ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އެއްވެސް އިރަކު އެމްޑީޕީގެ ލީޑަޝިޕާއި އެމްޑީޕީގެ އާންމު މެންބަރުންގެ ރުހުމާއި ލޯބި އޮތް ބޭފުޅެއް ނޫނެވެ. އެހެން މެދުވެރިވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް އިމްރާން ތެދުވުމުންނެވެ. ރައީސް ނަޝީދަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވި އެއް ބޭފުޅަކީ ވެސް އިމްރާނެވެ. ރައީސް ނަޝީދުގެ އަގީދާއާ މެދު ސުވާލު އުފައްދަވާ އެމަނިކުފާނަށް އެންމެ ބޮޑެތި ތުހުމަތުތައް ކުރެއްވި ސިޔާސީ ލީޑަރަކީ އިމްރާނެވެ.
މިނިސްޓަރު އިމްރާނާ ދެކޮޅަށް އެމްޑީޕގެ ތެރެއިން އަނދަމުން ދިޔަ ހުޅުގަނޑު ފަޅައިގެން ދިޔައީ ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެންނެވެ. އެމްޑީޕީގެ ރުހުން އޮތް ބޭފުޅުން ވެސް ހިމަނައިގެން އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާ ނަޝީދުގެ ވެރިކަން ބަދަލުވީ "ބަޣާވާތަކުންތޯ" ބައްލަވާފަ އެވެ. އެކަމަކު ކޮމިޝަނުން ނިންމީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވަތަކުން ނޫން ކަމަށެވެ. އެ ހިސާބުން އެމްޑީޕީގެ ރުޅިވެރިކަމާއި ނަފްރަތު އެންމެ ބޮޑަށް އަމާޒުވީ ވެސް އިމްރާނަަށެވެ. އެމްޑީޕީގެ އާންމު ގިނަ މެންބަރުން އިއްޔެ ވެސް މިއަދު ވެސް ގަބޫލުކުރާ ގޮތުގައި އިމްރާނަކީ "ބާޣީ" އެކެވެ.
އެމްޑީޕީގެ ރުޅިވެރިކަން އެ ދަރަޖައަށް އިމްރާނަށް އޮތް ނަމަވެސް މުޅި މަންޒަރު ބަދަލުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރޭވި ސިޔާސީ ރޭވުމުގެ ތެރެއިންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހުރިހާ އިިދިކޮޅު ލީޑަރުންހެން ޖަލަށްލި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެ އެވެ.
ރައީސް ޔާމީންގެ ހުރިހާ ވާދަވެރިން ޖަލަށް ލުމުން އޭރު އިދިކޮޅުގައި އޮތް އެ ހުރިހާ ޕާޓީތަކެއް ގުޅިގެން ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ޔާމީންގެ ވެރިކަމާ ދެކޮޅަށް ކޮށްފައިވެ އެވެ. އެމްޑީޕީން ވެސް އެ ހަރަކާތްތަކުގައި ބޮޑު ދައުރެއް އަދާކުރި އެވެ. ޖަލަށް ވަޑައިގަތުމުގެ ކުރިއަށް އެ ހަރަކާތްތަކުގައި އިމްރާން ވެސް އިސް ދައުރެއް އަދާކުރެއްވި އެވެ.
އޭރު ބޭރު ފުށަށް އެމްޑީޕީގެ ބައެއް ބޭފުޅުންގެ ރުހުން އިމްރާނަށް އޮތް ކަމަށް ދެއްކެވި ނަމަވެސް އެބޭފުޅުން އިމްރާނަށް އެއްވެސް އިރަކު އިތުބާރެއް ނުކުރައްވަ އެވެ. އެމްޑީޕީގެ އަމާޒަކަށް ވެފައި އޮތީ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަނުކުރެއްވޭތީ އެޕާޓީގެ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ކުރިއަށް ނެރުއްވައިގެން އެހެން ސިޔާސީ ލީޑަރުންގެ ރުހުމާއި ތާއީދާ އެކު ފުރަތަމަ ކަމަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމެވެ. އޭގެފަހުން ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމްތަކުން އެމަނިކުފާނު ސާފުކޮށްލުމެވެ. އެކަން އެމްޑީޕީން އެވަނީ އެ ޕާޓީން ކުރެހި ޗާޓާއި އެއްގޮތަށް ކޮށް ނިންމާފަ އެވެ.
