ގިނަ ޕާޓީތަކެއް ހިމެނޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ރިޔާސީ އިންތިހާބެއް ބާއްވާފައިވަނީ 2008 ވަނަ އަހަރު އެވެ. އެއިންތިހާބުގެ ނަތީޖާ އަކީ ދިގު 30 އަހަރު ރާއްޖޭގައި ވެރިކަންކުރެއްވި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް އައުމެވެ. ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނެސް، ދިވެހިރައްޔިތުން އިހުތިޔާރު ކުރީ އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި މުހައްމަދު ނަޝީދެވެ. އެ އިންތިހާބުގައި ހަ ކެންޑިޑޭޓެއް ވާދަކުރެއްވި އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ގިނައިން ވޯޓެއް ނުލިބުނެވެ.
އެއާއެކު އެންމެ ގިނައިން ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓުލުން ކުރިޔަށްގެންދަން ޖެހުނެވެ. އެއީ 40 ޕަސެންޓް ހޯއްދެވި އޭރުގެ ރައީސް މައުމޫން އާއި 24 ޕަސެންޓް ހޯއްދެވި މުހައްމަދު ނަޝީދެވެ. ފުރަތަމަ ބުރު ނިމުމާއެކު ދެން ފެނިގެންދިޔައީ ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެންނެވި ކެންޑިޑޭޓުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާޢީދުކުރައްވާ މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެއްވިތަނެވެ. އޭގެ ތެރޭގައި އިންތިހާބުގެ ފުރަތަމަ ބުރުން ތިންވަނަ ހޯއްދެވި ގައުމީ ޕާޓީގެ ކެންޑިޑޭޓް ހަސަން ސައީދާއި ހަތަރުވަނަ ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ. މިބޭފުޅުން ހިމެނޭ ގޮތަށް އިދިކޮޅު ކޯލިޝަނެއް އުފެދިގެންދިޔަ އެވެ. އެކޯލިޝަން ގުޅިގެން ކުރި މަސައްކަތުން ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް އައެވެ. އެއާއެކު ސިޔާސީ މަޝްރަހުގައި އާ ފޮޓޯއެއް އުފަންވި އެވެ. އެއީ މި ކިޔާ ކޯލިޝަންގެ ފޮޓޯ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް އިންތިހާބު ކާމިޔާބުކުރެއްވުމާއެކު ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ސަރުކާރެއް އެކުލަވާލެވު ނެވެ. އެހެންނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެމަންޒަރު ބަދަލުވެ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނެގި ފޮޓޯގައި އަތާއަތް ގުޅުވައިގެން ތިއްބެވި ބޭފުޅުން ފަހަރަކު ބޭފުޅަކު ނަޝީދާ ދުރަށް ޖެހިވަޑައިގަތެވެ. ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމަށް ދިނުމަށްފަހު 21 ދުވަހުގެ ތެރޭގައި ޤާސިމް އެމަގާމުން ވަކިކުރެއްވި ކުރެއްވުމާއެކު އެކޯލިޝަންގައި ރެދަކަށް ފަހު ރެދެއް އެޅި އެންމެ ފަހުން ރޫޅިގެން ދިޔައީ އެވެ. ދެން ފެންނަން ފެށި މަންޒަރަކީ، ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި ބޭފުޅުން ބައި ހަދާފައި އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރައްވަން ފެއްޓެވީ އެވެ. ނަޝީދާއެކު ކުރިން ނެންގެވި ފޮޓޯ ބަދަލުކުރެއްވުމަށްފަހު މަދަނީ އިއްތިހާދުގެ ނަމުގައި އިއްތިހާދެއް ސިޔާސީ އަށް ޕާޓީއެއް އެކުލެވޭގޮތަށް އުފެދި އޭރު އޮތް އެމްޑީޕީ ސަރުކާރު ނިމުމަކަށް ގެނައުމުގެ މަސައްކަތް ފެށި އެވެ. މިއީ ސިޔާސީ މައިދާނުގައި އަނެއްކާ ވެސް އުފަންވި އެހެން ފޮޓޯ އެކެވެ. އޭގެ ނަތީޖާއަކަށްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމެވެ. އެއަށްފަހު އޭރުގެ ނައިބު ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުގެ ހުވާކުރައްވާ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އެކުލަވާލެވިގެން ދިޔަ އެވެ. އެއާއެކު ކުރިން ވެރިކަން ކުރަމުން އައި އެމްޑީޕީ އިދިކޮޅު ސިޔާސީ ޕާޓީއަށް ބަދަލުވެ ދެން ބާކީ ހުރި ސިޔާސީ ޕާޓީތައް ސަރުކާރު ހިންގާ ޕާޓީތަކަށް ބަދަލުވެގެންދިޔަ އެވެ.
