް ނެތެވެ. ސަރުކާރަށް ޝަނާ ކިޔުއްވާ އިދިކޮޅަށް ފާޑު ވިދާޅުވުމުން ރައީސް ނަޝީދުގެ ހިތްޕުޅު ވެސް މިފަހަރު ހަމަޖެހުނީ އެވެ.

ނަމަވެސް އެއް މައްސަލައެއްގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެއްކުމަކީ މައްސަލައެކެވެ. އަމުދުން ސަރުކާރުގެ އިސްވެރިއަކު އެފަދަ ކަމެއް ކުރައްވައިގެން ނުވާނެއެވެ. އެހެން ކަމުން އިދިކޮޅުން ފެންމަތި ކުރި ތުހުމަތުތަކަށް މިނިސްޓަރު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަ އެވެ. އެއީ އަމިއްލަފުޅު ދިފާއުގައި ވެސް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. އަމުދުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ މަގާމެއްގައި ހުންނެވުމުން ރައްޔިތުންނަށްޓަކައި ވެސް އެކަން ކުރަން ޖެހެއެވެ. މިއަދު އެކަމުން ސަލާމަތްވީ ސިޔާސީ ސަބަބުތަކެއް ފަހަތުގައި އޮތުމުން ނަމަވެސް ޖަވާބުދާރީ ކުރުވާނެ އިތުރު ދުވަހެއް އަތުވެދާނެ އެވެ. އެހެން ކަމެއްވެސް އެބައޮތެވެ. މިއީ އެމްޑީޕީން އަދި މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ކުރިން އަމަލު ކުރައްވާ ގޮތާ ތަފާތު ގޮތެއްވެސް މެއެވެ. އަދި އެމްޑީޕީން ކުރިން ދެއްކި ވާހަކަތަކާއި ކުރި ކަންތަކާވެސް އިދިކޮޅު ކަމެކެވެ.