މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުން ނުކުމެ ވަނީ ކުރިއަށް އޮތް ފަސް އަހަރަށް އެމީހުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރާނެ މަންދޫބުން އިންތިހާބުކޮށްފަ އެވެ. ގާނޫނު ހަދަން އިންތިހާބު ކުރި 19 ވަނަ މަޖިލީހުގެ 87 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކޮށްފައިވާއިރު ހުރިހާ ގޮތަކުން ވެސް، މި އިންތިހާބު ރާއްޖޭގެ ތާރީހުގައި ލިޔެވޭނެ އެވެ. ތަފާތު 10 ޕާޓީއަކުން މިފަހަރުގެ އިންތިހާބަށް ކުރިމަތިލާފައިވަނީ ކާމިޔާބު ކުރެވޭނެ ފޯމިއުލާތައްނެރެ ދުރާލާ ހިސާބު ޖަހައިގެނެވެ. ނަތީޖާތައް އިއުލާނުވަމުންދާއިރު މި އިންތިހާބުގެ ފާހަގަކޮށްލެވޭ ހިސާބު އަދަދުތަކުގެ ޝައުގުވެރިކަން ވެސް ކުޑައެއް ނޫނެވެ.
80 ޕަސެންޓް މީހުން
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލާފައިވާ ފަހަރުކަން މި ޕަސެންޓޭޖުން އެނގުނެވެ.
މިދިޔަ ހޮނިހިރު ދުވަހު 105،077 އަންހެނުން ވޯޓުލާފައިވާއިރު 107،002 ފިރިހެނުން ވެސް ވޯޓުލާން ނުކުތެވެ.
65 ގެ ސާފު އަޣުލަބިއްޔަތު
ޒަމާނުއްސުރެ ހައްލުނުވެ ހުރިހާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޭނުންވާ ހުރިހާ ގާނޫނީ އިސްލާހުތައް ހިމަނައިގެން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ހުށަހެޅި "އެޖެންޑާ 19" ރައްޔިތުންގެ މަގުބޫލުކަން ހޯދި މިންވަރު މިދިއަ ހޮނިހިރު ދުވަހު ވަނީ ހާމަވެފަ އެވެ. ނަތީޖާއަށް ބަލާއިރު، އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވޭއިރު، މިއީ ރާއްޖޭގެ ތާރީހުގައި އެއް ޕާޓީއަކުން ނުކުމެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިހާރު އޮތް ގޮތުން، އިތުރު އެއްވެސް އެހީތެރިކަމެއްނެތި، ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު ވެސް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.
އިދިކޮޅަށް 15 ގޮނޑި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ އުފައްދާފައިވާ ދެ ސިޔާސީ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ޖުމްލަ 46 ކެނޑިޑޭޓުން ނެރެގެންވެސް، ކާމިޔާބު ކުރެވިފައިވަނީ އެންމެ އަށް ގޮނޑި އެވެ.
ވަގުތީ ނަތީޖާތައް ދައްކާގޮތުން، ރައީސް ޔާމީންގެ އެންމެ އަރިސްކޮށް އުޅުއްވި ދެ ބޭފުޅުން ކަމަށްވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އާއި މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
އެ އަދަދުގެ ތަންކޮޅެއް ފުނަށް ފީނާލުމުން، ވެރިކަންކުރާ ކޯލިޝަނުގައި ހިމެނުނު ނަމަވެސް، ރުޅި ހަދާލައިގެން އިދިކޮޅާ ގުޅިގެން ވާދަކުރި ޖުމްހޫރީ ޕާޓީއަށް ފަސް ގޮނޑި ލިބިފައިވާއިރު، އެމްޑީއޭއަށް ލިބުނު ދެ ގޮނޑި ހިމެނުމުން ވެސް، "އިދިކޮޅު" ހުރިހާ ޕާޓީތަކެއް އެއްކޮށްލައިގެން ވެސް ހަމަވާ 15 އަކީ، ރާއްޖޭގެ ތާރީހުގައި އިދިކޮޅަށް އެންމެ މަދުން ގޮނޑި ލިބުނު ފަހަރެވެ.
