ފައިސަލް ނަސީމް

ދައުވަތު އެރުވުމުންވެސް ނައިބު ރައީސް ކޮންގްރެސްގައި ބައިވެރިވެވަޑައިނުގަތް

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ދައުވަތު ނައިބު ރައީސް ފައިސަލް ނަސީމަށް ދެއްވި ނަމަވެސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ޖޭޕީން ބުނެފި އެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމަށް ދައުވަތު ސިޓީގައި ސޮއި ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ.

ޖޭޕީ އިން މުހިއްމު ނިންމުންތަކެއް ނިންމުމަށްޓަކައި އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ފެށީ އިއްޔެ އެވެ.

ކޮންގްރެސްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ދެއްވި އެވެ. ރައީސް ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައި ހުންނެވިއިރު ރައީސް މައުމޫނު ހުންނެވީ މެލޭޝިއާގަ އެވެ.

ޖުމްހޫރީ ޕާޓީގެ 22،607 މެންބަރުންގެ ފަރާތުން މި ކޮންފަރެންސްގައި ނިންމާނެ އެންމެ މުހިއްމު ނިންމުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެކެވެ. އެއީ ޖޭޕީން އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމާއި އަދި ކޯލިޝަން ހެދުމާ މެދުވެސް ގޮތްތަކެއް ނިންމުމެވެ.