މުހައްމަދު އަސްލަމް

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލަ 241 ކޮމިޓީއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލަ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކޮށްފައިވާ ކަމަށް އެ ކޮމިޓީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެމައްސަލައާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.

"241 ކޮމިޓީން ދެކޭ ގޮތް ބުނެވޭނީ ކޮމިޓީން ނިންމާ ގޮތެއްގެ މައްޗަށް. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ކަންބޮޑުވުންތަކެއް އެބަ ހުރި،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑާރު އަސްލަމް ވިދާޅުވީ ރައީސްގެ މޮޓޯކޭޑްގެ ކުރިމައްޗަށް ކުއްލިއަކަށް އަރާ ހުރަސް އެޅިގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކަން އެހެން ހިނގައިގެން ނުވާނެ ގޮތަކަށް ރައީސްގެ މޮޓޯކޭޑްގެ ހަރަކާތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާ ރައީސްގެ ސަލަމާތަށް ނުރައްކާކޮށް ރައީސްއަށް ބިރުދެއްކި ދެއްކުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމުން އަންނަނީ ކޮންމެ ރެއަކުވެސް ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ.

ކޮންމެ ރެއަކު މުޒާހަރާ ކުރާކަން އެނގި ހުރެ ރައީސްގެ މޮޓޯކޭޑް އެމަގުން ދިއުމަކީ ސަލާމަތީ އިދާރާތަކުގެ އިހުމާލަކުންވީ ކަމެއް ކަމަށް ގަބޫލުކުރަންތޯ އަވަސްއިން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އެކަމާއި މެދު އެއްޗެއް ބުނަން އެނގޭނީ ކޮމިޓީން މި މައްސަލަ ބަލާ ނިމުމުން ކަމަށެވެ.

އަސްލަމް ވިދާޅުވީ 241 ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ސަލާމަތީ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު -- ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.

ރައީސްގެ މޮޓޯކޭޑަށް ބޮޑުތަކުރުފާނު މަގުން، ދެކުނުން އިރަށް ދުއްވާފައި ދެވޭ ގޮތް ނުވުމުން ރައީސްގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް -- އެސްޕީޖީގެ ބޭފުޅުން ވަނީ ރައީސްގެ މޮޓޯކޭޑު އަނބުރާ އައިކޮޅަށް ފޮނުވާލާފަ އެވެ.