އަންހެނުންނަށް 4
މި ފަހަރުގެ އިންތިހާބާ ދިމާކޮށް ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ހިއްސާ ބޮޑު ކުރަން ކެނޑިނޭޅި ގޮވާލާ އަޑު އިތުރަށް ގަދަވެފައިވީ ނަމަވެސް، "ރެކޯޑް" އަދަދެއް ކަމަށްވާ 37 އަންހެން ކެނޑިޑޭޓުން ވާދަ ކޮށްގެން މިފަހަރު ހޮވުނީ އެންމެ ހަތަރު މެމްބަރުންނެވެ. އެއީ 87 މެމްބަރުންގެ މަޖިލީހެއްގެ އެންމެ 4.5 ޕަސެންޓެވެ.
4،852 ބާތިލު ވޯޓް
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތަކަށް ބަލާއިރު، ބާތިލް ވޯޓުގެ ގޮތުގައި މިފަހަރު 4،852 ވޯޓު ހިމެނެ އެވެ. މިއީ ފާއިތުވި އިންތިހާބުތަކަށް ބަލާއިރު އެންމެ ބާތިލު ވޯޓު ގިނަ އިންތިހާބެވެ.
މި ރެކޯޑް ގާއިމުވެފައިވަނީ، އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އެކަމާއި ގުޅިގެން، ބައެއް ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން ވެސް އިލެކްޝަންސް ކޮމިޝަނުގައި ދަނީ އެދެމުންނެވެ.
އެކަކަށް އެންމެ ގިނައިން ލިބުނީ 1،931 ވޯޓް
މިއީ މިދިޔަ ހޮނިހިރު ދުވަހު އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ލިބުނު އަދަދެވެ. އެ ފަހުރު ހޯއްދެވީ އެމްޑީޕީގެ ޓިކެޓުގައި ހިތަދޫ ދެކުނު ދާއިރާ އިން ހޮވިވަޑައިގެންނެވި އިބްރާހިމް ނާޒިލެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު، ނާޒިލް ހޮވިވަޑައިގެންފައިވަނީ އެ ދާއިރާ އަށް ވޯޓުލާ އާބާދީގެ 70 ޕަސެންޓުންނެވެ.
3،993 މީހުންގެ ވޯޓް ސިއްރެއް ނޫން
ރީރަޖިސްޓްރީކުރި މީހުންގެ ތެރެއިން 3،993 މީހަކު ވޯޓު ލާ ފޮއްޓަށް، އޭނާ ނިސްބަތްވާ ދާއިރާގެ އެހެން މީހަކު ވޯޓެއް ނުލަ އެވެ. އޭގެ މާނައަކީ އެ 3،993 މީހުންގެ ވޯޓު ސިއްރު ނުވާނެ ކަމެވެ. އެހެންކަމުން ވޯޓުގެ ނަތީޖާ އިއުލާން ކުރުމާ އެކު އެ މީހުން ވޯޓު ލީ ކެންޑިޑޭޓު ވެސް އެނގޭނެ އެވެ.
މީގެ އިތުރުން ވެސް ވޯޓު ސިއްރުނުވުމުގެ ފުރުސަތު އޮތް 3،256 މީހަކު ރީރަޖިސްޓްރީކޮށްފައިވެ އެވެ. އެގޮތަށް ދިމާވަނީ އެއް ފޮއްޓަކަށް އެއް ދާއިރާއަކަށް ވޯޓު ލާ އެންމެ ދެ މީހުން ތިބުމެވެ. އޭގެ މާނައަކީ އެއިން ފޮއްޓަކަށް އެތަނުން އެކަކު ވޯޓު ނުލައިފި ނަމަ ދެން ހުރި މީހާގެ ވޯޓުގެ ސިއްރުކަން ގެއްލުމެވެ.
ދެމަފިރިކަނބަލުން
އިންތިހާބުން ފާހަގަ ކޮށްލެވުނު އެއް ކަމަކީ ދެ ދެމަފިރިކަނބަލަކު ހޯއްދެވި ކާމިޔާބީ އެވެ. އަންނަ މަޖިލީހުގައި ދެ ދެމަރިފިކަނބަލަކު ތިއްބަވާނެ އެވެ. އެގޮތުން، މިހާރު ވެސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އޭނާގެ ފިރިކަލުން މުހައްމަދު ނާޝިޒާއި ގާނޫނީ ވަކީލް ހިސާން ހިސެއިންނާއި އޭނާގެ ފިރިކަލުން އިބްރާހިމް ނާޒިލެވެ. މި ހަތަރު ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ޓިކެޓްގައި ޕްރައިމަރީ ކާމިޔާބު ކުރައްވައި އެމްޑީޕީގެ ޓިކެޓްގައި އިންތިހާބަށް ނުކުމެވަޑައިގެންނެވި ބޭފުޅުންނެވެ.