އެމްޑީޕީއަށް ވެރިކަން ލިބި، ބާރު ލިބުމާއެކު އެމްޑީޕީއަށް އިމްރާނެއް މުހިއްމެއް ނޫނެވެ. އެކަމަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށްވެފައި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކޯލިޝަންގެ ވެރިކަމެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށްވާތީ އިމްރާނަށް ވެސް ވަޒީރު ކަން ދެއްވެވީ އެވެ. ރައީސް ސޯލިހުގެ ވައުދު ފުއްދެވުމަށް ކޯލިޝަން ހިފަހައްޓަވައިގެން ހުންނެވި ނަމަވެސް ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އެމަނިކުފާނު ވެސް ހުރިހާ ކަމެއް ނުކުރައްވަ އެވެ. އެކަމުގައި ރައީސް ސޯލިހަށް އޮތް އެންމެ ބޮޑު ޕްރެޝަރަކީ ވެސް އަމިއްލަފުޅު ޕާޓީ، އެމްޑީޕީއާއި ރައީސް ނަޝީދެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި އިމްރާން ރައީސް ކަން ކުރައްވާ އަދާލަތު ޕާޓީ އަށް ސަރުކާރުގެ ތެރެއިން ދީފައިވާ މަގާމުތައް މިހާރު ވެސް މާގިނަ އެވެ. މަޖިލީހުގައި އަދާލަތުގެ އެއްވެސް މެންބަރަކު ނެތުމުން ސަރުކާރުގެ ތެރެއިން އަދާލަތަށް ލިބެންޖެހޭ ބައި ބޮޑުވުމަކީ އެމްޑީޕީ ރުހޭ ކަމެއް ނޫނެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިމްރާން އިސްވެ ހުންނަވައިގެން ހިންގެވި އަމަލުތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ އެމްޑީޕީން އަބަދުވެސް ދައްކާ ވާހަކަ އެކެވެ. އެމްޑީޕީގެ ބޮޑު ބައިވެރިވުމެއް އޮތް އެ ޕާޓީގެ ދެވަނަ ވެރިކަމެއް ލިބުމުން ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅަން އެމްޑީޕީން މިހާރު ވެސް ބޭނުންވެ އެވެ. އެކަމަކު އެކަމަށް އޮތް އެންމެ ބޮޑު ހުރަކަށް ވެފައި އޮތީ ފުލުހުންނަށް ޖަވާބުދާރީވާ ވެރިޔަކަށް ހޯމް މިނިސްޓަރުގެ ހައިސިިއްޔަތުން އިމްރާން ހުންނެވުމެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އިމްރާން އެ މަގާމުގައި ހުންނަވައިގެން އެމްޑީޕީން ހޯދަން ބޭނުންވާ އިންސާފު ހޯދުމަށް ދަތިވާނެ އެވެ. އެވާހަކަތައް ޕާޓީގެ އެކިއެކި ބައްދަލުވުންތަކާއި މަޖިލީހުގެ ތަޅުމުގައި ވެސް އެމްޑީޕގެ މެންބަރުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މިފަހުން މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުންގެ ފާޑު ކިޔުން އެންމެ ބޮޑަށް އަމާޒުވި އެއް ވަޒީރަކީ ވެސް އިމްރާނެވެ.
އެމްޑީޕީގެ މެންބަރުންގެ ރުޅިވެރިކަމާއި ނަފްރަތުގެ ބަސްތައް އިމްރާނަށް އަމާޒުވަމުން ދަނިކޮށް ރައީސް ސޯލިހް މިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކިކޮށްފަ އެވެ. އިތުބާރު ހުރި ބައެއް ފަރާތްތަކުން އަވަސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ސޯލިހް އެ ނިންމުން ނިންމެވީ ކުއްލި ގޮތަކަށެވެ. އެ ނިންމެވުމުގައި ފަހަތުގައި ރައީސް ނަޝީދު ރުއްސެވުމުގެ ކަންތައްތަކެއް ހިމެނެ އެވެ.
