ޕީޕީއެމް

"ޝިޔާމް ހައްޔަރުކުރީ ސެކިއުރިޓީ ފެއިލްވުމުގެ ޒިންމާއިން ރެކެން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅުއްވުމުގެ ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހުންނެވި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމު ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކުމަށް ކަމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ މުއައްސަސާ ފެއިލްވުމުން އެކަން ފޮރުވާ ޒިންމާއިން ރެކުމަށް ބަހަނާ ދައްކާ، ޝިޔާމު ހައްޔަރު ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ. ރޭގެ ސުލްހަވެރި އިހުތިޖާޖު ލީޑުކޮށް ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ ޖިނާއީ ކުށުގެ ޓެގް އަޅުވާ ޝިޔާމު ހައްޔަރުކުރުން ބަލައިނުގަންނަ ކަމަށާއި އެއަމަލު ކުށްވެރިކުރާ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވަނީ ބުނެފަ އެވެ.

"ސުލްހަވެރި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތަކީ ނާއިބު ރައީސް ޝިޔާމު އެސަރަހައްދުގައިވެސް ނެތް ވަގުތަކަށްވާއިރު، އެމަނިކުފާނުގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް އެމަނިކުފާނު ހައްޔަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކެން ދެއްކި ބަހަނާއެއްކަށް ނޫނީ ނުވާނެ،" އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅުން ބުނީ އިހުތިޖާޖު ނިންމާލުމަށް އިހުތިޖާޖުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސްގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެއީ ރޭވިގެން ހިންގި އަމަލެއްގެ ގޮތުގައި އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެހެން ނޫންނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުން ނުވަތަ އެ ދެ މުއައްސަސާ އެންމެ މަތިން ފެށިގެން ފެއިލް ވެފައިވާ ކަމުގެ އަލާމާތެއް ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އިދިކޮޅުން ވަނީ އެ މައްސަލަ މިނިވަން މުސްތަގިއްލު ފަރާތަކުން ލަސްނުކޮށް މިހާރުން މިހާރަށް ތަހުގީގުކޮށް އެ ދެ މުއައްސަސާ އިސްލާހު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފަ އެވެ.