12 އިން 1
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ އަޑު ގަދަވި 12 މެންބަރުންނަށް އަންނަ މަޖިލީހުގެ އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ވަނީ ޖެހިވަޑައިގެންފަ އެވެ. ނިމެންމިދާ މަޖިލީހުގައި އާންމުންގެ އެންމެ ޝައުގުވެރިކަން ހޯއްދެވި 12 މެމްބަރުންގެ ތެރެއިން، ގޮނޑި ދިފާއު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނަށް އެކަންޏެވެ.
ބާރަ މެންބަރުންގެ ދާއިރާތަކުން ކުރި ހޯދާފައިވާ ގިނަ ބޭފުޅުންނަކީ ސިޔާސީ ދާއިރާއަށް ވަރަށް އާ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރެއިން ގިނައީ އަލަށް މަޖިލީހަށް ވާދަ ކުރެއްވި ބޭފުޅުންނެވެ.
މައުމޫނަށް އެންމެ ގޮނޑިއެއް
ކޮންމެ ރޭހެއްގައި ވެސް އެއްވަނަ ހޯދުމަކީ ކޮންމެ ބައިވެރިއެއްގެ ވެސް އުއްމީދަކަށް ވާނެ އެވެ. ނަމަވެސް، މިފަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބީ ލިބިފައިވަނީ އެންމެ ކެނޑިޑޭޓަކަށެވެ.
ރައީސް މައުމޫންގެ 20 ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް، ކާމިޔާބީއާ ހަމައަށް ދެވުނީ ނިލަންދޫ ދާއިރާއަށް ރައީސް މައުމޫންގެ ތާއީދާއެކު ވާދަ ކުރި އަބްދުލް މުހުސިން ހަމީދަށް އެކަންޏެވެ. އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ އިތުރުން ރައީސް މައުމޫންގެ އަރިސް އައިމިނަތު ނާދިރާ ވެސް ނާކާމިޔާބުވެފަ އެވެ.
އިތްޒަތްތެރި މެންބަރު ރައީސް ނަޝީދު
ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހޮވިވަޑައިގަތް ބޭފުޅަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހޮނިހިރު ދުވަހު ވެވަޑައިގެންފަ އެވެ.
މީގެ ކުރިން ރާއްޖޭގެ ރައީސްކަން ކުރެއްވުމަށް ފަހު އެއްވެސް ބޭފުޅަކު މަޖިލީހުގެ މެމްބަރުކަން ނުވަތަ ދައުލަތުގެ އެހެން މަގާމެއް ވެސް އަދާ ކުރައްވާފައެއް ނުވެ އެވެ. އެކަމަކު މައްޗަންގޯޅީ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި، ނަޝީދު މަޖިލީހަށް ހޮވި ވަޑައިގަތުމާ އެކު، މިއީ ކުރީގެ ރައީސަކު މަޖިލިސް މެމްބަރު ކަން ކުރައްވާ ފުރަތަމަ ފަހަރަށް ވާނެ އެވެ.
އަދާލަތަށް ސުމެއް
އެމްޑީޕީގެ ތާއީދާއެކު ވާދަ ކޮށްގެން ވެސް، އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވި ސުމެއްގައި އޮވެ އަދާލަތު ޕާޓީން ވަނީ އިންތިހާބު ނިންމާލައިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އަދާލަތުން ނުވަ ދާއިރާއެއްގައި ވާދަކުރި އެވެ. ނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާ އިން ފެންނަ ގޮތުގައި، މިހާރުގެ މަޖިލިހުގައި އަދާލަތު ތަމްސީލު ކުރައްވާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމަށް ވެސް ގޮނޑި ދިފާއެއް ނުކުރެއްވުނެވެ.