ރައީސް ސޯލިހުގެ ނިންމެވުން އަންގަވާ ރައީސް އޮފީހުން އިމްރާނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކިކުރީ މިއަހަރުގެ މާޗް 28 ވަނަ ދުވަހުން ފެށިގެން އަމަލުކު ރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި "ދިވެހި ފުލުހުންގެ ހިދުމަތް" އެެއީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ އެވެ.
"މިގޮތަށް ހަމަޖެއްސުމާ ގުޅިގެން މާރިޗް 27، 2021 އިން ފެށިގެން ތިޔަ މިނިސްޓްރީ އާއި ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން މި ސިޓީއާއެކު ފޮނުވީމެވެ،" ރައީސް އޮފީހުގެ ސިޓީގައިވެ އެވެ.
އެކަމަކު ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ފުލުހުންނަށް ޖަވާބުދާރީ ވާންޖެހޭ ވަޒީރަކު ހުންނަންޖެހޭ ކަން ވަރަށް ސާފެވެ.
ގާނޫނުގެ 68 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެހާ ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސް ފަރާތަކީ ވަޒީރެވެ. ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ވަޒީރެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ 242 ވަަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންނެވެ. އަދި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ކަންކަމުގައި ރައީސޤއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ކޮން އިދާރާ އަކުން ކަމެއް ނޭނގޭތީ ގާނޫނީ ބޭފުޅުން އެ ސުވާލު އެބައުފައްދަވަ އެވެ.
ނިންމެވުމުގެ ފަހަތުގައި ވަނީ ކޮން ކަމެއް
ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ދެން ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ މިދިޔަ ޖުލައި 12 ގައި ވިދާޅުވެފަ އެވެ. ރައީސް ސޯލިހާ މެދު ރައީސް ނަޝީދު އެންމެ ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެވީ ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހާ މެދު ސަރުކާރުން ކަންތައްތައް ކުރެއްވި ގޮތުންނެވެ. އެ ބިލް ހުށަހެޅި ގޮތަށް ފާސް ކުރެއްވުމަށް ރައީސް ނަޝީދު ބޭނުންވި އެވެ. އެކަމަކު އަދާލަތު ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރު އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރާއި އަދިވެސް އެ ޕާޓީގެ ބައެއް އެހެން އިލްމުވެރިން ފާޅުގައި އެ ބިލާ ދެކޮޅު ހައްދަވާ ރައީސް ސޯލިހަށް ހުށަހެޅުންތަކެއް ހުށަހެޅުއްވި އެވެ. އެކަމާ ގުޅިގެން ބިލްގެ މަސައްކަތް މުޅިން ހުއްޓިގެން ދިޔަ އެވެ.
ދެވަނަ ކަމަކަށް ރައީސް ނަޝީދު މިވަގުތު އެންމެ ބޭނުން ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރާށެވެ. އެކަމުގައި ވެސް އެމްޑީޕީ ފިޔަވާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއް ވަނީ ދެކޮޅު ހަދާފަ އެވެ. ހާއްސަކޮށް އިމްރާން ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން އެކަމާ ދެކޮޅު ހައްދަވާފައިވެ އެވެ. އެމްޑީޕީން މީގެ ކުރިން ސަރުކާރުގެ ތެރެއިން ކުރަން ބޭނުންވި އެހެން ބައެއް ކަންކަމުގައި ވެސް އިމްރާން ވަނީ ދެކޮޅު ހައްދަވާފަ އެވެ. އެއީ ވެސް އެމްޑީޕީ އާއި ރައީސް ނަޝީދުގެ ރުޅިވެރިކަން އިމްރާނަށް އޮތް ސަބަބެކެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކިކޮށްލުމަކީ އިމްރާންގެ ސަބަބުން އެމްޑީޕީގެ ތެރެއިން ރައީސް ސޯލިހަށް ކުރިމަތިވާ ފާޑުކިޔުންތަކާއި ހިތްހަމަ ނުޖެހުމަށް ހައްލެއް ހޯދައިދޭން ރައީސް ސޯލިހު އެޅުއްވި ފިޔަވަޅެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ރައީސް ނަޝީދު، ރައީސް ސޯލިހާ މެދު ވާހަކަދައްކަވާ ރާގު ބަދަލުވެ ރައީސް ސޯލިހާ ގުޅިގެން މަސައްކަތް ކުރެއްވޭނެ ކަމަށްވެސް ރައީސް ނަޝީދު މިފަހުން ވިދާޅުވެފައިވެ އެވެ.
