މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން ނިންމައިފި އެވެ.
ޖޭޕީގެ ކައުންސިލުން މިހެން ނިންމާފައި މިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ހުށަހެޅި ގަރާރެއް ފާސް ކޮށްގެންނެވެ. މި ގަރާރު ފާސްވެފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންކަމަށް ޖޭޕީން ބުނެ އެވެ.
"ރިޔާސީ ކެންޑިޑޭޓާއި، ކޯލިޝަނެއް ހަދަންޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި، އިހްްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރި ކުރެވޭނެ ގޮތް ކަމަށް އަޅުގަނޑަށް ފެންނަ ހިނދު އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ،" ނާޒިލްގެ ގަރާރުގައި ވެއެވެ.
ޖޭޕީގެ ކޮންގްރެސްއިންވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ އަމިއްލަ ކެންޑިޑޭޓެއް ނެރުމަށް ޖޭޕީގެ ކައުންސިލަށް ލަފާ ދީފަ އެވެ.
ކައުންސިލް ބައްދަލުވުމުން މި ގަރާރު ފާސް ކުރުމާއިއެކު ޖޭޕީން އަމިއްލަ ކެންޑިޑޭޓެއް ނެރޭނީތޯ ނުވަތަ އެހެން ޕާޓީއަކާއި އެކު ކޯލިޝަން ހަދާނީތޯ ނިންމުމުގެ ބާރު ގާސިމްއަށް ލިބިގެން ދާނެ އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ގާސިމް އަރިހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަނާއި ގުޅުމަށް ދައުވަތު އަރުއްވާފަ އެވެ.
މީގެ އިތުރުން ރައީސް ސޯލިހުވެސް ވަނީ ޖޭޕީގެ ލީޑަރު ގާސިމްއާއި މިމަހުގެ އެއްވަނަ ދުވަހު ބައްދަލު ކުރައްވާފަ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހާއި ގާސިމްއާ ދެމެދު ކުރިއަށްދިޔަ ބައްދަލުވުމަކީ ރައީސް ސޯލިހްގެ އިސްނެންގެވުމަކަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ އެމްޑީޕީގެ މެންބަރުންތަކެއްވެސް ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ގާސިމްއާއި ބައްދަލު ކުރައްވާފަ އެވެ.