ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކޮށް ހިފަހައްޓަމުން އަންނަ ކަމަށް ތުހުމަތުކޮށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުން "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުން ހުރި ކޮންމެ ހަރަކާތެއް އެ ދެ މުއައްސަސާއިން ދަނީ ހުއްޓުވަމުންނެވެ. އެ ކެމްޕެއިނާ ގުޅުން ހުރި ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް އަދި ލިޔުންތައްވެސް ދަނީ ނަގަމުންނެވެ.
މީގެ އިތުރުން އެއްވުންތަކާއި މުޒާހަރާތައްވެސް ހުއްޓުވައެވެ. ރޭ އޮތް "އިންޑިއާ އައުޓް" އިހުތިޖާޖުވެސް ވަނީ ހުއްޓުވާފައެވެ. އިހުތިޖާޖުގައި ބައިވެރިވި ޒުވާން އަންހެނަކު އުފުލައިގެން ހުރި "އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ރަތް ދިދައެއް އަތުލުމަށް ސިފައިންގެ މީހަކު ދުވެފައިދާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ. ވަރަށް ގިނަ ބަޔަކު ދަނީ އެ ވީޑިއޯގައި ފެންނަ ސިފައިންގެ މީހާގެ އަމަލުތައް ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ.
އެމްނެސްޓީގެ ކަންބޮޑުވުންވެސް އައީ މި ވީޑިއޯއާއެކުގައެވެ. އެ ވީޑިއޯ ރިޓްވީޓްކޮށް އެމްނެސްޓީއޭސިޔާ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައީސްގެ ގަރާރާއެކު ހިޔާލުފާޅު ކުރުމާއި މުޒާހަރާ ކުރުމުގެ ހައްގު ހަނިކުރި ކުރުމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި ނޫސްވެރިންނާ ދެކޮޅު ހަރަކާތް ބޮޑުކޮށް އިހުތިޖާޖުތައް ހުއްޓުވާ ފިޔަވަޅު އަޅަމުންދާ ކަމުގެ މައުލޫމާތު އެ ޖަމާއަތަށް ލިބެމުންދާ ކަމަށެވެ. ގާނޫނުން ކަށަވަރުކޮށްދޭ ހައްގެއް ހިފެހެއްޓޭނީ ގާނޫނީ ހަމައިގެ ތެރެއިންކަންވެސް ވަނީ ހަނދާން ކޮށްދީފައެވެ.
އަދި މުޒާހަރާތަކުގައި ބާރުގެ ބޭނުން ކުރުން ކުށްވެރިކޮށް އެކަންކަން ބަލާ އިންސާފު ގާއިމު ކުރުމަށް ގޮވާލާފައިވެއެވެ.
އެމްނެސްޓީން މިހެން ބުނެފައިވާއިރު ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ފަހަތަށް ވަނީ ސޮއްސާލާފައެވެ. ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އެކުލަވާލަނީ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކިޔާ އަމިއްލަ ޖަމިއްޔާ އަކުންނެވެ.
މި ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގަ އެެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ ލިސްޓްގެ 87 ވަނައިގަ އެވެ. މިއީ ޖުމްލަ 180 ގައުމު ހިމެނޭ މި ލިސްޓަށް ގައުމުތައް ދަރަޖަ ކުރިއިރު ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.