އިމްރާންގެ މަސްލަހަތު ހުރި މައްސަލަތަކެއް
އިންތިގާލީ އިންސާފުގެ ގާނޫނުގެ ނަމުގައި ގާނޫނެއް އެކުލަވާލައި އިންތިގާލީ އިންސާފުގެ އޮފީސް އެވަނީ ގާއިމުކޮށްފަ އެވެ. އިންތިގާލީ އިންސާފުގެ ގާނޫނުގެ ބިލް އެންމެ ފުރަތަމަ އެކުލަވާލީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަން އެކަނި ބަލާ ގޮތަށެވެ. ނަމަވެސް ފަހުން އެކި ދިމަދިމާލުން ސަރުކާރަށް ކުރިމަތިކުރި ފިއްތުއްތަކާ ގުޅިގެން ރައީސް އަމީންގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމާ ދޭތެރޭ ހިނގާދިޔަ ކަންކަން ބަލަންޖެހޭ ގޮތަށް ގާނޫނު މަޖިލީހުން ފާސްކުރި އެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަމުގައި އިމްރާން ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި އަމަލުތަކެއް ބެލުމަށް ހުށަހަޅާފައިވެ އެވެ. އިންތިގާލީ އިންސާފުގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު އޮތް މިނިވަން އިދާރާ އަކަށްވީ ނަަމަވެސް އެ އޮފީހުގެ މަސައްކަތްތަކުގައި ތަހުގީގީ އިދާރާތަކުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑެވެ. އެހެންކަމަށް ވާނަމަ ފުލުހުން ޖަވާބުދާރީ ވާންޖެހޭ ވަޒީރަކަށް އިމްރާން ހުންނަވައިގެން އޭނާއާ ގުޅޭ މައްސަލަތައް ބެލުމުގައި މަގާމުގެ ހައިސިއްޔަތުން ނުސީދާކޮށް ނަމަވެސް ނުފޫޒު ފޯރުވޭނެ ގޮތްތައް ހުންނާނެ އެވެ. ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރި ސަބަބަކަށް އެކަންވެސް ވެދާނެ އެވެ.
ނިންމުމާ ގުޅިގެން އަދާލަތުގެ ވިސްނުން
ނަންނުޖެހުމަށް ޝަރުތުކޮށް އަދާލަތު ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސްގެ ނިންމެވުމަކީ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ހައިރާން ކަމެއް ލިބި ވަޑައިގެންނެވި ނިންމެވުމެކެވެ. ރައީސް އެގޮތަށް ނިންމެވި ސަބަބެއް އިތުރަށް ސާފު ކުރެއްވުމަށް އިމްރާން މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސްގެ ބާރު ސަރުކާރުގެ ތެރެއިން ކަނޑުވާލާނަމަ އެއީ ރައީސް ސޯލިހް ހައްދަވާނެ ގޯހެކެވެ. އެކަމުގައި ރައީސްއާ މަޝްވަރާ ކުރައްވައިގެން ހައްލު ހޯއްދަވަން މަސައްކަތް ކުރައްވާނެ އެވެ. ހައްލު ނުލިބިއްޖެނަމަ "އިތުރު ގޮތެއް" ހޯދާނެ އެވެ. ނަމަވެސް އެގޮތަކީ ކޮބައިކަމެއް ވިދާޅެއް ނުވި އެވެ.
"އަޅުގަނޑުމެން ވަކިން ހާއްސަކޮށް ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ވަނީ މިސަރުކާރު ވެރިކަމަށް ގެންނަން ބޮޑު ގުރުބާނީ އެއްް ވެފައި. އެކަމަށް ރައީސް ސޯލިހް ވެސް އިހްތިރާމް ކުރައްވަން ވާނެ. ރައީސް ސޯލިހް ނިސްބަތްވާ ޕާޓީގެ ޕްރެޝަރަށް ނުވަތަ ރައީސް ނަޝީދުގެ ޕްރެޝަރަށް އިމްރާން ސައިޒްކޮށްލައި ކުޑަކޮށްލުމަށް ހިންގާ ކޮންމެ ކަމަކާ އަދާލަތުން ދެކޮޅު ހަދާނެ،" އޭނާ ވިދާޅުވި އެވެ.