ދެން އައީ ގިނަ ޕާޓީތައް އެކުލެވިގެން ރާއްޖޭގައި ބޭއްވި ދެވަނަ ރިޔާސީ އިންތިހާބެވެ. މިއިންތިހާބުގައި ވާދަކުރެއްވީ އޭރު ވެރިކަންކުރައްވަމުން ގެންދެވި ޑރ. ވަހީދު އާއި ކުރީގެ ރައީސް ނަޝީދާއި، މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އެވެ. އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ގިނައިނެއް ވޯޓް ހޯދޭ ގޮތެއް ނުވި އެވެ. އެހެންކަމުން އެންމެ ގިނަ ވޯޓު ފުރަތަމަ ބުރުގައި ހޯއްދެވި ދެ ކެންޑިޑޭޓުންކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނުގެ މެދުގައި ދެވަނަ ބުރެއް ބާއްވަންޖެހު ނެވެ. އެއާއެކު ހުރިހާ ސިޔާސީ ޕާޓީތަކުން ޔާމީންގެ ފަޅިއަށް އަރައި ކޯލިޝަނެއް ހެދި އެވެ. އަނެއްކާ ވެސް ސިޔާސީ އާ ފޮޓޯއެއް އުފަންވި އެވެ. އަދި މި ބުނި، ގުޅިފައިވާ ކޯލިޝަނުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރި އެވެ. އިންތިހާބު ކާމިޔާބު ކުރައްވާ ރައީސް ކަމާ ޔާމީން ހަވާލުވެވަޑައިގެން ސަރުކާރު ހިންގަވަން ފެށުމާއެކު އަނެއްކާވެސް މަންޒަރު ބަދަލުވާން ފެށި އެވެ. ރައީސް ޔާމީނާއެކު އެއް ފޮޓޯއެއްގައި ތިއްބެވި ބޭފުޅުން ފޮޓޯއިން ގެއްލި އެފޮޓޯއަކީ ހަމައެކަނި ޕީޕީއެމް އާއި އެމްޑީއޭގެ ބޭފުޅުންގެ ފޮޓޯއަކަށް ބަދަލުވީ އެވެ.
ރައީސް ޔާމީނާއެކު ކުރިން ފޮޓޯގައި ތިއްބެވި ބޭފުޅުން އަނެއްކޮޅުން އެހެން ފޮޓޯއެއް ނަންގަވަން ފެށިއެވެ. މިފޮޓޯގައި ހިމެނިވަޑައިގެންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން އެވެ. މިބޭފުޅުން އިސްކޮށް ހިމެނޭގޮތަށް އުފެދިގެން އައި އިދިކޮޅު ކޯލިޝަނުން މަސައްކަތްކުރަމުންދަނީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނާށެވެ. އަނެއްކާ ވެސް ސިޔާސީ ފޮޓޯ މުޅިން އިދިކޮޅަށް ބަދަލުވީ އެވެ.
ބޯމަތީގައި އޮތީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. މިހާރު އުފެދިފައިވާ އިދިކޮޅު ކޯލިޝަނުން އެއްބަސްވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓެއް ނެރެ މިހާރު ވެރިކަމުގައި އޮތް ޕީޕީއެމްގެ ސަރުކާރު ނިމުމަކަށް ގެންނާށެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި ކޯލިޝަން ހަދާފައިވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ކަމުގައިވިޔަސް ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު ފެންނަ ފެނުމަށް ބަލާއިރު، އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ފުރަތަމަ ބުރުންވެސް ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނާ މަންޒަރުދައްކާ ށެވެ. އެހެންނަމަވެސް މިނަތީޖާ ނެރެން އިދިކޮޅު ފަރާތްތަކަށް އަދި ވަނީ ހުރަސްތައްކުރިމަތިވެފަ އެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު އިދިކޮޅު ކޯލިޝަންގައި ތިއްބެވި ބޭފުޅުން އެކުގައި ނަންގަވަމުން ގެންދެވި ފޮޓޯ މިހާރު ވަނީ އަނެއްކާވެސް ބަދަލުވާން ފަށާފަ އެވެ. އެއް ކެންޑިޑޭޓެއް ނެރުމުގެ މައްސަލާގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތްއިރު އިދިކޮޅު ކޯލިޝަނަށް އެއް ކެންޑިޑޭޓެއް ނުނެރެވިއްޖެނަމަ އަނެއްކާވެސް މި ފޮޓޯ ބަދަލުވެގެންދާނެ އެވެ. އެހެންނަމަވެސް ސުވާލަކީ ދެން ނެގިގެންދާނީ ކޮން ފޮޓޯއެއް ހެއްޔެވެ؟ އެފޮޓޯގައި މިހާރު މިތެއްބެވި ސިޔާސީ ބޭފުޅުންގެ ތެރެއިން މަދުވެ އިތުރުވާނީ ކޮންކޮން ބޭފުޅުންނެއްހެއްޔެވެ؟ ހަތުރުންނާއި މިތުރުންނަށް ވާނީ ކޮންބައެއް ހެއްޔެވެ؟ އެފޮޓޯއަށް ޖެހޭނީ ކުޑަ އިންތިޒާރެއް ކޮށްލާ ށެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެފޮޓޯ ސާފުވެގެން ނިކުންނާނެ އެވެ.