ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށް ރައީސް ސޯލިހް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ގޮވާލެއްވުމާ ގުޅިގެން އެމަށް ރައްދުދެއްވައިފި އެވެ.
ރައީސް ސޯލިހް މިހާރު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ދެވަނަ ބުރަކަށް ރިޔާސީ އިންތިހާބު ގެންދިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މި ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު މަސައްކަތް ކުރުމަށް އަދިވެސް ވަގުތު އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަވެރި ކެންޑިޑޭޓުން ނެތް ކަމަށެވެ. އިންތިހާބު ކާމިޔާބު ކުރުމަށް ސީރިއަސްކޮށް މަސައްކަތް ކުރަނީ މަދު ކެންޑިޑޭޓުން ކަމަށާއި ބައެއް ކެންޑިޑޭޓުންގެ މަސައްކަތަކީ އިންތިހާބު ދެވަނަ ބުރަކަށް ގެނދިޔުން ކަމަށެވެ.
ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ބޭނުމަކީ ދެވަނަ ބުރުގައި ކޯލިޝަނެއް ހެދުން ކަމަށާއި ދެން އޮތް ދައުރުގައި، ސަރުކާރުގެ ތެރެއިން މަގާމުތަކެއް ހޯދުން ކަމަށެވެ. ރައީސް ވަނީ މި ވާހަކަތައް މި ކެމްޕޭންގައި މީގެކުރިންވެސް މިވާހަކަތައް ދައްކަވާފަ އެވެ.
ނ. މަނަދޫގައި ރޭ ބޭއްވި ޖޭޕީގެ ކެމްޕޭން ޖަލްސާއެއްގައި ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ އޭނާ އަމިއްލަފުޅު އިސްނެންގެވުމަކުން އެއްވެސް ޕާޓީއަކާއި ކޯލިޝަން ހެދުމަށް ނުދާނެ ކަމަށެވެ. ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފް ކުރިފަހުން ބޭއްވި އިންތިހާބުތަކުގައި ކާމިޔާބު ކުރި ޕާޓީތަކާއެކު ޖޭޕީން ކޯލިޝަން ހެދި ކަމުގައިވިޔަސް އެއީ އެ ސިޔާސީ ޕާޓީތަކުން ދިން ދައުވަތަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކޮށް ދެ ފަހަރުވެސް ކާމިޔާބު ނުވުމުން ދިޔައީ ގެއަށް ކަމުގައިވެސް ވިދާޅުވި އެވެ.
"އެފަހަރު އަޅުގަނޑުމެން ނުހޮވުނީމާ ވެސް ދިޔައީ ގެއަށް. ގޭގައި ތިބީ 2013 ގައިވެސް. އަޅުގަނޑުމެން ނުދަން ޕީޕީއެމް ކައިރިއަކަށް. އަޅުގަނޑުމެން ނުދަން އެމްޑީޕީ ކައިރިއަކަށް. އެބޭފުޅުން އައީ. ވަށަވަށައިގެން މީހުން ފޮނުވައިގެން. މިވެނި ޕަސެންޓެއް ދޭނަން އެވެނި ޕަސެންޓެއް ދޭނަން މިހާ ލާރި ދޭނަން އެހާ ލާރި ދޭނަން ކިޔަކިޔާފައި އައީ. އަޅުގަނޑުމެން ލާރިއަކު ވެސް ނުހިފަން،" ގާސިމް ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދަށް 2008 ވަނަ އަހަރުގައި ކާމިޔާބު ލިބިވަޑައިގަތީ ނަޝީދުގެ އެދިވަޑައިގަތުމަކަށް ދެވަނަ ބުރުގައި ޖޭޕީން، އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމުން ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ. ފުރަތަމަ ބުރުގައި ނަޝީދަށް ލިބިވަޑައިގަތީ 25 ޕަސަންޓު ވޯޓު ކަމަށާއި ޖޭޕީން ކޯލިޝަން ހެދުމުން ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރެވުނީ 54 ޕަސަންޓާއެކު ކަމަށްވެސް ގާސިމް ފާހަގަކުރެއްވި އެވެ.
ގާސިމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ކަންތައްތައް ވެގެން ދިޔައީ ހަމަ އެކަހަލަ ގޮތަކަށް ކަމަށެވެ. އެގޮތުން އެ ފަހަރުގެ އިންތިހާބުގައިވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރެވުނީ ޖޭޕީއާއި އެކު ކޯލިޝަން ހެދުމުން ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި މި ދެ ޕާޓީން ކޯލިޝަން ހަދަން އައުމުންވެސް، ޖޭޕީން އެދުނު ހަމައެކަނި ކަމަކީ އެ ޕާޓީގެ މެމްބަރުންނަށް ސަރުކާރުގެ ތެރެއިން ދެވެން އޮތް އެންމެ އިސް މަގާމެއް ދިނުން ކަމަށެވެ. އެހެންނަމަވެސް މި ޕާޓީތަކާއި އެކު ހެދި ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
މިވާހަކަތައް ދެއްކެވުމަށްފަހު ގާސިމް ވަނީ "ބޮޑު ޕާޓީ" އަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ. އަދި 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު އެކުލަވާލެވުނު ސަރުކާރުތައް އެކުލަވާލެވުނީ ޖޭޕީން އެގޮތަށް އެ ފުރުސަތު ދިނުމުން ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޖޭޕީން ކޯލިޝަން ހަދައިގެން އެކުލަވާލެވުނު ސަރުކާރުތަކުން އެ ސަރުކާރުގެ ކޯލިޝަނުން ޖޭޕީ ބޭރުކޮށް ރައްޔިތުންނަށް އަނިޔާވެރި ވަމުން ދިޔައީ ޖޭޕީގެ އިހުލާސްތެރިކަން ނެތިގެން ނޫން ކަމަށެވެ. ހާއްސަކޮށް ޕީޕީއެމްގެ ސަރުކާރުން އަމަލުކޮށްފައިވަނީ ދެރަވަރު ގޮތަކަށް ކަމަށް ގާސިމް ސިފަކުރެއްވި އެވެ.