މިއަހަރުގެ ރިޔާސީ އިންތިހާބު ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހައްދަވާ ކޯލިޝަނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއިދު ހޯއްދެވުމަށް އަދާލަތު ޕާޓީގެ ފަރާތުން މަސައްކަތް ފަށައިފި އެވެ.
ރައީސް ސޯލިހުގެ ކޯލިޝަނަށް ގާސިމްގެ ތާއިދު ހޯއްދެވުމަށް އަދާލަތު ޕާޓީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވަނީ ސަން އައިލެންޑް ރިސޯޓަށް ވަޑައިގަންނަވާފަ އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އިމްރާން ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާއި ބައްދަލު ކުރެއްވިކަން އިމްރާންގެ އަރިސް ބޭފުޅުންވެސް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ރައީސް ސޯލިހުވެސް ވަނީ ޖޭޕީގެ ލީޑަރު ގާސިމްއާއި މިމަހުގެ އެއްވަނަ ދުވަހު ބައްދަލު ކުރައްވާފަ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހާއި ގާސިމްއާ ދެމެދު ކުރިއަށްދިޔަ ބައްދަލުވުމަކީ ރައީސް ސޯލިހްގެ އިސްނެންގެވުމަކަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
ދެ ބޭފުޅުން އެކަނި ތިއްބަވައިގެން ކުރިއަށް ގެންދާ މިބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވެ އެވެ.
ރައީސް ސޯލިހް ވަނީ އެކުގައި އިންތިހާބަށް ނިކުތުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ސިޓީ ފޮނުއްވާފަ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ އެމްޑީޕީގެ މެންބަރުންތަކެއްވެސް ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ގާސިމްއާއި ބައްދަލު ކުރައްވާފަ އެވެ.
ރައީސް ނަޝީދު ވަނީ މިދިޔަ ހަފްތާ ބަންދުގައި ޖޭޕީން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ދެ ރަސްމިއްޔާތުގައިވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.